ކުޅިވަރު

މާޒިޔާ ބަލިކޮށް ޓީސީ ނިއުގެ ފަހަތުން ވިއްދައިފި

Oct 22, 2017

މާޒިޔާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނައަށް ޖެހިލައި ޓީސީން، އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓްގެ ފަހަތުގައި ވިއްދައިފި އެވެ.

މެޗުގެ ކުރިން، މާޒިޔާ އާއި ޓީސީ އޮތީ ޕޮއިންޓްގެ ގޮތުން، ހަމަހަމަ ކޮށެވެ. ނަމަވެސް އޭރު ލަނޑުގެ ތަފާތުން ކުރި ލިބެނީ މާޒިޔާ އަށެވެ. ޓީސީ މޮޅުވެ، އަލުން އެއް ވަނައިގައި އޮތް ނިއު އާ ދެ ޕޮއިންޓަށް ފަރަގު ކުޑަކުރިއިރު، މާޒިޔާއާ ތިން ޕޮއިންޓް ފެއަށް ޖެހިލެވުނީ އެވެ.

ނިއު 24 ޕޮއިންޓް ހޯދާފައި ވާއިރު، ޓީސީ އަށް 22 ޕޮއިންޓެވެ. މާޒިޔާ އަށް 19 ޕޮއިންޓެވެ. ހަތަރު ވަނައިގައި 12 ޕޮއިންޓާއެކު އޮތީ ގްރީން ސްޓްރީޓެވެ.

މެޗު، ޓީސީން ފެށީވެސް ވަރުގަދަ ރޫހެއްގައި ކަން، މެޗުގެ ތެރެއަށް އެޓީމުން ވަދެގަތް ގޮތުންވެސް އެނގިގެން ދިޔަ އެވެ. ޓީސީގެ ހުރިހާ ޑީޕާޓްމެންޓެއް އެއްވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، ޓީސީގެ ކުޅުން އެއަށްވުރެ ބޮޑަށްވެސް ރަނގަޅު ކުރެވޭނެ ކަމަށާއި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަކީ، މި ސީޒަންގައި، ޓީސީގެ އެންމެ މޮޅު މެޗު ނޫން ކަމަށެވެ. މި ސީޒަންގައި ޓީސީން އެންމެ މޮޅަށް ކުޅުނު މެޗުގެ ގޮތުގައި ނިޒާމް ފާހަގަ ކުރީ، މާލޭ ލީގްގެ ފުރަތަމަ ބުރުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗެވެ.

ޓީސީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ، މެޗު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާގެ ބޭރުން އޭރިއާގެ ކަނާކައިރީގައި ހުއްޓައި ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ރަނގަޅަށް ބަލާފައި ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. އެ ބޯޅަ ދިފާއު ކުރުމުގައި މާޒިޔާގެ ކީޕަރު މަހްމޫދު އަލް ޔޫސުފަށް ކުރެވޭނެ ހަމަ އެެއްވެސް ކަމެއް ނެތެވެ. ނަމަވެސް އިއްބެ ބޯޅަ ޖެހުމުގެ ކުރިން، މާޒިޔާގެ ޑިފެންޑަރުންނަށް އެ ބޯޅަ ސާފް ކޮށްލެވުނީހެވެ.

ދެ ވަނަ ހާފުގައި، އަދި ޓީސީން ފެނުނީ މާ ތަފާތު ކޮށެވެ. މާޒިޔާ 1-0 ން ފަހަތުގައި އޮތުމުން، އެ ޓީމުން ވަނީ ކުރިއަށް ޖެހި ހަމަލާ އުފައްދަން މަސައްކަތް ކޮށްފަ އެވެ. މާޒިޔާ ކުރިއަށް ޖެހިލުމުން، އެ ޓީމުގެ ފަހަތުން ހުސްވާ ޖާގަތައް ބޭނުން ކޮށްގެން، ޓީސީން މާޒިޔާގެ ގޯލަށް ނުރައްކާ ކުރި އެވެ.

އެގޮތަށް ލިބުނު ފުރުސަތުގައި، ޓީސީން އެންމެ ރަނގަޅު ބޯޅަ އެއްލިބުނީ ބިދޭސީ ކުޅުންތެރިޔާ ހަލީލް ޖަމާލް ހަލީލީ އަށެވެ. އޭނާ އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ފޮނުވާލުމުން އެ ބޯޅަ ދިޔައީ މާޒިޔާގެ ގޯލްގެ ކަނާ ދިމާލުން ހުރަސް ދަނޑި މަތިން ބޭރަށެވެ.

މާޒިޔާއިން ފުރުސަތުތައް ތަނަވަސް ކުރީ، ހިލޭ ޖެހުންތަކާއި ކޯނަރުން ލިބުނު ބޯޅަ ތަކުން ނެވެ. މެޗުގެ 66 ވަނަ މިނެޓްގައި އެ ޓީމުގެ ކޮވަސޮވިޗް ނެގި ކޯނަރު، އަމްދާން އަލީ (އެންޑީ) ބޮލުން ފޮނުވާލުމުން، އެ ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 70 ވަނަ މިނެޓްގައި ޓީސީގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން ކޮވަސޮވިޗް ފޮނުވާލުމުން އެ ބޯޅަ ދިޔައީ، ޕެނަލްޓީ އޭރިއާ ތެރެއަށް އަރާތިބި މާޒިޔާގެ ކުޅުންތެރިންގެ ތެރެއިން ލާފައެވެ. މާޒިޔާގެ ކުޅުންތެރިންނަށް، އެ ބޯޅަ ޖެހުނަ ނުދޭޏްން ޓީސީއިން ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޓީސީގެ ސްޓެވާޓް ވަނީ، މެޗުގެ 79 ވަނަ މިނެޓްގައި، މާޒިޔާގެ އޭރިއާގެ ތެރެއަށް ރަނގަޅު ބޯޅައެއް ހުރަސް ކޮށްފަ އެވެ. ނަމަވެސް އޭރިއާ ތެރޭގައި، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ހުރި ނަމަވެސް އޭނާގެ ފައިގައި އެ ބޯޅަ ލައްވެއް ނުލި އެވެ.

ޓީސީގެ ލީޑް ދެ ލަނޑަށް ބަދަލު ކޮށްދިނީ ހަބޭސް އިއްބެ އެވެ. މާޒިޔާގެ ހާފުގެ މެދެހެއްހާ ހިސާބުން އޭނާއަށް ލިބުނު ބޯޅަ ހިފައިގެން، ގޮސް، އޭރިއަ ތެރެއަށް ވަނީ މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އަދި އޭރިއާ ތެރެއަށް ވަދެ އިތުރު ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ބޯޅަ ފޮނުވާލީ ގޯލްގެ ދަނޑި ކައިރިން ތިރީ ކަނަށެވެ.

މާޒިޔާގެ ހަމައެކަނި، ލަނޑު އިސްމާއީލް އީސާ (މެސީ) ކާމިޔާބު ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ނެވެ.

މާޒިޔާގެ ކޯޗް މަރުޔާން ސްކެލޮސްކީ ބުނީ ލީގް ހޯދުމާ މެދު އަދި އުންމީދު ކަނޑާ ނުލާ ކަމަށާއި ކުރިއަށް އޮތް ފަސް މެޗުގައި ކޮންމެ ގޮތެއްވެސް ވެދާނެ ކަމަށެވެ.