ލައިފްސްޓައިލް

ސިޒޭރިއަން ހަދައިގެން ނަގާ ކުދިން މާ ބޮޑަށް ފަލަވޭ

Oct 18, 2017

ފަހަކަށް އައިސް ތުއްތު ކުދިން މާ ބޮޑަށް ފަލަވެ އުމުރާ ނުގުޅޭ ވަރަށް ބަރުދަން އިތުރުވަމުން އަންނަ މައްސަލައަކީ ވަރަށް ގިނަ މައިން ކަންބޮޑުވާ މައްސަލަ އެކެވެ. ކުދިން ކެއުމަށް ދެވިހިފާ އެކުދިން މާބޮޑަށް ފަލަވެގެން ދާތީ އެކަން ހައްލުކުރަންވެސް މަސައްކަތް ކުރެ އެވެ. އެހެންވަނީ އަބަދު ކުއްޖާ ގޭތެރޭގައި ގެންގުޅޭތީއޭ ވެސް ބައެއް މައިންނަށް ހީވެ އެވެ.

އެއީ ވެސް ވެދާނެ ގޮތެކެވެ. އަބަދު ގޭތެރޭގައި ޓީވީ ބަލަން ނުވަތަ އައިޕެޑް ފަދަ ތަކެތި ހިފައިގެން އެއްވެސް ހަރަކާތެއް ނެތި އިންނަން ވެއްޖެނަމަ ބޭނުންވާނީ ލުއި ކާނާއެއް ކާލާށެވެ. މޭވާ އާއި ތަރުކާރީ ދިނުމުގެ ބަދަލުގައި ގިނަ މައިންބަފައިންނަށް ދެވެނީ ކޮންމެވެސް ކަހަލަ ޗިޕްސް އެއް ފާޑު ލުއި ކާނާ އެކެވެ. ގިނަ ފަހަރަށް ކުދިން ބޭނުންވަނީވެސް އެފަދަ އެއްޗެއްސެވެ.

ކުޑަކުދިން ފަލަވަނީ ހަމައެކަނި ލުއި ކާނާ ކައިގެންނެއް ނޫނެވެ. އެނމެ ފުރަތަމަ ކުއްޖާ ދުނިޔެއަށް ނޭވާ ލާ ގޮތަކީވެސް އެކަމުގައި ބޮޑު ރޯލެއް އަދާކުރާ ކަމެކެވެ. ވިހެއުމުގެ ބަދަލުގައި ސިޒޭރިއަން ހަދައިގެން ނަގާ ކުދިން އުމުރާ ނުގުޅޭ ވަރަށް ފަލަވެ އެވެ. ސައިންސް އެޑްވާންސެސްގައި މި ހަފްތާގައި ޝާއިއުކުރި ނިއުޔޯކް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އިން ހެދި ދިރާސާއެއްގައި ބުނަނީ އެހެންނެވެ. އެހެންނަމަވެސް ރާއްޖޭގައިވެސް ސިޒޭރިއަން ހަދާ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ ގިނަ ވަމުންނެވެ. އެކި އެކި ސަބަބުތަކާއި ހުރެ އެވެ.

ޕްރޮފެސާ މާރިއާ ޑޮމިންގޭޒް ބެލޯ އިސްވެ ހުރި ކުރިއަށް ގެންދިޔަ އެ ދިރާސާ އާއި ގުޅޭގޮތުން އޭނާ ވިދާޅުވެފައިވަނީ ވިހެއުމުގެ ތެރޭގައި މައި މީހާގެ ހަށިގަނޑުން ކުއްޖާގެ ހަށިގަނޑަށް ފޯރުވާ ބެކްޓީރިއާއެއް ސިޒޭރިއަން ހަދައިގެން ނަގަ ކުދިންގެ ހަށިގަނޑަށް ފޯރުނުކޮށްދޭ ކަމަށެވެ. އެ ބެކްޓީރިއާ އަކީ ދުނިޔެއަށް ކުއްޖާ އުފަންވުމަށްފަހު ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު ދައުރެއް އަދާކޮށްދޭ ބެކްޓީރިއާ އެއް ކަމަށެވެ.

ސިޒޭރިއަން ހަދައިގެން ނަގާ ކުދިންނަށް އެ ބެކްޓީރިއާ ފޯރުކޮށް ނުދެނީ ސިޒޭރިއަން ހެދުމަށް ބޭނުންކުރާ އެންޓިބަޔޮޓިކްގެ ސަބަބުން ކަމަށްވެސް ޕްރޮފެސާ ޑޮމިންގޭޒް ވިދާޅުވެ އެވެ.

މީހެއްގެ ހަށިގަނޑުން އެހެން މީހަކަށް ފޯރުކޮށްދޭ ބެކްޓީރިއާ އަކުން އެމީހާއަށް ދުޅަހެޔޮ ސިއްހަތެއްގައި ނުވަތަ އޮބޭސިޓީއާ ދުރުވެވޭކަން ސާބިތުކޮށް ދެވުނަސް އެކަން އަދިވެސް އޮތީ ބޮޑު ބަހުސެއްގެ ތެރޭގަ އެވެ.

އެއް ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނަނީ އެ ދިރާސާ ކުރިއށް ގެންގޮސްފައިވަނީ ހިކަނދި ބޭނުންކޮށްގެން ކަމަށްވަތީ އެވެ. އެހެން ނަމަވެސް އެކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ ގުދުރަތީ ގޮތުން ވިހެއި ހިކަނދީގެ ބަރުދަން ސިޒޭރިއަން ހަދައިގެން ނެގި ހިކަނދިތަކަށް ވުރެ ކުޑަވުމެވެ. އަދި އިންސާނުންނަށްވެސް އަންނާނީ އެ ބަދަލުތައް ކަން ދިރާސަގެ ނަތީޖާތަކުން ދައްކާފައިވާ ކަމަށެވެ.