ލައިފްސްޓައިލް

ހިތް، ކަށިތުނބުޅިއަށްތަ؟ ނަލަތުނބުޅިއަށްތަ؟

Oct 20, 2017
6

އާންމުކޮށް އެހެނީ ވެސް އަދި ދެކެވޭނީ ވެސް އަންހެން ކުއްޖާ ލޯބި ލޯބި "ބިޓަކަށް" ވަނީ ކިހިނެއް ހުރިއްޔާ ހެއްޔޭ އެވެ. އެވެނި ގޮތަކަށް ހެދުން އަޅައި މޭކަޕްކޮށްފައި ކައްޓަކަށް އަރައިގެން ފަރި ދެއްކެން ހިނގަންޏާ އެވެ. ލޯ ބޮޑިއްޔާ އެވެ. އެ ލޮލުގެ ވިދުން ގަދަވެފައި ފުނިއްޔާ އެވެ. ދޮނިއްޔާ އެވެ. ބްލެކް ބިއުޓީއަކަށް ވިއްޔާ އެވެ. ދިގުން ފަން އިސްތަށިގަނޑެއް އޮތިއްޔާ އެވެ. ނޫނީ ރޫޅާލެވިފައިވާ ބުޅި އިސްތަށިގަނޑެއް އޮތިއްޔާ އެވެ. އެކަަހަލަ މިކަހަލަ ބައިވަރު ސިފަަތަކުގެ ވާހަކަތަކެކެވެ. ގިނަ ފަހަރަށް ފިރިހެނުންގެ ވާހަކަ އޮންނަނީ ސަމާލުކަމެއް ނުދެވި ދޫކޮށްލެވިފަ އެވެ.

އަސްލު ހަގީގަތުގައި ބިޓުންގެ ވާހަކަ ފިރިހެނުންނަށްވުރެ ގިނައިން ދައްކަނީވެސް އަންހެނުންނެވެ. ދެ އަންހެނެއް ނުވަތަ އަންހެން ގްރޫޕެއް ކޮފީއަކަށް ގޮސްފައި ވެސް ބާޒަރަށް ގޮސްފައިވެސް އޮފީހުގައި ވެސް ޖައްސާ އޮލަ ވާހަކަ ކުޑަކޮށް އަޑުއަހާލަ ބަލާށެވެ. ކޮފީގެ ދެ ގަޑިއިރެއްހާއިރުތެރޭގައި ދެކެވޭ ވަރަށް ގިނަ ވާހަކަ ވާނީ ކޮންމެވެސް ފިރިހެނުންގެ ވާހަކައަށެވެ. ދެ އަންހެން ކުއްޖަކެއްގެ ފޭސްބުކް/ ވައިބާ ނުވަތަ ޓެކްސްޓް މެސެޖް ކޮންވަޒޭޝަން އެއްވެސް ފޯނު އަތުލާފައި ހާވާލާ ބަލައިލި ނަމަވެސް އެކަން ވަރަށް ރަނގަޅަށް ސާބިތުވާނެ އެވެ. ކުރީގެ ލޯބިވެރިއެއްގެ ވާހަކަ ނުވަތަ މިފަހުން ވާހަކަ ދައްކާ ބިޓެއްގެ ވާހަކަތައް ކިޔައިދޭނެ އެވެ. މަގުމަތިން ފެންނަ ކުއްޖާގެ ވާހަކަތަކެވެ. ޖެހިގެން އިން މޭޒާ ޖެހިގެން ދުރަށް އެހެރަ މޭޒުގައި އައިސް އިންނަ ޒުވާނާގެ ވާހަކަ އެވެ. އެ ނޫން ވާހަކައެއް އޮވޭ ހެއްޔެވެ؟

ފިރިހެނުންގެ ވާހަކަ ދައްކާއިރު އަންހެނުންގެ ދުލުކުރީގައި އޮންނަ އެއް ޖުމްލަ އަކީ ސިފަ މުހިންމެއް ނޫނޭ އެވެ. ސިފަޔަކީ ހިތެވެ. ހިތުގައި ރީތި ސިފައެއް އޮތިއްޔާ އޯކޭ އެވެ. ރަނގަޅު އަހުލާގެއް ހުންނަ މީހެއް ނަމަ އެ ނިމުނީ އެވެ. ރީތި ވުމަކީ މި މީހުންނަށް މުހިންމުކަމެއް ނޫނޭ ބުނެ އެވެ. އަޅެ އެހެންވޭހެއްޔެވެ؟

ދިރިއުޅުމަށް ކޮންމެހެން މާ ރީތި ފިރިހެނަކު ނުގެނަޔަސް ރީތި ފިިރިހެނަކު ފެނިއްޖެޔާ ވަށްކަޅިން ވިޔަސް ބަލައިލަ އެވެ. އެއްބަސް ނުވިއަސް މައްސަލައެއް ނެތެވެ. އެހެން ނޫނީ ފިލްމުތަކާއި ސީރީޒްތަކުން ފެންނަ ރީތި ފިރިހެނުންގެ ފޮޓޯތައް ފޯނަށާއި ފޭސްބުކަށް އަޅައިގެން އުޅެނީ ކީއްކުރަން ކަމެއް ނޭނގެ އެވެ.

