ލައިފްސްޓައިލް

އަމިއްލަ މީހާގެ މޮޅު ވާހަކަ ނުދައްކާތި

Oct 23, 2017

ގިނަ ފަހަރަށް މީހުން އެމީހެއްގެ ފޫހި ވާހަކަ ދައްކާނީ ސަބަބެއް ނެތި އެއް ނޫނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އަށް ފޮޓޯ އަޅާ އެހެން މީހުންނަށް ދެއްކެން އުޅޭނަމަ އެމީހެއްގެ ވާހަކަ ނިކަން ގަދައަށް އެހެން މީހުން ދައްކާނެ އެވެ. އަދި މާ ގިނައިން ފޮނިކަނޑާ ހަދާ ނަމަވެސް އެމީހަކު މަޝްހޫރު ވާނީ އެފަދަ ގޮތަކަށެވެ. އެފަދަ ސިފަތައް ހުންނަނަމަ އެމީހަކު ދެކެ އެހެން މީހުން ފޫހިވާނެ އެވެ.

މީހަކު ދެކެ އެހެން މީހުން ފޫހިވަނީ އެފަދަ ސިފަތަކެއް މާގިނައިން ފެންނަ ނަމަ އެވެ. އެކަމާ ބެހޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކަނީ އެގޮތަށެވެ. އެ ދިރާސާތަކުން ދައްކާ ގޮތުގައި މީހެއްގެ ގައިގައި ހުންނަ ފަސް ކަމެއްގެ ސަބަބުން އެހެން މީހުން އެމީހެއް ދެކެ ފޫހިވެ އެވެ.

ހާއްސަކޮށް ތިމާ ކުރާ ހުރިހާ ކަމެއް ސޯޝަލް މީޑިއާގައި ޖަހައިގެން ފޮޓޯ ޕޯސްޓް ކުރުމަކީ އެހެން މީހުން ތިމާދެކެ ފޫހިވާ ސަބަބެއް ކަމަށް ވަނީ ވެފަ އެވެ. ބައެއް މީހުންނަކީ މީހަކާ ބައްދަލުވިޔަސް ސެލްފީ ނަގައި ނުވަތަ ކާއެއްޗެއް ވެސް ސޯޝަލް މީޑިއާއަށް ނުލައި ނުކެވޭ މީހުންނެވެ. ކައިރީގައި ތިބޭ މީހުން ދިމާލަށް އެއްޗެކޭ ނުބުނެފާނެ އެވެ. އެހެން ނަމަވެސް ހިތާ ހިތުން މަލާމާތް ކޮށް އެއްޗެހި ގޮވާނެ އެވެ. ދުވަސްގަނޑެއް ކޮށްފައި ބައްދަލުވުމުން އެކުގައި ތި ނެގި ސެލްފީތަކުން އެއްބައި ސޯޝަލް މީޑިއަށް ހާމަނުކޮށް ފޯނުގައި ރައްކާކުރާށެވެ.

މަޝްހޫރު މީހުންގެ ނަން ލައިގެން ފޮނި ކެނޑުމަކީ ވެސް ބައެއް މީހުންގެ ގައިގަ ހުންނަ އެހެން މީހުން ހިތްހަމަ ނުޖެހޭ ސިފަ އެކެވެ. ތިމާ އަކީ މަޝްހޫރު މީހުންނާ ގާތް ގުޅުމެއް އޮންނަ މާބޮޑަށް ދަންނަ މީހެއްކަން އަންގަން އެހެން މީހުން ކައިރީ ވާހަކަ ދެއްކުމަކީ މާ މޮޅު ކަމެއް ކަމަށް ދެކުނު ނަމަވެސް އެއީ ފޫހި ގޮތެކެވެ.

ތިމަންނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށް އެހެން މީހުންނަށް ދެއްކެން އުޅޭ މީހުންނަކީ ވެސް މީހުން ނުރުހޭ ސިފަ އެކެވެ. ހާއްސަކޮށް ވަޒީފާއަކަށް ކުރިމަތިލައިގެން އިންޓަވިއުގައި ވާހަކަ ދައްކާއިރު އަމިއްލަ މީހާގެ ރަނގަޅު ސިފަތައް ކިޔައިދިނުމަކީ ސުވާލު ކުރަން ތިބޭ މީހުން ވެސް މާ ގަޔާވާނެ ސިފައެއް ނޫނެވެ. ޕްލަސް ޕޮއިންޓު ލިބުމުގެ ބަދަލުގައި މައިނަސް ވެދާނެ އެވެ. އަމިއްލަ މީހާގެ މޮޅު ވާހަކަ މާގިނައިން ނުދައްކާށެވެ.

ބައެއް މީހުންނަކީ އުފާވިޔަސް ދެރަވިޔަސް އެމީހުންގެ މޫނު މަތިން އެކަންކަން ނުދައްކާ ތިބޭ މީހުންނެވެ. މިގޮތަށް އެއްވެސް ކަހަލަ އިހުސާސެއް މޫނުމަތިން ފާޅުނުވާ މީހުން ދެކެ މީހުން ފޫހިވާނެ އެވެ. ހިތާމަތައް މީހުންނަށް ނުދެއްކި ނަމަވެސް އުފާވެރި ހަބަރެއް ނަމަ ހީލާ އެ އުފާވެރިކަން އެހެންމީހުންނާ ހިއްސާ ކޮށްލަން ވާނެ އެވެ.

އެހެން މީހުންނާ ވާހަކަ ދައްކާއިރު ނުވަތަ ފޮޓޯއެއް ނަގާއިރު ވެސް ތަކުރާރުކޮށް ހީލާށޭ ބައެއް މީހުން ކައިރީ ތަކުރާރުކޮށް ބުނަންޖެހެ އެވެ. ހީނުލާ އަބަދު ހިތްހަމަ ނުޖެހޭ ގޮތް މޫނުން ދައްކައިގެން ހުރުމަކީ ތިމާ ދެކެ އެހެން މީހުން ނަފުރަތު ކުރާ ސިފަ އެކެވެ. އެހެންވީމާ އަބަދުވެސް ހީލަން ހަނދާން ކުރާށެވެ.