ވިޔަފާރި

އެޗްޑީއެފްސީ ޞުކޫކުން 85 މިލިއަނަށްވުރެ ގިނަ ރުފިޔާ

  • ޞުކޫކް ގަތުމުގެ ފުރުސަތު މިއަދު އެކެއް ޖެހުމާ ހަމައަށް
  • ޞުކޫކްއެއް ވިއްކަނީ 1000ރ. އަށް، ރަނގަޅު ފުރުސަތެއް
  • ވިއްކަން ހުޅުވައިފި ޞުކޫކްގެ ބޮޑު ބައެއް ވިކިއްޖެ

ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މޯލްޑިވްސް ޞުކޫކް ވިއްކައިގެން 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

އެޗްޑީއެފްސީން މި އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހު އެވެ. އެއްހާސް ރުފިޔާގެ މަގުން ޞުކޫކް ވިއްކަން ހުޅުވައިލީ، 150 މިލިއަން ރުފިޔާ ހޯދުމުގެ ލަނޑުދަނޑިއެއްގަ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ ވިއްކަން ހުޅުވައިލި ޞުކޫކްގެ 57 ޕަސެންޓް ވިކިފައިވާ ކަމަށާ، ޞުކޫކް ގަންނަން ބޭނުންވާ މީހުންނަށް މިއަދު އެކެއް ޖެހުމާ ހަމަށް ފުރުސަތު އޮންނާނެ ކަމަށެވެ.

"މިއަދު އެކެއް ޖެހުމާ ހަމަށް ފުރުސަތު އޮންނާނެ. އެންމެ ފަހު ވަގުތުވެސް ޞުކޫކް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޞުކޫކް ގަންނަން ބޭނުންވާ މީހުންނަށް އެޗްޑީއެފްސީގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްްއެސްޑީ) މެދުވެރިކޮށް ވެސް ގަނެވޭނެ އެވެ. އަދި ޕޯސްޓު އޮފީހުގެ ބްރާންޗުތަކުން ވެސް ގަނެވެ އެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން އައްޔަން ކޮށްފައިވާ ސްޓޮކްބްރޯކާސް ދެ ކުންފުނިން ވެސް މި ހިދުމަތް ލިބޭނެ އެވެ.

އެޗްޑީއެފްސީން ހުޅުވައިލި، ދެވަނަ މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) 10 އަހަރަށް އިންވެސްޓް ކުރުމަށް ހުޅުވާލާ މި ފުރުސަތުގައި އާންމުންނާއި ކުންފުނި ތަކަށް ވެސް ޞުކޫކް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. މިގޮތުން ޞުކޫކް ގަންނަ ނިސްބަތަކުން 65 ޕަސެންޓް ފައިދާ ގަންނަ ފަރާތަކަށް ލިބޭނެ އެވެ. އަދި ބާކީ އޮތް 35 ޕަސެންޓް ހިމަނާނީ "އެޗްޑީއެފްސީ އަމްނާ" އިން ގެދޮރު މަޝްރޫއު ތަކުން ލިބޭ ފައިދާއިންނެވެ. އެޗްޑީއެފްސީ އަމްނާއަކީ އިސްލާމިކް ޝަރީއާ ހުއްދަ ކުރާ އުސޫލުން ގެދޮރު ހެދުމަށް އުފައްދާފައިވާ ބައެކެވެ.

އެޗްޑީއެފްސީ އިން ފުރަތަމަ ޞުކޫކް ވިއްކާފައިވަނީ 2013 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި ވިއްކި ފުރަތަމަ ޞުކޫކް އެވެ. މިގޮތުން އެ ކުންފުނިން 500ރ. ގެ މަގުން ޞުކޫކް ވިއްކަން އެ ފަހަރު ހުޅުވައިލީ 50 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ ފަހަރު ސްކޫކް ގަނެފައިވަނީ 467 ފަރާތަކުންނެވެ. އަދި އެ ފަހަރު ލިބުނީ 22 މިލިއަން ރުފިޔާ އެވެ.

މި ކުންފުނި އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓްވާ ކުންފުންޏެކެވެ.