ކުޅިވަރު

"ޔޫރަޕް ފެންވަރުގައި އޮތީ ޝެޑިއުލް" ލީގަށް މޯހަންގެ ފާޑުކިޔުން

Oct 22, 2017
4

ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި އެންމެ ފަހުން ނެރުނު ޝެޑިއުލް އޮތީ ޔޫރަޕްގެ ފެންވަރުގައި ކަމަށާއި ނަމަވެސް ލީގްގެ އިންތިޒާމުތަކާއި ފެންވަރު ހުރީ ވަރަށް ބޮޑަށް ދަށްކޮށް ކަމަށް، ދ. ކުޑަހުވަދޫ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު މޯހަން ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި ކުރިއަށް އޮތް މެޗުތައް ކައިރިކައިރީގައި ކުޅެން ޖެހި، ލީގްގެ ޝެޑިއުލް ލީގް ކުރުގަޅުވާލުމުން، މޯހަންގެ އިތުރުން ބައެއް ބައެއް އެހެން ކޯޗުންވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ.

ދެ ވަނަ ބުރުގެ ޝެޑިއުލް ފުރަތަމަ ނެރުނުއިރު، ކޮންމެ ދެ މެޗެއްގެ ދެމެދުގައި ހަތަރު ދުވަހުގެ ބްރޭކެއް ލިބެ އެވެ. އަދި ގިނަ މެޗުތައް ހުރީ ހަފުތާ ބަންދަށް ނުވަތަ ހަފުތާގެ އެންމެ ފަހު މަސައްކަތު ދުވަހާ ދިމާވާ ގޮތަށް ހިމަނާފަ އެވެ.

ނަމަވެސް، މިދިޔަ ހުކުރު ދުވަހު މެންދުރު ފަހު އާންމު ކުރި އާ ޝެޑިއުލްގައި، ކޮންމެ ދެ މެޗަކާ ދެމެދު ޓީމަކަށް ލިބެނީ ތިން ދުވަހެވެ. މޯހަން ބުނީ އެންމެ ފަހުން އާންމު ކުރި ޝެޑިއުލް އޮތް ގޮތުން، ކުޑަހުވަދޫ ޓީމުގެ މުހިންމު ކުޅުންތެރިންނަށް، މެޗަށް ނާދެވުމުގެ ބިރު އެބައޮތް ކަމަށެވެ. ކުޑަހުވަދޫ ޓީމުން މާލެ އަންނަނީ، ކޮންމެ ދުވަހެއްގެވެސް މެޗަށެވެ.

"މި ބަދަލާއެކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ވެގެންދާނެ ކުރިން އޮތީ ވަރަށް ރަނގަޅަށް،" އިއްޔަ ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "ވީކެންޑް ތެރޭގައި މެޗުތައް ހުރެފައި ކުއްލިއަކަށް މެޗުތައް ވީކް ޑޭސް ތެރެއަށް މި ބަދަލު ވީ، އެހެންވީމަ ކުޅުންތެރިންނަށް މެޗަށް އައުމަށް ވަރަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިގެންދާނެ ވަޒީފާއިން ވިއްލުމާއި އެކަންކަން ވީކް ޑޭސްތެރޭގައި ކުރަން ވަރަށް އުނދަގޫ ވާނެ."

އޭނާ ބުނީ ރަށް ރަށު ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދޭއިރު ރަށްރަށުގެ ޓީމުތަކަށް ފަސޭހަ ވާނެ ގޮތަށް ލީގް ޝެޑިއުލް ރާވަން އެފްއޭއެމުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

"ވީކެންޑް ވީމަ ވަރަށް ފަސޭހަ މެޗުތަކަށް އަންނަން، އަޅުގަނޑަށް ހީވަނީ އެފްއޭއެމުން މިކަހަލަ ކަންތައްތައް ކުރާއިރު ވަރަށް ރަނގަޅު ކަންނޭންގެ ވިސްނާލިއްޔާ ރަށްރަށު ޓީމުތައް މިއަށް [ދިވެހި ޕްރިމިއާ ލީގަށް] މިލީ އެމީހުންނަށް މި ފުރުސަތު ދިނުމުގެ ބޭނުމުގައި، ވަރަށް ރަނގަޅަށް މިހިސާބަށް އައީ ކުއްލިއަކަށް މިބަދަލު އަންނައިރު ކިހިނެއް ކަމެއްވީ ކޮބައިކަން އޭގެ މަގްސަދަކީ ކޮބައިކަން އަޅުގަނޑުމެންނަށް އަންގާލާފަ އޮންނަނަމަ ރަނގަޅުވާނެ،"

"ނަމަވެސް ކުއްލިއަކަށް ޝެޑިއުލް މިއަންނަނީ ޝެޑިއުލްގައި މިއިންނަނީ ހޯމަ ދުވަހެއްގައި އަންގާރަ ދުވަހެއްގައި އެކަހަލަ ގޮތަކަށް ޝެޑިއުލް މި އޮންނަނީ ތިން ދުވަހުން މެޗެއް ކުޅެން އެބަޖެހޭ ދެން މިހާރު އަޅުގަނޑުމެންނަށް ނޯންނާނެ ދަތުރު ކުރުން ނޫން ކަމެއް އަޅުގަނޑަށް ހީވަނީ، މެޗު ކުޅެފަ ގޮސްފަ އެއް ދުވަސް ދެ ދުވަސް ވީމަ އަނެއްކާވެސް މި ކޮޅަށް އަންނަން ޖެހޭނީ،"

