އެމެރިކާ

ޗައިނާގެ ނުފޫޒު ގަދަވާތީ އެމެރިކާއިން އިންޑިއާ ގާތަށް

ދެކުނު އޭޝިއާ ސަރަހައްދުގައި އިންޑިއާއި ޗައިނާއާ ދެމެދު އޮންނަ އަރައިރުމުގެ ތެރެއަށް އެމެރިކާ ވަދެ، އިންޑިއާއަށް ތައުރީފުކޮށް ޗައިނާއަށް ފާޑު ކިޔައިފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮގް ސްޓޭޓް ރިކްސް ޓިލާސަން ބުދަ ދުވަހު ވިދާޅުވީ އޭޝިއާގައި ޗައިނާގެ ނުފޫޒު ގަދަވާތީ އިންޑިއާއާ ގުޅިގެން ކުރާ މަސައްކަތް މިހާރަށް ވުރެ ވަރުގަދަ ކުރަން އެމެރިކާއިން ބޭނުންވާ ކަަމަށެވެ. އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަ ދެއްކެވި އިރު އަންނަ ހަފުތާގައި އޭނާ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ވެސް ވަނީ ނިންމަވާފަ އެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ގާއިމްކޮށްފައިވާ ތިންކްޓޭންކެއް ކަމަށްވާ ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް ތިންކް ޓޭންކް ގައި ވާހަކަފުޅު ދައްކަވަމުން ޓިލާސަން ވިދާޅުވީ ގައުމުތަކަށް މާލީ އެހީ ވުމުގައި ޗައިނާއިން ގެންގުޅެނީ އެ ގައުމަށް ފައިދާ ބޮޑު، އެހެން ގައުމުތަކަށް ގެއްލުން ބޮޑު އުސޫލެއް ކަމަށެވެ. އަދި އެގޮތުން ފޯރުކޮށްދެމުންދާ މާލީ އެހީގެ ސަބަބުން ގައުމުތަކުގެ ދަރަނި ބޮޑުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާއާއި އެމެރިކާއާ ދެމެދުގައި ވެސް މުހިއްމު ގުޅުމެއް އޮންނަ ކަމަށާއި އެހެން ނަމަވެސް އެ ގުޅުން އިންޑިއާއާއެކު އޮންނަ ގުޅުމާ އެއްވަރު ނުވާނެ ކަމަށެވެ. އެއީ ޗައިނާއަކީ ކޮމިއުނިސްޓް ގައުމަކަށް ވެފައި އިންޑިއާއަކީ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ޓިލާސަންގެ ވާހަކަފުޅަށް ރައްދު ދެމުން ޗައިނާއިން ބުނެފައި ވަނީ އެގައުމުން މަސައްކަތް ކުރަނީ ބައިނަލް އަގުވާމީ އުުސޫލުތަކާ ހަމަތަކާ އެއްގޮތަށް ކަމަށެވެ. އަދި އެމެރިކާއިން ވަކި ފަރާތަކަށް ނުޖެހުމަށް ވެސް ޗައިނާއިން ގޮވައިލިއެވެ. -- ބީބީސީ