ކުޅިވަރު

އެއްވަނައިގައި ނިއު ލީޑު ފުޅާކޮށްފި

Oct 21, 2017

ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް 0-3 ކުރިހޯދައި ނިއު ރޭޑިއަންޓުން އެއްވަނަ މަގާމުގައި ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ. އެއްވަނައިގައި ނިއު ނުވަ މެޗުން 24 ޕޮއިންޓާއެކު އޮތްއިރު އެއްމެޗު މަދުން ކުޅެގެން މާޒިޔާ އަދި ޓީސީ އޮތީ 19 ޕޮއިންޓާއެކު އެވެ. މެޗުން ބަލަވެ ގްރީންއަށް ހަތަރުވަނަ މަގާމު ގެއްލުމުގެ ފުރުސަތ މިވަނީ ބޮޑުވެފައެވެ. 10 ޕޮއިންޓާއެކު ފަސްވަނަ މަގާމުގައި އޮތް ގދ.ތިނަދޫ މާދަމާ ދ.ކުޑަހުވަދޫ އަތުން މޮޅުވެއްޖެނަމަ އެޓީމު ހަތަރުވަނަ މަގާމަށް އަރާނެއެވެ.

މެޗުގެ ހަވަނަ މިނިޓުގައި ގްރީންގެ އަލީ ޝާމިސްއަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ. ނަތީޖާއަކަށްވީ މެޗުގެ 14 ވަނަ މިނިޓުގައި ނިއު ފޯވާޑް ހަމްޒާ މުހައްމަދު އެޓީމަށް ލީޑު ނަގައިދިނުމެވެ. އެޑްރިއަން ގަލާޑޯ ނަގައިދިން ހުރަހަކުން ހަމްޕުވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

ނިއުއަށް ދެ ވަނަ ލަނޑު ޖަހައިދިނީ 64 ވަނަ މިނިޓްގައި ސެންޓޭ އެވެ. އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ބޯޅަ ގްރީން ކީޕަރު ޖުން އަތުގައި ޖެހިފައި ލިބުނީ ސެންޓޭއަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

ނިއުގެ ތިންވަނަ ގޯލް 85 ވަނަ މިނިޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ނިއުއަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ ހޮކޭއަށެވެ. އޭނާވަނީ ބޯޅަ ގޯލްގެ މަތީކަނަށް ފޮނުވާލާފައެވެ.