ލައިފްސްޓައިލް

ޑައި ކުރުމުން ވެސް ކެންސަރުގެ ނުރައްކާ!

Oct 17, 2017
1

ކެންސަރަކީ ރާއްޖޭގައި މިހާރު ހަލުވި މިނެއްގައި ފެތުރެމުން އަންނަ އެއް ބައްޔެވެ. ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި އުމުުރުން ދުވަސްވީ މީހުނަށް ވެސް ޖެހޭކަން ނަމްބަރުން ދައްކައެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު ކެންސަރު ޖެހިފައިވާ މީހުން ނިސްބަތުން ގިނަ އެވެ. ލޭގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، އުރަމަތީ ކެންސަރާއި މިހެންގޮސް ކެންސަރުގެ އެކި ބާވަތްތައް ރާއްޖޭގައި ވެސް މިހާރު އަންނަނީ ފެތުރެމުންނެވެ.

ރާއްޖޭގައި ކެންސަރު ބަލި އާންމު ނަމަވެސް އެ ބައްޔަށް ރާއްޖޭގައި ފަރުވާ ދޭން ފެށުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ހުޅުމާލޭ ހޮސްޕިޓަލުން މިހާރު ކެންސަރަށް ދޭ ފަރުވާ ކުރެވޭނެ އެވެ.

އާންމު ގޮތެއްގައި ކެންސަރު ޖެހެނީ ދިރިއުޅުމުގައި ނުވަތަ ކެއިން ބުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކެއްގެ ސަބަބުންނެވެ. ސައިންސްވެރިން މިވަނީ ކެންސަރު ޖެހުމަށް މަގުފަހިވާ އިތުރު ގޮތަކާބެހޭ މައުލޫމާތުތަކެއް އާންމުކޮށްފަ އެވެ. ކެންސަރު ޖެހެން މެދުވެރިވާ އެތައް އެތައް ސަބަބުތަކެއް މިވަނީ ކިޔައިދީފަ އެވެ. އެގޮތުން ދާދި ފަހުން ދިރާސާ ކުރުމަށް ފަހު ސައިންސްވެރިން މިހާރު ބުނަނީ އަންހެނުން މާގިނައިން އިސްތަށިގަނޑު ޑައީ ކުރާނަމަ ވެސް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

އެހެންވެގެން ލަންޑަނުގެ ޕްރިންސެސް ގްރޭސް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރު ކީފާ މިވަނީ މާ ގިނައިން އިސްތަށިގަނޑު ޑައީ ނުކުރަން އަންހެނުންނަށް އިލްތިމާސެއް ވެސް ކުރައްވާފަ އެވެ.

އޭނާ ވިދާޅުވަނީ އެންމެ ގިނަވަގެންވެސް އިސްތަށިގަނޑު ޑައީ ކުރަންވަނީ އަހަރަކު ފަސް ފަހަރު ކަމަށެވެ. އަދި ބޮލުގައި ކުލަ ޖައްސާ ޑައީ ކުރަން ބޭނުން ނަަމަ ހީނާ ފަތާއި ބީޓް ރޫޓް ފަދަ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އިސްތަށިގަނޑުގައި ކުލަ ޖައްސަންވެސް އޭނާ އިލްތިމާސް ކުރައްވަ އެވެ.

ބޮލުގައި ކުލަޖައްސާ ޑައީ ކުރާ މީހުން އުމުރުން 40 އިން މައްޗަށް ދިއުމުން ގަވާއިދުން ކެންސަރަށް ސްކްރީން ކުރަންވެސް އޭނާ އެދި ވަޑައިގަންނަވަ އެވެ.