އެހެންނަމަވެސް އެއީ 100 ޕަސަންޓު އަންހެނުންގެ ޝަރުތެއް ނޫނެވެ. ހަމަ ވަރަށް ގިނަ އަންހެނުންނަށް މީހާގެ ސިފަ ވަރަށް މުހިންމެވެ.

ރީތި ފިރިހެނެއްގެ ސިފަތައް ކިޔާއިރު މިހާރު އެންމެ ކުރިން އައިސް އެ ދޭތެރެއަށް ފުންމާލާނީ ތުނބުޅި އެވެ. ތުނބުޅި ނުބަހައްޓާ ފިރިހެނުން ކަމަކު ނުދެ އެވެ. ތަންކޮޅެއް ކުރީގައި ތުނބުޅިއަކީ ދިވެހި އަންހެނުންނަށް މާ ކަމުދާ އެއްޗެއް ކަމަކަށް ނުވެ އެވެ. އޭރު ހުރިހާ ފިރިހެނުން ކަހަލަ ގޮތަކަށް ތިބެނީ ތުނބުޅި މަތިމަސް ބާލައި އޮމާން ކޮށްލައިގެންނެވެ. ބައެއް މީހުން މަތިމަސް ބަހައްޓަ އެވެ. ހާއްސަކޮށް އަންހެން ކުއްޖަކު ސެޓު ކުރަން އެގޭ ދޮށަށް ދާނީ ތުނބުޅި ބާލާ މޫނުމަތި އޮމާންކޮށްލައިގެންނެވެ. އޭރުގެ އަންހެނުންނަށް އެގޮތް އޯކޭ އެވެ.

"އެއީ ތެދެއް ކަންނޭނގެ، އަހަރުމެން ބައްޕަމެންގެ ޒުވާން އިރުގެ ފޮޓޯތަކުގައި މުޅިންވެސް ހުންނާނީ ތުނބުޅި ބާލައިގެން، މަންމަމެންވެސް ކިޔާނެ އޭރު އެންމެން ތިބޭނީ އެހެންނޭ، އޭރުގެ އަންހެނުންނަށް ކަމުދަނީ އެގޮތޯ،" ތުނބުޅީގެ ވާހަކަ ފެށުމުން ރައްޓެހި އަންހެން ކުއްޖަކު ބުންޏެވެ. އެއީ ތެދެއް ކަމަށްވެދާނެ އެވެ. ބައްޕަމެންގެ ޒުވާން ދުވަސްވަރުގެ ފޮޓޯތަކުން މުޅިންވެސް ހުންނަނީ ތުނބުޅި ބާލައިގެންނެވެ. މިހާރުވެސް ދޭތެރެއަކުން ތުނބުޅި ބާލަ އެވެ.

ތުނބުޅި ހުންނަ ފިރިހެނުންވެސް ކޮންމެ ކޮންމެ ގޮތަކަށް ބަހައްޓައިގެން ކަމަކު ނުދެ އެވެ. އަންހެނުންނަށް ރީތީ ކަށި ތުނބުޅި ހެއްޔެވެ؟ ނޫނީ ނަލަ ނަލަ ތުނބުޅިއެއް ހެއްޔެވެ؟

ކަށި ތުނބުޅިއޭ މި ކިޔަނީ ކަށިކަށިކޮށް ހުންނަ ވަރަށް ޓްރިމްކޮށްލާފައި ބަހައްޓާފައި ހުންނަ ތުނބުޅި އެވެ. އަތްލުމުން ކަށިކަށި ހެރި ހީލި ކަރުވަންޏާ އެވެ. މިއީ ބައެއް އަންހެނުންނަށް އެންމެ މަގުބޫލު ގޮތެވެ. ބަލައިލަން ރީތިވެފައި ފިރިހެން މީހާގެ މޫނުގައި އަތްލުމުން ކަށިކަށި ހެރޭގޮތްވާތީ ހީލިކަރުވަނީ އެވެ. އަނެއް ބަޔަކަށް ކަށި ތުނބުޅިއެއް ކަމަކު ނުދެ އެވެ. ތުނބުޅި މާ ކުރުވުމުން ފިރިހެންވަންތަކަށް ކުޑަކޮށްދެނީ އެވެ. އެމީހުންނަށް ކަމުދަނީ ޒަމާނީ ގޮތްގޮތަށް ބަހައްޓާފައި ހުންނަ ނަލަ ތުނބުޅި އެވެ. ނުވަތަ ކުޑަކޮށް ދިގުކޮށްލާފައި ހުންނަ ތުނބުޅި އެވެ. މި ފަހަކަށް އައިސް ގިނައިން ފެންނަނީވެސް މި ކަހަލަ ނަލަ ތުނބުޅި އެވެ.

