ކުޅިވަރު

ތަމްރީންގެ އެހެން ލެވަލަކަށް ސޮބާ ބާސެލޯނާ އަށް

Oct 22, 2017
2

ކޯޗިން ޓްރެއިނިން ކޯހުގެ ލެވަލް ދޭއް ފުރިހަމަ ކުރުމަށްޓަކައި، ބާސެލޯނާގެ ޓޯވޯ ފުޓްބޯޅަ އެކެޑެމީގެ ޕްރޮގްރާމްގެ ޕްރެކްޓިކަލް ބައި ފުރިހަމަ ކުރުމަށް ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު ބާސެލޯނާއަށް ދާން ފުރައިފި އެވެ.

ސޮބާ ވަނީ ޓޯވޯ ފުޓްބޯޅަ އެކެޑެމީން، ކޯޗިންގެ ލެވަލް އެކެއް މިއަހަރު ފުރިހަމަ ކޮށްފަ އެވެ. ޓޯވޯ އެކެޑެމީން ސޮބާގެ ތަމްރީން ޕްރޮގްރާމް ފެށީ، އޭނާގެ ކުރީގެ ކޯޗް އަދި ވިކްޓަރީ އާއި އައިއެފްސީގެ ކުރީގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) ކުރަހައިދިން ހިޔާލެއްގެ މައްޗަށެވެ.

ޓޯވޯ އެކެޑެމީ އަކީ، ބާސެލޯނާގެ ކުރީގެ ކޯޗް އަދި އެ ޓީމުގެ ލެޖެންޑް ޔޯހާން ކްރައިފްގެ ދަނބިދަރި ޓޮޑް ބީންގެ ފައުންޑަރު ކަމުގެ ދަށުން ހިންގާ ފުޓްބޯޅަ ޓްރެއިނިން އިންސްޓްޓިޔުޓެކެވެ. އަދި ޓޮޑް އަކީ، ބާސެލޯނާގެ ކްރައިފް އިންސްޓްޓިޔުޓްގެ ކޯ ފައުންޑަރުވެސް މެއެވެ.

މާއްޓޭ ވަނީ، ކްރައިފް އިންސްޓްޓިޔުޓުން، ދެ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލު ކޮށްފަ އެވެ. އެއި ސްޕޯޓްސް މެނޭޖްމެންޓާއި ސްޕޯޓްސް މާކެޓިން އެވެ.

މާލޭގައި ހުރެގެން އޮންލައިންކޮށް ކޯހުގެ ބައެއް މޮޑިއުލްތައް ކިޔެވުމަށްފަހު، ޓޯވޯ ދަތުރުގައި ސޮބާ ހާސިލު ކުރަނީ އަމަލީ ތަޖުރިބާގެ ބައެވެ. އެތަނުގައި އޭނާ ކިޔަވަނީ ކްރައިފް ޓޯޓަލް ފުޓްބޯޅަ ފިލޯސަފީ އާއި ސިސްޓަމްގެ މައްޗަށް އެކުލަވާލާފައިވާ ޕްރޮގްރާމްތަކެވެ.

ލެވަލް އެކެއް ހެދުމަށް ކުރި ދަތުރުގައި، ސޮބާ ވަނީ ބާސެލޯނާގެ ޔޫތު ފުޓްބޯޅަ އެކެޑެމީ ލަ މާސިއާގެ ޓްރެއިނިންތައް ކުރިއަށް ދާގޮތް ބަލާލާފަ އެވެ. އަދި މެޑްރިޑަށް ގޮސް، ރެއާލް މެޑްރިޑްގެ ސްޓޭޑިއަމް ސެންތިއާގޯ ބެރުނަބޭ އަށްވެސް އޭނާ ޒިޔާރަތް ކުރި އެވެ.

މާލެއިން ފުރުމުގެ ކުރިން މީޑިއާ އާ ވާހަކަ ދައްކަމުން ސޮބާ ބުނީ، ލެވަލް އެކެއް އަދި ދޭއް ފުރިހަމަ ކުރުމުގައިވެސް ގްރީން ސްޓްރީޓްގެ މެނޭޖެމެންޓުން އޭނާ އަށް ދޭ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށެވެ. އަދި ލީގްގެ މުހިންމު ހިސާބަކުން އޭނާ ދާން ޖެހުމުންވެސް އެ ކުލަބުން އެކަމުގައި ދިން އެއްބާރުލުން އޭނާ ފާހަގަ ކުރި އެވެ.

ސޮބާ ބުނީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ މުހިންމު މީހަކީ ކޯޗް މާއްޓޭ ކަމަށާއި، ފުޓްބޯޅައިން "ލައިފެއް" އޭނާ އަށް ލިބުނީ މާއްޓޭގެ ފަހަތުގައި ހުރެގެން ކަމަށެވެ.

މާއްޓޭވެސް ވަނީ ސޮބާގެ ހިތްވަރަށާއި ރިސްކު ނަގަން ޖެހިލުން ނުވެ އޭނާ އެޅި ފިޔަވަޅަށް ތައުރީފް ކޮށްފަ އެވެ.

""ސޮބާ އަކީ ކެރޭ ޒުވާން ކޯޗެއް، އަދި ކޯޗިންގައި ނަގަންޖެހޭ ރިސްކް ނަގަން ކެރޭ ކުއްޖެއް،" މާއްޓޭ ކުރިން ބުނެފައި ވެއެވެ. "އޭޝިއާއިން ފުރުސަތުތައް ހޯދަން ނޫޅެ، ފުޓްބޯޅައިގައި އަޅުގަނޑުމެންގެ ވިސްނުން ދާންވީ ޔޫރަޕަށް، ފުޓްބޯޅައިގެ ހުނަރާއި މެނޭޖްމެންޓް ސްކިލްސް އޮތް ތަނަކީ ޔޫރަޕް."