ކުޅިވަރު

ގަދަ ހަތަރެއްގެ ފުރުސަތު ތިނަދޫއިން ނަގާލައިފި

Oct 21, 2017

ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗުން ނަތީޖާއެއް ނުނެރެވި ގަދަ، ހަތަރަކަށް އަރަން ލިބުނު ފުރުސަތު ގދ. ތިނަދޫއިން ނަގާލައިފި އެވެ. މެޗު ނިމުނީ ދެ ޓީމަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނެވެ.

މެޗުން މޮޅުވިނަމަ، ތިނަދޫއަށް، ތަވާލުގެ ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު ލިބުނީހެވެ. އެއްވަރުވުމުން ލިބުނު ޕޮއިންޓާއެކު، އެ ޓީމާއި، ހަތަރު ވަނައިގައި އޮތް ގްރީންސްޓްރީޓާ ދެމެދު ހުރީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. ދެ ވަނަ ބުރުގައި، އަދި މިހާތަނަށް، ގްރީން އަށް ޕޮއިންޓެއް ހޯދިފައި ނެތުމުން، ލީގްގައި އިތުރަށް ކުރިއަށް ޖެހިލުމުގެ ފުރުސަތެއް ނުލިބެ އެވެ.

މެޗުން ނަތީޖާއެއް ނުނެރެވުނު ނަމަވެސް، ތިނަދޫއިން ވަނީ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ހާއްސަކޮށް މެޗުގެ ފުރތަމަ ހާފުގައި އެ ޓީމަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

ނަމަވެސް، ދެ ވަނަ ހާފުގައި އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔަ އެވެ. މެދުތެރެއިން ގިނަ ޕާސްތަކެއް މިސްކުރެވި، ކުރީގައި ތިބި ކުޅުންތެރިންނަށްނަށް ރަނގަޅު ބޯޅައެއް ނުލިބުނެވެ.

ތިނަދޫގެ ކޯޗް އަލީ ސުޒޭން ބުނީ، އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުން އެއްޗެއް ނުޖެހުން ކަމަށެވެ. އދި ކުޑަހުވަދޫއިން މުޅި މެޗުގައި ޑިފެންސް ވަރަށް އޮގަނައިޒްކޮށް ފެނިގެން ދިޔަ ކަން ސުޒޭން ފާހަގަ ކުރި އެވެ.

މެޗު އެއްވަރުވިނަމަ އަދިވެސް، ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު ތިނަދޫއަށް އެބައޮތް ކަމަށް ސުޒޭން ބުންޏެވެ.

"ތިނަދޫއަށް ތިނަދޫގެ ގޮތުގައި ހަމަ ކުޅެގެން ގަދަ ހަތަރަކަށް ދެވޭނެ ޗާންސް އެބައޮތް،" މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ. "މިހާރު އެއްޕޮއިންޓް ގްރީންސްޓްރީޓާ ދެމެދު މިއޮތީ، ދެން ގްރީން ސްޓްރީޓާއި ތިނަދޫގެ މެޗުވެސް އެބައޮތް ޖުމުލަކޮށް ބަލާއިރު އަދި ހުރިހާ ކަމެއް ހުސްވީ ކަމަށް ބަލާފައި ތިނަދޫއަށް ގަދަ ހަތަރެއްގެ ފުރުސަތު ލިބުނީ ކަމަށް ބަލާ ވަރަށް ވުރެ މާ އަވަސް އަދި."

ކުޑަހުވަދޫ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ، ގިނަ ދުވަސްތަކެއް ކޮށްފައި ޕޮއިންޓެއް ލިބުމަކީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްް ކަމަށާއި އެހާބޮޑަށް ޑިފެންސިވް ކޮށް ކުޅުނީވެސް އެންމެ މަދުވެގެން ޕޮއިންޓެއް ހޯދުމަށް ކަމަށެވެ.

ލީގްގައި، މިރޭ ވާދަ ކުރާނީ، ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ އެވެ. ދެ ޓީމަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއް އަދަކަށެވެ. ނަމަވެސް މާޒިޔާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ނެވެ. ދެ ޓީމަށްވެސް 19 ޕޮއިންޓެވެ.

އެހެންވެ ކޮންމެ ޓީމެއް މޮޅުވިޔަސް އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ. މިވަގުތު ނިއު އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު، ޖުމުލަ 24 ޕޮއިންޓް ހޯދައިގެން ނެވެ.