"ތުނބުޅި ދޯ؟ އެހެރަ އަންނަނީނު މީހެއް، އެމީހާ އެހުރި ގޮތަށް ރީތީ ކުޑަކޮށް ދިގުކޮށްލާފައި ހުންނައިރު. ތުނބުޅި ހުންނަން ޖެހޭނެ ކޮންމެހެންވެސް، އެގޮތަށް ތުނބުޅި ބަހައްޓާފައި އިސްތަށިގަނޑުވެސް ކުޑަކޮށް ދިގުކޮށްލާފައި ހުންނަ އިރު ވަރަށް ސަޅި، އަޅައިގަންނަ ކަހަލަ ގޮތެއް ހުރޭ ދޯ،" މަގުގެ އަނެއް ފަރާތުން ހިނގާފައި ދިޔަ ފިރިހެނަކު ދައްކާފައި ޒުވާން އަންހެން ކުއްޖަކަށް ތުނބުޅި ކަމުދާ ގޮތް ކިޔައިދެމުން ބުންޏެވެ.

"އެއްވެސް ރީއްޗެއް ނޫން، އަތްލީމަ ކަށި ހެރޭ ވަރަށް ހުރިއްޔާ ރީތީ، އެދެން މާ ތުނީކީވެސް ނޫން، އެއަށްވުރެ ދިގުވީމަ ފަކުރު ގަންނަ ގޮތެއްވެސް ހުރޭ، އަނެއްކާ ކަށިކޮށް ހުންނައިރު ގައިގެ ތަންތާގައި ޖެހޭއިރު ވަރަށް ހީލިވެސް ކަރުވާނެ، އަންހެ މީހާގެ އިސްތަށިގަނޑު ގޮށް ވަރަށް ރީއްޗަށް ކަށި ތުނބުޅީގައި ތަތްލާނެ" ކުރިން ވާހަކަ ދެއްކި އެކުވެރިޔާގެ ވާހަކައަށް ރައްދު ދެމުން އެހެން އަންހެން ކުއްޖަކު ބުންޏެވެ.

އަންހެން ކުދިން ބުނާ ގޮތުންނަމަ ފިރިހެނެއްގެ އެންމެ ފިރިހެންވަންތަ ސިފައަކީ ވެސް ތުނބުޅި އެވެ. ރީތިކޮށް ތުނބުޅި ނުބަހައްޓާނަމަ ކިތަންމެ ރީތި ފިރިހެނެއްގެވެސް އެ ރީތި ސިފަ "ގެއްލުވާލަ" އެވެ. އަދި އެމީހެއްގެ ގައިގައި ހުންނަ ފިރިހެންވަންތަކަން ވެސް ނެތިދާހެން ހީވެ އެވެ.

މިހާރު ގިނަ އަންހެނުންނަށް ކަމުދާ ކަމަށްވަނީވެސް ނަލަ ތުނބުޅި އެވެ. މާބޮޑަށް ތުނބުޅި ދިގު ކުރުމުންވެސް އަންހެނުންނަށް ކަމަކު ނުދެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފިރިހެނުންގެ އެންމެ ހިޓުވި އެއް ޓްރެންޑަކީ އެއީ އެވެ. ބޮލުގެ އިސްތަށިގަނޑު ދެ ފަރާތުން ތުނިކޮށްލާފައި ބޮލުގެ އެއް ފަރާތުން މަގެއް ކަނޑައިން ފުނާ އަޅާފައި ތުނބުޅި ރީތިކޮށް ދިގުކޮށްލީ އެވެ. އެ ޓްރެންޑް މާގިނަ ދުވަހަކަށް ދެމިގެނެއްވެސް ނުދިޔަ އެވެ. ފަހަރުގައި އަންހެނުން މާބޮޑަށް ގަޔާނުވީ ކަންނޭނގެ އެވެ. އެ ޓްރެންޑުވެސް ރީތީ ތުނބުޅި މާބޮޑަށް ދިގު ނޫނިއްޔާ ކަމަށްވެސް އަންހެނުން ބުންޏެވެ.

އަންހެނުންނަށް ކަމުދާ ތުނބުޅި އާ ބެހޭގޮތުން މި ދައްކާ ވާހަކަތައް ދެން ދޫކޮށްލާނީ އެވެ. އެންމެ ކަމުދާ ތުނބުޅީގެ ސިފަތައް އަމިއްލައަށް ދެނެގަތުމަށެވެ.