ލައިފްސްޓައިލް

ރާނބާފަތުގެ ޖާދޫ މުޅި ދުނިޔެއަށް ފެތުރެނީ

Oct 18, 2017

ދިވެހިން ރިހަ ކެއްކިޔަސް، މީރު ބަތްގަނޑެއް ކެއްކިޔަސް އޭގެ ތެރެއަށް ރާނބާ ފަތް ނާޅާނަމަ އެ ކެއުމެއް ފުރިހަމަވާ ކަމަކަށް ނުވެ އެވެ. އޭގެ އިތުރުން ބޮނޑިބަތް ކަހަލަ ބައެއް ފޮނި ކާތަކެއްޗަށްވެސް ރަހަ ހެޔޮވަރުކޮށްލަން ރާނބާ ފަތަކީ ކޮންމެހެންވެސް ބޭނުން އެއްޗެކެވެ. އަތޮޅުތަކުގެ ރަށްތަކުންވެސް ފަސޭހަކަމާއެކު ލިބޭއިރު މާލޭގައިވެސް ރަނބާފަތަކީ އަގުހެޔޮ ބާވަތެކެވެ.

އެހެން ނަަމަވެސް ޒަމާނާއެކީ ރަނބާފަތް ވައްޓާލާފައި ފޮނިކާތަކެތީގެ ތެރެއަށް ވެރިވެގަތީ އެވަކާޑޯ އެވެ. އެ ފަހުން އެވަކާޑޯ އަކީ "ލައިފް" އެވެ. އޭގައިވެސް އެތައް އެތައް ފައިދާއެއް ހިމެނޭތީ އެވެ.

އަނެއްކާވެސް އެވަކާޑޯ ވައްޓާލާފައި ރާނބާފަތް ފޮނިކާތަކެތީގެ ތެރެއަށް ވެރިވެގަނެފި އެވެ. މަޝްހޫރު ޓީީވީ ޝެފް ނިގެއްލާ ލޯސަން ވަނީ ރާނބާފަތުގެ ޑިމާންޑު ބޮޑުވަމުން އަންނަކަން ފާހަގަކޮށްފަ އެވެ. ރާނބާފަތުން ފޮނިކާތަކެއްޗަށް މީރު ރަހައެއް ގެނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިނިގިރޭސި ވިލާތާއި އެމެރިކާގައި މިހާރު އެންމެ ހަލުވި ކަމާއެކު ރާނބާފަތުގެ ޖާދޫ ފެތުރެމުން އަންނަ ކަމަށްވެ އެވެ.

އެގައުމުތަކުގެ ރެސްޓޯރެންޓުތަކުން ރާނބާފަތް ފްލޭވާގެ ކޭކާއި އައިސްކްރީމްވެސް މިހާރު ލިބެން ހުރެ އެވެ. ރާނބާފަތް ފްލޭވާގެ ކަސްޓަޑުވެސް އަންނަނީ މަގުބޫލުވަމުންނެވެ. ރާނބާފަތަކީ އެއިން ސައިވެސް ތައްޔާރު ކުރެވޭނެ އެއްޗެކެވެ.

ރާނބާފަތް އެންމެ ގިނައިން ހައްދަނީ އޭޝިއާގެ ގައުމުތަކުގަ އެވެ. ބައެއް ކަހަލ ބަލިތަކަށް އެ ގައުމުތަކުގައި ރާނބާފަތުން ބޭސްވެސް ތައްޔާރު ކުރެ އެެވެ. ހުން ގަދަ ވުމުންވެސް ރާނބާފަތުގެ ފަރުވާ އެގައުމުތަކުގައި ކޮށް އުޅެ އެވެ. ހިރުގަނޑުގައި ރިއްސާނަމަ ރާނބާފަތް ހުހަށް ކެއުމުންވެސް ރިހުން ކަނޑައިގެންދެ އެވެ. ބޮލާއި، ކަންފަތާއި، މޭގެ ރިހުމަށް ރާނބާފަތު ސައި ރަނގަޅު ފަރުވާއަކަށްވާނެ ކަމަށްވެ އެވެ. ހަމުގެ ބަލިތަކަށްވެސް ރާނބާފަތަކީ ރަނގަޅު ފަރުވާ އެކެވެ.