ވިޔަފާރި

ވީއައިއޭގެ މި ފޮޓޯގަނޑުވެސް ސަޅި!

  • ފްރެންޗައިޒް އިމާރާތް ހުޅުވުން ޑިސެމްބަރު މަހު
  • އެއްފަހަރާ 300 މީހުންނަށް ހިދުމަތް ދެވޭ
  • މިތަން ހަދަނީ، ސްޓީލް އާއި ބިއްލޫރި ބޭނުންކޮށްގެން

އެއާޕޯޓަށް ދާ ކޮންމެ މީހަކަށްވެސް މިހާރު މި މަންޒަރު ފެންނާނެ އެވެ. އެއާޕޯޓަށް އަރައި ފައިބާނަމަ މި ފޮޓޯ ފެންނާނެ އެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފައްކާ ކުރަމުން ގެންދާ، "އިންޓަނޭޝަނަލް ފްރެންޗައިޒް" އިމާރާތެވެ. މިތަން މި އަހަރު ހުޅުވަން، އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ހަށިން ހިތްވަރު ނަގައި މަސައްކަތް ކުރަމުންދާއިރު މިތަނުގެ އޮނިގަނޑު މިވަނީ ނިމިފަ އެވެ. އަދި މިއާއެކު އެއާޕޯޓުގެ މަލަމަތި ރީތިވެ، މިހާރު ފެންނަނީ ނަލަ މަންޒަރެވެ.

"މި ހަދަނީ ހާދަ ރީތި ތަނެކޭ. މިއީ ކޮންތަނެއްތަ؟" އެއާޕޯޓަށް ކައިރި ކުރަމުން ދިޔަ ލޯންޗުގައި އިން ޓޫރިސްޓަކު ސުވާލުކޮށްލި އެވެ.

ސްޓީލުން އޮނިގަނޑު ހަދައި، އަތުރާލާފައިވާ މި ފުރިހަމަ އިމާރާތް ފައްކާ ކުރަމުން ދަނީ ދުނިޔޭގެ އެންމެ ބޮޑެތި "ފްރެންޗައިޒް" ތައް ގެނެވޭ ގޮތަށެވެ. މިހާރު އެ އޮނިގަނޑު ނިމިފައިވާއިރު މިތަނަށް އަންނާނީ އާދައިގެ މަރުކާތަކެއް ނޫނެވެ. ކެއިން ބުއިމަށް ލޯބި ކުރާ މީހުންގެ ކުޅު ދިޔާކޮށްލާނެ ގިނަ މަރުކާތަކެއްގެ ކާ ތަންތަން މިތަނުގައި ގާއިމުވާނެއެވެ. މީގެތެރޭގައި މެކްޑޮނަލްޑްސާއި ކޭއެފްސީ އަދި ސްޓާބަކްސް އާއި ޕިއްޒާ ހަޓާއި ޑޮމިނޯޒް އާއި ކްރިސްޕީ ކްރީމާއި ޑަންކިން ޑޯނަޓްސްގެ އިތުރުން ހާޑް ރޮކް ކެފޭ ފަދަ ބްރޭންޑްތައް ހިމެނެ އެވެ.

ދުރުން ފެންނަ އިރު ރާޅު ތަކެއްގެ ގޮތުގައި ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ މި ހިތްގައިމު އިމާރާތް ހުންނަ ތަނުގައި ހަދާ ރެސްޓޯރެންޓް އައުޓްލެޓްތަކުގައި އެއް ފަހަރާ 300 މީހުންނަށް ކެއިން ބުއިމުގެ ހިދުމަތް ހޯދޭނެ ޖާގަ އޮންނާނެ އެވެ.

ބޮޑު މިނުގައި ގާތްގަނޑަކަށް 14،000 އަކަފޫޓު ހުންނަ މި އިމާރާތުގެ ސްޓީލް އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ. ރާއްޖޭން ބޭރުން ފަރުމާކޮށްގެން ގެނެސް ރާވަމުންދާއިރު، މި ތަން ހަދަނީ އެއާޕޯޓަށް އަންނަ މީހުން އަރާ ޖެޓީ ސަރަހައްދުގަ އެވެ. މި ތަނުގައި "ކޮފީ ޝޮޕް" ހިންގަން 231 އަކަ މީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ. އަދި "ޑޯނަޓް" ވިއްކަން ހާއްސަކޮށްގެން 80 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، "ކެޝުއަލް ޑައިނިން" އަށް 302 އަކަމީޓަރު ހުންނާނެ އެވެ. އަދި "ފާސްޓްފުޑް ކޮންސެޕްޓް" ރެސްޓޯރަންޓަކަށް 171 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ ލިބޭ ސަރަހައްދުގެ ގޮތުގައި 99 އަކަމީޓަރުގެ ސަރަހައްދަކާއި އައިސްކްރިމީގެ މީރު ރަހަތަކަށް 14 އަކަމީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ.

އެއާޕޯޓް ހިންގާ، އެމްއެއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ ފްރައިންޗައިޒްތައް ގެންނަ އިމާރާތުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.

"މަސައްކަތް ދަނީ ކުރިއަށް. މި ބަލަނީ މިތަން [ފާޓްފުޑް ރެސްޓޯރެންޓް ހުންނަ އިމާރާތް] މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވަން މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ އެ ތަނަށް މަދުވެގެން ހަތަރު ބްރޭންޑެއްގެ ރެސްޓޯރެންޓް ގެންނާނެ ކަމަށާ، އެކަމަށް އެ ފަރާތްތަކަށް ރިކުއެސްޓް ކުރުމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިތަން ހުޅުވަން ތައްޔާރުވާއިރު މިހާރު ވެސް އެއާޕޯޓުގައި ފްރެންޗައިޒް ރެސްޓޯރެންޓްތައް ހިންގަ އެވެ. މިގޮތުން އެއާޕޯޓުގައި ހުރި ފްރެންޗައިޒް ރެސްޓޯރެންޓްތަކުގެ ތެރޭގައި ކޮފީ ކްލަބާއި ބާގާ ކިންގް އަދި ދަ ޕިއްޒާ ކޮމްޕެނީގެ އިތުރުން ޑެއިރީ ކުއީން އަދި ތައި އެކްސްޕްރެސް ހިމެނެ އެވެ.

ވީއައިއޭގެ އާ ފާސްޓްވުޑް ޗެއިންތަކާއެކު، އެއާޕޯޓުގެ މަލަމަތިން މިހާރު މިވަނީ ރީތިކަން ފެންނަން ފަށައިިފި އެވެ. އަދި މިތަން ނިމުމުން އިތުރު ފުރިހަމަ ވެގެންދާނެ ކަމަށް ބެލެވެ އެވެ.