ބޮލީވުޑް

އީޝާ ޑިއޯލްއަށް އަންހެން ކުއްޖަކު ލިބިއްޖެ

Oct 24, 2017

ބަތަލާ އީޝާ ޑިއޯލް އާއި ފިރިމީހާ ބާރަތް ތަކްތާނީއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އިއްޔެ ރޭ ފަތިހު މުމްބާއީގައި ހުންނަ ހިންދޫޖާ ހޮސްޕިޓަލުގައި އަލަތު ދަރިފުޅު ވިހާފައިވާއިރު އެ ކުއްޖާ އަށް މިހާރު ވަނީ ނަމެއް ވެސް ކިޔާފަ އެވެ.

އަލަތު ދަރިފުޅަށް ރަދްޔާގެ ނަމުން ނަން ދީފައިވާކަން ހާމަކުރަން ބާރަތް ބުނެފައިވަނީ އެމީހުންގެ ދަރިފުޅަށް ރަދްޔާގެ ނަމުން ނަން ދީފައިވަނީ އެ ނަމަކީ އޭނާ އާއި އީޝާ ވެސް ވަރަށް ގަޔާވި ނަމަކަށް ވާތީ ކަމަށެވެ.

އީޝާ ދަރިފުޅު ވިހޭކަމުގެ އުފާވެރި ހަބަރު މީޑިއާތަކާ ހިއްސާކުރަމުން އިއްޔެ ބާރަތް ވަނީ އޭނާ އާއި އީޝާ އަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭން ވެސް ދަތިކަމަށް ބުނެފަ އެވެ.

"އިހްސާސްތައް ކިޔައިދޭން ދަތި. އެހާ ވެސް އުފާވެރިކަން އިހްސާސްވޭ،" ބާރަތް ބުނެފައިވެ އެވެ.

ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ހެމާ މާލިނީ އާއި ދަރްމެންދްރަގެ ދޮށީ އަންހެން ދަރިފުޅު އީޝާ ރަދިޔާ ވިހޭއިރު ދެ ފަރާތުގެ އާއިލާގެ ހުރިހާ މެމްބަރުން ހޮސްޕިޓަލުގައި ތިއްބެވެ.

އިޝާ އާއި ދަރިފުޅުގެ ހާލު ރަނގަޅުކަމުން އިއްޔެގެ މެންދުރުގެ ވަގުތެއްގައި އެމީހުން ވަނީ ކުޑަ ދަރިފުޅު ގޮވައިގެން ގެއަށް ގޮސްފަ އެވެ.

އަހަރެއްހާ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އީޝާ، ވިޔަފާރިވެރިޔާ ބާރަތްއާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޖޫން 29 ވަނަ ދުވަހު އެވެ. އަލަތު ދަރިފުޅަށް ބަލިވެއިންކަން އީޝާ އާއި ބާރަތް ހާމަކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ދެހާހުގެ ކުރީކޮޅު ކަމިޔާބު ފިލްމުތަކެއް ކުޅެފައިވާ އީޝާގެ ފިލްމުތައް ނިކުތުން މިފަހަކަށް އައިސް މަދުވެ، އޭނާ އެންމެފަހުން ފެނިގެން އައިސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ކިލް ދެމް ޔަންގް" ކިޔާ ފިލްމަކުންނެވެ.