މުބާރާތް ބޭއްވޭނެ ފެންވަރުގެ އިމާރާތެއް ނެތުމުން މިއަހަރުގެ ގައުމީ ޓޭބަލްޓެނިސް (ޓީޓީ) މުބާރާތް ބޭއްވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
ޓީޓީގެ މުބާރާތްތައް ކުރިން ބާއްވަމުން އައީ ސޯޝަލް ސެންޓަރުގެ ގޯތި ތެރޭގައި ހަދާފައިވާ އިމާރާތެއްގެ ތެރޭގައެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ބިމެއްގެ ގޮތުގައި އޮތް އެ ބިން އެމިނިސްޓްރީ ބޭނުން ވުމުން ޓީޓީ އެސޮސިއޭޝަނުން ވަނީ އެތަނުން ނިކުމެފައެވެ. މިހާރު އެ އެސޯސިއޭޝަންގެ އޮފީސް ގާއިމު ކޮށްފައި ވަނީ ހެންވޭރުގައި ހުންނަ މުނިއުފާ ޔޫތު ސެންޓަރު ކުރިން ހިންގި ތަނުގަ އެވެ.
ނަމަވެސް އެތަނަކީ، ޓީޓީގެ ބޯޑުތައް އަތުރައި މުބާރާތްތައް ކުރިއަށް ގެންދެވޭނެ ފެންވަރުގެ ތަނެއް ނޫނެވެ.
ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ޓީޓީ އެސޯސިއޭޝަންގެ ރަސްމީ އިމާރާތެއްގެ ގޮތުގައި ބޭނުން ކުރާނީ، ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުން އުތުރުން އޮތް ބިމުގައި އަޅާ އަމާރާތް ކަމަށެވެ. ނަމަވެސް އެ އިމާރާތުގެ މަސައްކަތް ފެށޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
"އެންމެ ފުރަތަމަ ޓިޓީގެ އިމާރާތެއްގެ ގޮތުގައި އަޅުގަނޑުމެން ބޭނުން ކުރަމުން ދިޔައީ އެތަށް [ކުޅިވަރު އެކުވެނީގެ ހުރި އިމާރާތް] ނަމަވެސް އެތަށް ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރުމުން ގިނަ ދުވަސް ވެގެން އިމާރާތް ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު ހީވުމުން ހައުސިންގ މިނިސްޓްރީން އަޅުގަނޑުމެން ސޯޝަލް ސެންޓަރުގައި ހުރި ބިމަށް ބަދަލު ކުރީ."
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ޓިޓީގެ އިމާރާތެއްގެ ގޮތުގައި ބޭނުން ކުރީ، ސޯޝަލް ސެންޓަރުގައި ހަދާފައި ހުރި ތަނެވެ.
އަލީ ވިދާޅުވީ، ގައުމީ މުބާރާތް މިއަހަރު ނުބޭއްވިއްޖެނަމަ ދެން ބާއްވާނީ އަންނަ އަހަރު ކަމަށެވެ. ގައުމީ މުބާރާތަކީ ރާއްޖޭގެ ޓިޓީގެ އެންމެ ފޯރިގަދަ މުބާރާތެވެ. މުބާރާތުގައި މިހާރު ވެޓަރަންސް ކެޓަގަރީވެސް ހިމަނާފައި ވުމުން ކުރީގެ ކުޅުންތެރިންގެ މެދުގައިވެސް އެ މުބާރާތުގެ ފޯރި ގަދަ އެވެ.