ކުޅިވަރު

ބިދޭސީ ކީޕަރުން ނުގެނެވޭގޮތް ހަދަން ވާހަކަދައްކަނީ

Oct 19, 2017

ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ ކީޕަރުން ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް 2019 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުންނަށް ކްލަބްތަކަށް ނުކުޅެވޭގޮތް ހަދަން ވާހަކަ ދައކަމުން އަންނަކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އާދިލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު ގައުމީ ޓީމުގެ ގޯލަށް ވާދަކުރަން ތިބީ ރަނގަޅު ފެންވަރުގެ ދެކީޕަރުންނެވެ. އެއީ ފައިސަލްއާއި މުހައްމަދު އިމްރާން (ކުޑަ އިންމަ) އެވެ. ނަމަވެސް ދާދިފަހުން އޮމާންއާއި ދެކޮޅަށް ގައުމީ ޓީމު މާލޭގައި ކުޅުނު މެޗަށްފަހު ކުޑަ އިންމަވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާކަން ހާމަކޮށްފައެވެ.

ފަހަކަށްއައިސް ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަންގައިވެސް ދިވެހި ކީޕަރުންގިނައެވެ. މިއަހަރު މާލޭ ލީގަށް ބަލާއިރު ފުރަތަމަ 11 ގައި ގަވާއިދުން ކުޅެމުންއައީ ނިއުގެ ގޯލު ބަލަހައްޓަމުންއައި އިމްރާންއާއި ވެލެންސިޔާގެ ކީޕަރު ފައިސަލްއެވެ. ކުޑަ އިންމަ ވިކްޓްރީގެ ބައެއް މެޗުތަކުގައި އެޓީމުގެ ގޯލް ބަލަހައްޓާފައިވެއެވެ.

މާޒިޔާގެ ގޯލް ކިރިގިސްތާނުގެ ގައުމީ ކީޕަރު ޕަވެލް މަޓިއަޝް ބެލެހެއްޓިއރު ވިކްޓްރީގެ ގޯލްއިން ފެނިގެންދިޔައީ ސީރިޔާ ގައުޟީ ޓީމުގެ ކީޕަރު މަހްމޫދް އަލް ޔޫސުފްއެވެ. ޔުނައިޓެޑް ވިކްޓްރީގެ ގޯލުގައި ކުޅުނީ ކްރިގިސްތާނުގެ ކީޕަރު ރުސްލާން އަމީރޯވް އެވެ. ޓީސީ ކީޕަރަކަށް ނޭޕާލްގެ އެއްވަނަ ކީޕަރު ކިރަން ކުޅުނު އިރު އީގަލްސްގެ ގޯލު ބެލެހެއްޓީ ލަންކާ ގައުމީ ކީޕަރު ސުޖަން ޕެރޭރާއެވެ.

މިބަދަލުގެ އިތުރުން އެފްއޭއެމްއިން ވަނީ ޒުވާން ކީޕަރުން ތަމްރީން ކުރުމަށް އެކަޑެމީއެއް ހެދުމަށްވެސް ނިންމާފައެވެ. ބިދޭސީ ކީޕަރުންނަށް ނުކުޅެވޭގޮތް ހެދުމުން ގިނަ އަދަދެއްގެ ދިވެހި ކީޕަރުންނަށް ފުރުސަތުލިބިގެންދާނެއެވެ. އަދި ޒުވާން ގިނަ ކީޕަރުންތަކެއްވެސް ފުރަތަމަ ޑިވިޝަންއިން ފެނިގެންދާނެކަމަށް ބެލެވެއެވެ.