ވިޔަފާރި

ދިރާގުން އައިފޯން އަށެއް ވިއްކަން ފަށައިފި

Oct 20, 2017

ދިރާގުން އެޕަލްގެ އެންމެ ފަހުގެ އައިފޯން 8 އާއި 8 ޕްލަސް ވިއްކަން ފަށައިފިއެވެ.

ޕްރީ-އޯޑަރު ނެގުން ރޭގެ ނިޔަލަށް ހަމަވެފައިވާއިރު، ފޯނުތައް ހަވާލު ކުރުމުގެ މަސައްކަތް ފެށީ މިއަދު މެންދުރު ފަހު ދިރާގުގެ ހެޑް އޮފީހުގައެވެ.

ދިރާގުގެ ވެބްސައިޓުން އޮންލައިންކޮށް ފޯނަށް އޯޑަރު ކުރެވޭގޮތަށް އެ ކުންފުނިން ހަމަޖެއްސި އެވެ. އަދި ދެ ގޮތަކަށް ދިރާގުން ވަނީ މި ފޯން ވިއްކަން ނިންމައިފަ އެވެ. އެއީ 12 މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ޕްލޭން އަކާއި އެއްކޮށް ފައިސާ ދައްކާފައި ފޯން ގަތުމެވެ.

އެގޮތުން އިންސްޓޯލްމަންޓް ޕްލޭނަށް ފޯން ނަގާއިރު ދައްކަން ޖެހެނީ، 2،999 ރުފިޔާ އެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ފަސް ޖީބީ ޑޭޓާ މުޅިން ހިލޭ ދިރާގުން ދޭނެ އެވެ. އައިފޯން 8ގެ 64 ޖީބީގެ ފޯނަކަށް 999 ރުފިޔާ ދައްކަން ޖެހޭއިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،279 ރުފިޔާ އެވެ. އައިފޯން 8 ޕްލަސްގެ 64 ޖީބީ ފޯނަށް މަހަކު 1،179 ރުފިޔާ ދައްކަން ޖެހޭ އިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،449 ރުފިޔާ އެވެ.