ކުޅިވަރު

ގްރީންގެ އައްމަޑޭއަށް މި ސީޒަންގައި ދެން ނުކުޅެވިދާނެ

Oct 19, 2017

ކްލަބް ގްރީން ސްޓްރީޓްސްއަށް މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ތަޖުރިބާކާރު ފޯވާޑް އަހުމަދު މުހައްމަދު (އައްމަޑޭ) އަށް މިސީޒަނުގެ ބާކީ އޮތްތަނުގައި ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެ އެވެ.

މާދަމާރޭ ނިއު ރޭޑިއަންޓާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އެފްއޭއެމް އިދާތާގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ގްރީންގެ ކޯޗު ސޮބާ ބުނީ އައްމަޑޭއަށް ސީޒަނުގެ ބާކީބައި ކުޅެވިދާނެ ކަމުގެ ބިރު ހީވެފައިވާކަމަށެވެ. ސޮބާ ބުނީ އައްމަޑޭއަށް ލިބިފައިވާ ކަކުލުގެ އަނިޔާ ސީރިއަސް ކަމަށެވެ.

އައްމަޑޭއަށް އަނިޔާވެފައިވަނީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އއ.މާޅޮސްއާއި ކުޅެނު މެޗުގައެވެ. ކަކުލަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލެއް އަދި ނުލިބޭކަމަށާއި އޮޕަރޭޝަންއަކާ ހަމައަށް ދާންޖެހޭކަން އަދި ނޭގޭކަމަށްވެސް ސޮބާ ބުންޏެވެ.

ކުރިން މާޒިޔާ އަދި އީގަލްސްއަށް ކުޅެފައިވާ އަމްމަޑޭ އަކީ ގްރީން ސްޓްރީޓްސް މިއަހަރުގެ މާލޭ ލިގުގެ ދެވަނަ މަގާމު ހޯދުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މާލޭ ލީގުގައި އައްމަޑޭ ވަނީ މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ވެސް ޖާގަހޯދާފައެވެ.

އައްމަޑޭގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު އަޝްފާންވެސް އަނިޔާގައި ހުރުއިރު ފަހަކަށްއައިސް ގްރީންއަށް ވަނީ ސަސްޕެންސަންގެ މައްސަލަތަކެއްވެސް ކުރިމަތިވެފައެވެ.