ކުޅިވަރު

ފީފާ ރޭންކިންގައި ރާއްޖެ 2 ދަރަޖަ ފަހަތަށް

Oct 17, 2017

ފީފާ ރޭންކިންގައި ރާއްޖެ 2 ދަރަޖަ ފަހަތައް ވެއްޓިއްޖެއެވެ. ރާއްޖެ އޮތީ ފީފާ ރޭންކިންގެ 156 ވަނަ މަގާމުގައެވެ. ސަރަހައްދުގެ އެއްވަނަ މަގާމުގައި އޮތީ އިންޑިޔާއެވެ. ދެދަރަޖައިގެ ކުރިއެރުމަކާއެކު އިންޑިޔާ އޮތީ 105 ވަނައިގަ އެވެ.

ފީފާ ރޭންކިންގައި އިންޑިޔާ ނޫން ހުރިހާ ސާކްގެ ގައުމުތަކެއް މިފަހަރުވަނީ ދަށަށް ގޮސްފައެވެ. ނޭޕާލް 176 ވަނަ މަގާމުގައި އޮތްއިރު ބޫޓާން 16 ދަރަޖަ ފަހަތަށް ވެއްޓި އޮތީ 190 ވަނަ މަގާމުގައެވެ. 196 ވަނައިގައި ބަންގްލަދޭޝް އޮތްއިރު 198 ވަނަ މަގާމުގައި އޮތީ ސްރީ ލަންކާއެވެ. ޕާކިސްތާން އޮތީ 201 ވަނަ މަގާމުގަ އެވެ.

ސިޔާސީ މައްސަލަތަކާ ގުޅުގެން ފީފާއިން ވަނީ ޕާކިސްތާންގެ ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފައެވެ. ފަހަކަށް އައިސް އެގައުމުން މެޗެއް ކުޅެފައިނުވާއިރު އެންމެ ފަހުން އިންޑިޔާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައިވެސް ޕާކިސްތާން ބައިވެރިނުވެ އެވެ.

އޭޝިޔާގެ ޓީމްތަކުގެ ތެރެއިން އެންމެ ކުރީގައި އިރާން އޮތްއިރު ދެވަނަ މަގާމުގައި އޮތީ އޮސްޓްރޭލިއާއެވެ. ތިންވަނަ ލިބެނީ ޖަޕާންއަށެވެ.