ލައިފްސްޓައިލް

ފިރިހެން ކުދިންނަށްވެސް ކައްކަން ދަސްކޮށްދޭން ޖެހޭ

Oct 23, 2017
1

ބައެއް ވާހަކަތަކާއި ބައެއް ކަހަލަ މަސައްކަތްތައް ބޮޑުވަމުން އަންނައިރު ދަރިންނަށް ބުނެނުދޭ ވާހަކަ އަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ މައްސަލަ އެކެވެ. ކުދިން ބޮޑެތިވެ އިތުރު ތައުލީމަށާއި ވަޒީފާއަށް މައިންބަފައިންނާ ވަކިން ދިރިއުޅެން އަންނައިރު ގިނަ ފަހަރަށް އެކަނި އުޅޭކަށް ނޭނގެ އެވެ. ހާއްސަކޮށް ފިރިހެން ކުދިންނެވެ. ބައެއް މައިންބަފައިން ދެކޭ ގޮތުގައި ބައެއް ކަހަލަ މަސައްކަތްތަކަކީ ހަމައެކަނި އަންހެން ކުދިންނަށް ދަސްކޮށްދޭން ޖެހޭ މަސައްކަތްތަކެކެވެ.

އެގޮތުންވެސް ގޭތެރޭ ސާފުކުރުމަކީ އެއްވެސް ވަރަކަށް ފިިރިހެން ކުދިން ދަންނަ ކަމެއް ނޫނެވެ. ގޭތެރޭގެ ތަންތަން ސާފުކޮށް ބޭއްވުމުގެ މަސްއޫލިއްޔަތަކީ އަންހެން ކުދިން ކުރަން ޖެހޭ މަސައްކަތެކެވެ. އެންމެ ކުޑައިރުން ފެށިގެން މަންމަ އާއެކު އެ މަސައްކަތްތަކުގައި ބައިވެރިވާން ޖެހެނީ އަންހެން ކުދިންނަށެވެ. ފިހިގަނޑެއްގައި ހިފާނެ ގޮތްވެސް ގިނަ ފިރިހެން ކުދިންނަށް ގޭތެރެއަކުން ދަހެއް ނުވެ އެވެ. އަމިއްލަ ކޮޓަރި ސާފުކުރުމަކީވެސް އެކުދިން ކުރަން ޖެހޭ ކަމެއް ނޫނެވެ.

ހަމަ އެގޮތަށް ކެއްކުމަކީވެސް އަންހެނުން ކުރަން ޖެހޭ ކަމެކެވެ. ފިރިހެން ކުއްޖަކު އެކަނި ކައްކަން އުޅޭ މަންޒަރު ފެނުމަކީ އެކުއްޖާގެ މައިންބަފައިންނަށް ދެކެވޭނެ މަންޒަރަކަށް ނުވެ އެވެ. އެހެން ކަމުން އެކަނި ދިރިއުޅެން ޖެހޭ ދުވަހެއް އަންނަ އިރު ފިރިހެން ކުއްޖަކަށް އެކަނި އުޅޭކަށް ނޭނގެ އެވެ. ކައިގެން ތަށި ދޮންނަންވެސް ފިރިހެން ކުދިންނަށް ނޭނގެ އެވެ. ބަދިގޭގެ މަސައްކަތްކުގައި އަންހެން ކުދިންނެކޭ އެއްވަރަށް ފިރިހެން ކުދިންވެސް ގޭތެރޭގެ މަސައްކަތްތަކުގައި އެންމެ ކުޑައިރުން ފެށިގެން ބައިވެރި ކުރަން ޖެހެ އެވެ.

އެންމެ ކުޑައިރުވެސް ފިރިހެން ކުއްޖަކު ރޯން ފަށައިފިނަމަ އެންމެ އަވަހަށްވެސް ބުނާނީ ފިރިހެން ކުދިން ނުރޯނެ ކަމަށެވެ. ކުއްޖާ މަސަލަސް ކުރަން އެހެން ބުނި ނަމަވެސް އެއީ ކުއްޖާއަށް ދެވޭ ނުބައި މެސެޖެކެވެ. ދެރަވީމަ ރުއިމަކީ އަންހެން ކުދިންނަށް ހާއްސަ ކަމެއް ނޫނެވެ. ހިންހަމަ ޖެހޭނީވެސް ރޯލީމަ އެވެ. އެއީ ފިރިހެން ކުދިންނަށްވެސް އެނގެން ޖެހޭނެ ކަމެކެވެ.

ފޭސް މާސްކުތައް ބޭނުންކުރުމާއި ފާޑުފާޑުގެ ކްރީމްތަކާއި ލޯޝަންތައް ބޭނުންކޮށް ރީތިވާން މަސައްކަތް ކުރުމަކީ ހަމައެކަނި އަންހެން ކުދިން ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ފިރިހެން ކުދިންވެސް އެކުދިންގެ ހަންގަނޑު ރީތިކޮށްލާ ރީތިކޮށް ހުރުމަށް މަސައްކަތް ކުރަން ބުނެދޭން ޖެހެ އެވެ. ރީތިކޮށް ހެދުން އަޅަން ފިރިހެން ކުދިންވެސް ދަސްކޮށްދޭން ޖެހެ އެވެ.

އަންހެނުންނަށް އިހުތިރާމް ކުރަންވެސް ދަސްކޮށްދޭން ޖެހެ އެވެ. ހަމައެކަނި އާއިލާގައި ހިމެނޭ އަންހެން މެންބަރުންނަކަށް ނޫނެވެ. ހުރިހާ އަންހެނުންނަށް އިހުތިރާމް ކުރަން ދަސްކޮށްދޭން ޖެހެ އެވެ. މިކަންކަމަކީ ހަމައެކަނި އަންހެން ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމެއް ނޫނެވެ.