"ޝެޑިއުލް މިއޮތީ ޔޫރަޕްގައި ކުޅޭ ގޮތަށް ކުޅެން ޖެހިފަ އެހެން ނަމަވެސް ޓީމުތައް އެފެންވަރަކަށް ނުދޭ ކުޅުން އެފެންވަރަކަށް ނުދޭ ލީގް އެފެންވަރަކަށް ނުދޭ ނަމަވެސް ޝެޑިއުލް މިއޮތީ އެފެންވަރަށް ގޮސްފަ މިހެންވީމަ ކުޅުންތެރިން އަޅުގަނޑުމެންނަށް ލިބުމުގައި ދަތިތައް ކުރިމަތި ވެގެންދާނެ، ކުޅުންތެރިން މެޗަށް ވީއްލުމުގައި ހުރަސްތަކެއް ހުރެދާނެ ދެން އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް."

މި މައްސަލަ އެފްއޭއެމްގެ ސަމާލު ކަމަށް ގެނެސްފިންތޯ ސުވާލު ކުރުމުން މޯހަން ބުނީ، ކުއްލިއަކަށް އަންނަނީ ޝެޑިއުލް ކަމަށާއި ޓީމުތަކުގެ މަޝްވަރާއެއް ހޯދުން ނެތް ކަމަށެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ޓީމުން ރަސްމީކޮށް ލިޔުމުން އެފްއޭއެމްއަށް ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ.

މޯހަން އަށް ފަހު، މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮސްކީ ވަނީ ލީގްގެ އިންތިޒާމުތަކަށާއި ރެފްރީންގެ މައްސަލައަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ލީގްގެ ޝެޑިއުލްއާ ބެހޭގޮތުން ސުވާލު ކުރުމުން ހިތްހަމަ ނުޖެހިފައި ސެކްލޮސްކީ ބުނީ "މިހާރު 10 ފަހަރަށް މިއަހަރު ޝެޑިއުލް ބަދަލު ކޮށްފި،" ކަމަށެވެ.

ޝެޑިއުލްއަށް ބަދަލު ގެނައުމުގައި، މާޒިޔާއާ މަޝްވަރާ ކުރިތޯ ސުވާލު ކުރުމުން އޭނާ ބުނީ މިހެންނެވެ.

"އަހަރެމެންނާ މަޝްވަރާ ކުރި ހޭ؟ ނޫން ނޫން އެމީހުންނަށް މާ ރަނގަޅަށް އެނގެނީ އަހަރެމެންނަށް ހުރި ދަތިތަތަކަކީ ކޮބައިކަން އެހެންވެ މަޝްވަރާ ނުކުރީ." ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ސެކްލޮސްކީ ބުންޏެވެ.

ގދ. ތިނަދޫ ޓީމުގެ ކޯޗް އަލީ ސުޒޭން ވެސް ވަނީ އިއްޔަ މެޗަށް ޓީމު ދިޔައިރު، ދަނޑުގައި ކުރަމުން ދިޔަ މަރާމާތު ކުރުމުގެ މަސައްކަތުގައި އަޑުގަދަކޮށް ތަނެއްގައި ތަޅާތީ ޗޭޖިން ރޫމުގައި ކުޅުންތެރިންނަށް ދިމާވި އުނދަގުލާ ބެހޭގޮތުން ވާހަކަ ދައްކަފާއެވެ. އަދި ކުޅުންތެރިންނަށް އެއްޗެއް ބުނެނުދެވޭ ވަރަށް ތަނުގެ އަޑުގަދަ ވުމުގެ ސަބަބުން އެކަމާ ސުޒޭން ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ.

ސުޒޭން ބުނީ މިއީ ޕްރިމިއާ ލީގެއްގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ލީގްގެ ޝެޑިއުލަށް ގެނެވުނު ބަދަލާ ގުޅިގެން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ޝެޑިއުލްއަށް ބަދަލު ގެނައި، އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މަޗަށް ތައްޔާރުވުމަށް ޓީމުތަކަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. މިއަހަރު އެފްއޭއެމުން ވަނީ ގައުމީ ޓީމު މެޗަތަކަށް ގިނަ ވަގުތުތަކެއް ސީޒަންގެ ތެރެއިން ހުސްކޮށްފަ އެވެ.

ނަމަވެސް އެ މައްސަލައިގައި ފުޓްބޯޅަ އާއިލާގެ ބައެއް މީހުންގެ ހިޔާލު ތާފަތެވެ. މި މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި ދިވެހި ފުޓްބޯޅައިގެ ތަޖުރިބާ ކާރަކު ބުނީ، ކޮލިފައިންގެ މިހާހިސާބަށް އައިރު ރާއްޖެއަށް އޭޝިއަން ކަޕަށް ކޮލިފައިވާނެ ފުރުސަތު ނެތް އިރު، ދެން ގައުމީ ޓީމަށް ވަގުތު އިތުރު ކުރުމުގެ ބޭނުން އެހާ ބޮޑަށް ނުޖެހޭ ކަމަށެވެ.

ސީޒަން އަވަހަށް ނިންމުމުގެ މުހިންމު ކަން ޝެޑިއުލަށް ބަދަލު ގެންނަން ނިންމި ނިންމުމުގައި ހިމެނޭ ކަމަށްވެސް ޖަވާ ވިދާޅުވި އެވެ.