ކުޅިވަރު

މީޑިޔާގެ ސުވާލުތަކަށް ޖަވާބުދޭން ނިއުއިން ދެކޮޅު

Oct 19, 2017

މާދަމާރޭ ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުުރާ މެޗުގެ ކުރިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މީޑިޔާގެ ސުވާލުތަކަށް ނިއުގެ އެސިސްޓޭންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ޖަވާބުދޭން ދެކޮޅު ހަދައިފި އެވެ.

މިސީޒަނުގައި ނިއުއަށް އެންމެ ބޮޑު ޗެލެންޖަކަށްވި ޓީމަކީ ގްރީން ކަމަށައި މެޗާއި މެދު ނިއުއިން ދެކެނީ ކިހިނެތްތޯ ސުވާލުކުރުމުން ސަމްޕަތު ބުނެފައިވަނީ ނިއުއަކީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ކަމަށާއި މެޗަށް ނިކުންނަނީ އެމަގާމު ދަމަހައްޓަން ކަމަށެވެ.

ނިއުގެ ފޯމް ރަނގަޅުވެފައި އެޓީމުގެ ކުރިއަށް ކުޅެމުންއަންނަ އަޝްފާގް، އަލީ ފާސިރު އަދި އެޑްރިއަން ގަލާޑޯ ގިނަ ގޯލް ތަކެއް ޖަހަމުން އަންނާތީއެއީ އެޑްވާންޓޭޖެއްގެ ގޮތުގައި ދެކޭތޯ ސުވާލުކުރުމުން ސަމްޕަތު ބުނީ ކުރިން ބުނެފައިފާ ވާހަކައިގެ އިތުރަށް އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ.

ނިއު ރޭޑިއަންޓްއިން މެޗަށް ތައްޔާރުވެފައިވާ ގޮތާމެދު ސުވާލު ކުރުމުން ސަމްޕަތު ބުނީ ނިއު އޮތީ ރަސްގެފާނުގެ މަގާމު ދަމަހައްޓާން ތައްޔާރުވެގެން ކަމަށެވެ.

މާދަމާރޭ ނިއުއާއި ގްރީން ނިކުންނައިރު ނިއު ރޭޑިއަންޓު މިވަގުތު އޮތީ ތާވަލުގެ އެއްވަނަ މަގާމުގައިއެވެ. 21 ޕޮއިންޓް ނިއުއަށް ލިބިފައިވާއިރު އެޓީމަށް ފައިދާ ލަނޑުގެ ގޮތުގައި 18 ލަނޑު އެބައޮތެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޅޮސް އަތުންބަލިވެ ގްރީން އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގައި 12 ޕޮއިންޓާއެކު އެވެ.