ކުޅިވަރު

ނާސިރުގެ ފުރަތަމަ ތަޖުރިބާ ގޮންޖެހުންތަކާއެކު

Oct 19, 2017

ދިވެހި ޕްރިމިއާ ލީގްގެ މެޗުތަކަށް ތައްޔާރުވާއިރު އޭނާ ދަނީ ބޮޑެތި ގެންޖެހުންތަކާއެކު ކަމަށް ށ. މިލަންދޫގެ ކޯޗް މުހައްމަދު ނާސިރު ބުނެފި އެވެ. މިއީ ރާއްޖޭގެ އެންމެ ޓޮޕް ލީގްގައި ނާސިރު ކޯޗް ކޮށްދޭ ފުރަތަމަ ސީޒަނެވެ.

އޭނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިލަންދޫ ޓީމުގައި ކުޑަ ސްކޮޑެއް އޮތުމުން ބޭނުންވާ ގޮތަށް ޕްރެކްޓިސް ޝެޝަން ކުރިއަށް ގެންދިއުމަށް އޮތް ގޮންޖެހުންކަން މިއަދު ނާސިރު ވަނީ މީޑިއާގައި ފާހަގަ ކޮށްފަ އެވެ.

"އަޅުގަނޑު އަތުގައި ޕްލޭޔަރުން މަދުވީމަ ބޭނުންވާ ވަރަކަށް ޕްރެކްޓިސް އެއް ނުނެގޭ،" ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ބުންޏެވެ. "މި ތިބެނީ 18 ކުޅުންތެރިން ނުވަތަ 17 ނޫނީ 15 ވަރަކަށް ކުޅުންތެރިން ޕްރެކްޓިހުގައި ދެކޮޅަށް ބަހާލައިފި ކަމަށް ވަންޏާ އެއްކޮޅަށް 11 ހަމަ ވެފަ ދެން އަނެއް ކޮޅުގައި ތިބެނީ ހަ ވަރަކަށް ކުޅުންތެރިން ދެން އޮކޮޅަށް އޮފިޝަލުން ތަކެއް ލައިގެން ކުރިއަށް ގެންދަން ޖެހެނީ، މިހެންވީމަ މެޗުގައި ހަދަން ބޭނުންވާ އެއްޗެއް ޕްރެކްޓިހުގައި ބޭނުންވާ ގޮތަކަށް ނުހެދޭ އެކަހަލަ ދަތިތަކާ ހުރެ ނަގަން ބޭނުންވާ ވަރަކަށް ޓީމެއް ނުނެގޭ."

މިލަންދޫ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ، އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. ނަމަވެސް ވަޒީފާގެ ގޮތުން އޭނާ އަށް މިލަންދޫގެ ޕްރެކްޓިހުގައި ބައިވެރިވާކަށް މާލޭގައި ނުހުރެވެއެވެ. އޭނާ މާލެ އަންނަނީ މެޗަށެވެ. މެޗުގެ ކުރިން ޓީމާއެކު އެންމެ ޕްރެކްޓިހެއް ކޮށް މެޗަށް ނިކުންނަނީ އެވެ.

ނާސިރު ބުނީ މިލަންދޫ ޓީމުގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔަކީ ސައްޓު ކަމަށާއި އޭނާ އަށް ޓީމާއެކު ޕްރެކްޓިސް ކޮށްލަން ފުރުސަތު ނުލިބުމަކީ ނާސިރަށް އޮތް ބޮޑު ޗެލެންޖެއް ކަމަށެވެ.

ފުރަތަމަ ބުރުގައި މާޅޮސް އިން ވަނީ ނިއު އާ ދެކޮޅަށް ތަފާތ ބޮޑު ކޮށްފަ އެވެ. ފުރަތަމަ ބުރުގައި މިލަންދޫ އަތުން ނިއު އަށް މޮޅުވެވުނީ 2-1 ން ނެވެ. ނަމަވެސް ދެ ވަނަ ބުރުގައި މިލަންދޫ ނިއު އަތުން ބަލިވީ 7-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ނެވެ. ފުރަތަމަ ބުރުގައި ނިއު އާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދިން އިރު ދެ ވަނަ ބުރުގައި އެހާ ތަފާތު ބޮޑު ނަތީޖާއެއް ނިކުތީ ކީއްވެގެންތޯ ސުވާލު ކުރުމުން، ނާސިރު ބުނީ ފުރަތަމަ ބުރުގައި ރަނގަޅު ފައިޓެއް ދެވުމުން ލިބުނު އިތުބާރާއެކު ކުޅުންތެރިންނަށް މެޗު މާ ބޮޑަށް ފަސޭހަ ކޮށް ލެވުނީ ކަމަށެވެ.

މާދަމާ ހަވީރު، މިލަންދޫ ނިކުންނާނީ މާޅޮސްއާ ދެކޮޅަށެވެ. ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެން ނެވެ. ނާސިރު ބުނީ ނިއު އަތުން ބަލިވުމުން ކުރިމަތިވި މާޔޫސް ކަމުން އަރައި ގަންނަން މާޅޮސް އަތުން މޮޅުވުން މުހިންމު ކަމަށެވެ.

މޮޅޮސް މެޗަށް ނިކުންނައިރު، ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި، އެ ޓީމު ވަނީ ގްރީން ސްޓްރީޓް އަތުން 2-1 ން މޮޅުވެފަ އެވެ. އެހެންވެ. މާޅޮސް އަށް ބޮޑު އިތުބާރެއް އެބައޮތެވެ.

ނަމަވެސް މާޅޮސްގެ ކޯޗް މުހައްމަދު ނިޝްތާރު ބުނީ ފުރަތަމަ ބުރުގައި މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު ލީޑްގައި އޮއްވައި މިލަންދޫއިން އެއްވަރު ކުރުމުން މާދަމާ މެޗުގައި، އެކަމަށް ވަރަށް ބޮޑަށް ސަމާލު ވާނެ ކަމަށެވެ.