ކުޅިވަރު

ޓީސީގެ ފެންވަރު މިއަށްވުރެވެސް މަތި ކުރެވޭނެ

Oct 23, 2017

އަދިވެސް، ފެނިގެން އެދަނީ ޓީސީގެ އަސްލު ކުޅުން ނޫން ކަމަށާއި، ކުޅުމުގެ ފެންވަރު މިއަށްވުރެވެސް
މަތި ކުރެވޭނެ ކަމަށް، އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގްގައި، ޓީސީން މިހާރު ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން ނެެވެ. މިދިޔަ ހޮނިހިރު ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަކީ އޭގެ މިސާލެކެވެ. ޓީމުގެ ހުރިހާ ޑިޕާޓްމެންޓެއް އެއްވަރަށް މަސައްކަތް ކުރި އެވެ. މި ސީޒަންގައި މާޒިޔާ ދެ ފަހަރަށް ބަލި ކުރި އެހެން ޓީމެއް ޓީސީ ނޫނީ ނެތެވެ.

"އަސްލުގައި މީ [ދިވެހި ޕްރިމިއާ ލީގް ދެ ވަނަ ބުރުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު] މި ސީޒަންގެ އެންމެ ރަނގަޅު މެޗެއް ނޫން،" ރާއްޖޭގެ އެންމެ މޮޅު ކޯޗްގެ އެވޯޑްގެ ޓައިޓަލްގައި ހުރި މުހައްމަދު ނިޒާމް ބުންޏެވެ. "މި ސީޒަންގެ އެންމެ ރަނގަޅު މެޗަކަށް ހަމަ ފެނުނީ މި ސީޒަންގައި އެންމެ ފުރަތަމަ ވެލެންސިއާ އާ ދެކޮޅަށް އެ ކުޅުނު މެޗު އަދިވެސް އެ ލަވަލްއަކަށް ފޯކަސްއެއް ނުކުރެވޭ، ވަރުގަދަ ޓީމުތަކާ ދެކޮޅަށް އުނދަގޫ ވާނެ އެ ފެންވަރުގައި ޕާފޯމަންސް ކުރަން ވެސް، ނަތީޖާއަށް ވުރެވެސް ބޮޑަށް ޓީމު އެކުރި މަސައްކަތާއި ދެއްކި ޕާފޯމަންސް ވަރަށް ބޮޑަށް ހިތް ހަމަ ޖެހޭ."

މާލޭ ލީގްގެ ވަކި ހިސާބަކުން ޓީސީއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތި ވިއެވެ. މާލޭ ލީގްގެ ދެ ވަނަ ބުރަށް ދިޔައިރުވެސް ގަދަ ހަތަރެއްގެ ފުރުސަތު ނުލިބިދާނެ ކަމުގެ ބިރުވެސް އެ ޓީމަށް ކުރިމަތި ވިއެވެ. އޭރު ނިޒާމް ބުނީ ޓީމަށް މައްސަލަ ކުރިމަތިވީ، ސީޒަންގެ ކުރީ ކޮޅު ކުއްލިގޮތަކަށް އައި ބްރޭކްގެ ސަބަބުން ކަމަށެވެ. މާލޭގައި އޭރު ފެތުރެމުން ދިޔަ އޫރު ރޯގާގެ ސަބަބުން ފުޓްބޯޅަ ސީޒަން ކުއްލި ގޮތަކަށް އެފްއޭއެމުން މެދުކަނޑާލި އެވެ.

ދިވެހި ޕްރިމިއާ ލީގްގައި، ފުރަތަމަ މެޗު ފިޔަވައި، ޓީސީން ދަނީ ރަނގަޅު ކުޅުމެއް ދައްކަމުން ނެވެ. ފުރަތަމަ މެޗުގައި އެ ޓީމު ބަލިވީ ނިއު ރޭޑިއަންޓް އަތުން ނެވެ. ދިވެހި ޕްރިމިއާ ލީގްގައި އެ ޓީމުގެ ފަރާތުން ފެންނަމުންދާ ކުޅުމުގެ ސިއްރު މިއޮތީ އެވެ.

"އެންމެ ބޮޑު އެއްކަމަކީ ކުޅުންތެރިން އެބަހައްޓާ މެޗުގެ އިތުރުން ޑިސިޕްލިން ދަނޑުން ބޭރުގައިވެސް އެ ހިފަހައްޓާ ޑިސިޕްލިން،" ނިޒާމް ބުންޏެވެ. "އަދި މިއަށްވުރެވެސް ޓީސީގެ ފެންވަރު މަތި ކުރެވޭނެ."

ލީގް ފެށުމުގެ ކުރިން ނިޒާމް ބުނީ، ޓީސީގެ އަމާޒަކީ މިއަހަރު ދިވެހި ޕްރިމިއާ ލީގް ކާމިޔާބު ކުރުން ކަމަށެވެ. މިދިޔަ ދެ ސީޒަންގައިވެސް ޓީސީ ވަނީ ލީގްގެ ދެ ވަނަ މަގާމު ހޯދާފަ އެވެ.