ކުޅިވަރު

މޯހަން - ސުޒޭން: ކުރީގެ ވާދަވެރިކަން މިހާރު ފަނޑު

Oct 21, 2017
1

ގދ. ތިނަދޫ ޓީމުގެ ކޯޗް އަލީ ސުޒޭން އާއި ދ. ކުޑަހުވަދޫ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ދެމެދުގައި މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ބޮޑު ވާދަވެރިކަމެއް އޮތްތަން ފެނިގެން ދިޔަ އެވެ. އެ ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެންދިޔައީ 2012 ވަނަ އަހަރު ސީޒަން ގައެވެ. ސުޒޭން ވިކްޓަރީގެ ކޯޗަކަށް ހުރި އިރު މޯހަން އަކީ ވާދަވެރި ނިއުރޭޑިއަންޓްގެ ކޯޗެވެ. އެ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް ކާމިޔާބު ކުރީ ނިއުރޭޑިއަންޓެވެ.

ނަމަވެސް އޭރު އޮތް ވާދަވެރިކަން މިހާރު ވަރަށް ބޮޑަށް ފަނޑު ވެފައިވާ ކަން، ސުޒޭން ވަނީ ބުނެފަ އެވެ. މިހާރުވެސް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދާފައި ތިބި ދިވެހި ދެ ކޯޗުންނަކީ، ސުޒޭން އާއި މޯހަން އެވެ. ދެ ކޯޗުން އެންމެ ވާދަވެރި ދެ ޓީމުގައި ނެތުމަކީވެސް އޭރު އޮތް ވާދަވެރިކަން ފަނޑު ވެދާނެ ސަބަބަކެވެ.

"ފަހުގެ ބަޔަށް ބަލާއިރު އަޅަުގަނޑާއި މޯހަން އާ ދެމެދު އޮތް ވާދަވެރިކަމުގެ 75 ޕަސަންޓް މިހާރު އޮތީ ނިމިފައި،" ސުޒޭން ބުންޏެވެ. "އެއީ އަޅުގަނޑުމެން ދެ މީހުންނަކީ މާލާގައި އުޅެންޏާ ކޮންމެ ދުވަހަކު ކޮފީން ވެސް ދިމާވާ ދެ މީހުން ވީމަ ކޫރީގައި އެއޮތް ބައެއް ނޯންނާނެ، އެއްއިރެއްގައިވެސް އަޅުގަނޑަކީ އެއްވެސް މީހަކާ ޒާތީ ކަމެއް އޮންނަ މީހެއް ނޫން."

ސުޒޭން ބުނީ ކުރިއަށް ވުރެ ގާތް ދެމީހުންގެ ގޮތުގައި ދެ މީހުން ތިބި ނަމަވެސް ވާދަވެރި މެޗަކަށް ނިކުންނައިރު ކޮންމެވެސް ވަރެއްގެ ވާދަވެރިކަމެއް އޮންނާނެ ކަމަށެވެ. ސުޒޭން ބުނީ، ދިވެހި ޕްރިމިއާ ލީގަށް ކުޑަހުވަދޫ ޓީމަށް ކުޅުންތެރިން އިތުރު ނުކުރުމަށް މޯހަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް އޭނާ [ސުޒޭން] ނުދެކޭ ކަމަށެވެ.

"ކުޅުންތެރިން އިތުރު ނުކުރުމަށް މޯހަން ނެގި ޑެސިޝަން އަކީ އެންމެ ރަނގަޅު ޑެސިޝަނެއް ނޫނޭ އަޅުގަނޑު ދަންނަވާނީ، އެހެންނަމަ އޭނާ މި މުބާރާތުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރޭނެ،" ސުޒޭން ބުންޏެވެ. :"އެހެން ނަމަވެސް ކޮންމެ މެޗަކީ މުހިންމު މެޗެއް ކަމަށް ދެކިގެން އެންމެ ފަހުން މެޗުގައިވެސް އޭނަ ވަނީ ރަނގަޅު ފައިޓެއް ދީފައި. އެހެންވީމަ އެޔަށް ބަލާއިރު ތިނަދޫ ކޮންމެހެން މޮޅުވާން ޖެހޭ މެޗަކަށް ނިކުންނައިރު ވަރަށް ޕްރެޝާ މޯހަން ކަހަލަ ތަޖުރިބާ ކާރު ކޯޗަކު ހުރި ޓީމަކާ ދެކޮޅަށް ނިކުންނައިރު."

ސުޒޭން ބުނީ، ތިނަދޫ ޓީމާ، މިދިޔަ މަހު ހަވާލުވެ، މިހާތަނަށް އެ ޓީމާއެކު ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިއްޖެ ކަމަށެވެ. އަދި ތިނަދޫގައި ކުރީގެ ކޯޗް ސްޕެއިންގެ ހުއާން މެނައުލް މާޓީނޭޒް ވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ސުޒޭން ފާހަގަ ކުރި އެވެ. މާޓިނޭޒް ކޯޗަކަށް ހުރި އިރު ބައެއް ކުޅުންތެރިން ޕްރެކްޓިހާ ދުރަށް ދިއުމުގެ މައްސަލަ ފެންމަތިވި އެވެ.

ސުޒޭން ބުނީ ކުޅުންތެރިން ޕްރެކްޓިހަށް ނައުމަކީ ކުޅުންތެރިންގެ މައްސަލައެއް ކަމަށާއި ކޮންމެ ކޯޗެއް ހުރި ނަމަވެސް ބަރާބަރަށް ކުޅުންތެރިން ޕްރެކްޓިހަށް ނިކުމެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ތިނަދޫ ޓީމުގެ މެނޭޖްމެންޓްގެ މަސައްކަތާއެކު މިހާރު ކުޅުންތެރިންގެ އެކަން ވަރަށް ބޮޑަށް ރަނގަޅު ކުރެވިއްޖެ ކަމަށް އޭނާ ބުންޏެވެ.

ތިނަދޫ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިންގެ ގޮތުގައި ތިބީ، މާލޭ ލީގްގައި ކުލަބު އީގަލްސްއަށް ކުޅުނު އެ ޓީމުގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި އަހްމަދު ރިޒްވާން އިސްމާއިލް (ރިޒޭ) އާއި އިބްރާހިމް މުބީން (މުއްކި) އެވެ. ސުޒޭން ބުނީ އެ ކުޅުންތެރިންނަށް ބޭނުންވަނީ ޕޮސެޓިވް ވިސްނުމެއް ކަމަށާއި އަދި އެ ކުޅުންތެރިންގެ ތެރެއަށް ތަޖުރިބާ ކާރު މިޑްލްފީލްޑަރު އަހްމަދު ނިޔާޒު (ނިޔާ) ގެ ތަޖުރިބާ އެއްކޮލުމުން ތިނަދޫ ޓީމުގެ ތެރެއަށް ވަރަށް ބޮޑަށް ކުރިއެރުމެއް އަންނާނެ ކަމަށެވެ.