ލައިފްސްޓައިލް

ދަތަށް އެންމެ ރަނގަޅު ކާނާއަކީ ބަޓަރާއި ޗީޒް

Oct 24, 2017

ދަތްތަކުގެ ވާހަކަ ދައްކަންޏާ ދަތް ހުދުކުރާނެ މޮޅެތި ބޭސްތަކުގެ ވާހަކަ ދައްކާލުމުން ނިމުނީ އެވެ. ފާޑުފާޑުގެ ބޭހުގެ އިތުރުން ގޭގައި ތައްޔާރު ކުރެވިދާނެ މޮޅެތި "ފަންޑިތަ" އެކަކު އަނެކަކަށް ކިޔައިދެނީ އެވެ. ދެއިރު ދެ ދަޅަޔަށް ދަތް އުނގުޅާފައި، ކޮންމެވެސް ކަހަލަ އަނގަދޮންނަ ފުޅި އެކެވެ. އެހާ ހިސާބުން ދަތްތަކުގެ ވާހަކަ ނިމުނީ އެވެ. ވައްސަލާމެވެ.

އެކަމަކު އެއީ އެހިސާބުން ނިންމާލައިގެން ފަރުޖެއްސެން އޮތް ވާހަކައެއް ނޫނެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފައިދާހުރި ދުޅަހެޔި ކާނާގެ ވާހަކަ ދައްކާއިރު ދަތްތަކުގެ ވާހަކައެއް ނާދެ އެވެ. ދަތްތަކަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ދަތް އުނގުޅަން ބޭނުންކުރާ ބޭހަށް ބަރޯސާވެ ނިންމާލަނީ އެވެ.

އެހެން ނަމަވެސް އެކަމުގައި ޑެންޓިސްޓުންގެ ރައުޔު ތަފާތެވެ. އެ މީހުން ވިދާޅުވަނީ ދަތުގެ ދުޅަހެޔޮ ކަމަށްވެސް ބޭނުންވަނީ ކާނާ އެވެ. އޮސްޓްރޭލިއާގެ ޑެންޓިސްޓެއް ކަމަށްވާ ޑރ. ސްޓެވެން ލިން ވިދާޅުވަނީ ބަޓަރު، ސަލާމީ އަދި ޗީޒަކީ ދަތްތަކަށް އެންމެ ރަނގަޅު ކާނާ ކަމަށެވެ.

ޑރ. ލިން އޭނާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ދުވާލަކު ދެ ފަހަރު ދަތް އުނގުޅާ ދަތްތައް ސާފުކުރި ނަމަވެސް ދަތް ފަނި ކާނެ ކަމަށެވެ. އަދި ބައެއް ފަހަރު ދަތްތަކަށް އެއްވެސް ސަމާލުކަމެއް ނުދޭ މީހުންގެ ދަތް ފަނި ނުކައި ދަތުގެ ރިއްސުން ކަހަލަ ކަންކަން މެދުވެރި ނުވަނީ ކެއުމަށް ބޭނުންކުރާ ކާނާގެ ސަބަބުން ކަމަށެވެ.

"ދަތްތަކަކީވެސް އެހެން ގުނަވަންތަކެކޭ އެއްގޮތަށް ގަވާއިދުން އެއަށް ކާނާ ބޭނުންވާ ގުނަވަނެއް، އެންމެ އެކަށީގެންވާ ކާނާ ނުލިބޭ ކަމަށްވާނަމަ ދަތްތައް ސާފުކޮށް ބެހެއްޓިއަސް ދަތް ފަނިކެއުން ކަހަލަ ބަލިތައް ޖެހެން މެދުވެރިވޭ،" ޑރ. ލިން އޭނާގެ ލިއުމުގައި ލިޔެފައިވެ އެވެ.

ދަތްތަކަށް އެންމެ ރަނގަޅު ފަރުވާ އަކީ ވިޓަމިނާއި މިނެރަލެވެ. ހާއްސަކޮށް ވިޓަމިން އޭ، ޑީ، ކޭޓޫ، އަދި ވިޓަމިން އީ އެވެ. އޭރަށް ދަތްތައް ވަރުގަދަވާނެ ކަމަށްވެސްވެ އެވެ.

"ހަމައެކަނި ހަކުރަކުން ނޫން ދަތް ފަނި ކަނީ، ދަތްތަކަށް ބޭނުންވާ ކާނާ ނުލިބޭ ކަމަށްވާނަމަވެސް ދަތް ފަނިކާނެ،" ޑރ. ލިން ލިއުއްވާފައިވެ އެވެ.

ވިޓަމިން އޭ ލިބޭ ބައެއް ކާނާގެ ތެރޭގައި ބީފް ލިވާ، ކަނޑުމަސް، ކިރު އަދި ކުކުޅު ބިސް ހިމެނެ އެވެ. ވިޓަމިން ޑީ އަށް އެންމެ ރަނގަޅި އިރުގެ އައްޔެވެ، މަޝްރޫމްވެސް ރަނގަޅުވާނެ އެވެ. ވިޓަމިން ކޭޓޫ އަށް ސޮފްޓް ޗީޒް، ބިސް، ބަޓަރު އަދި ސަލާމީ ރަނގަޅުވާނެ އެވެ. ވިޓަމިން އީ ލިބޭ ކާނާގެ ތެރޭގައި ސްޕިނިޗް ފަތް، ބޮރޮކޮލީ އަދި ނަޓް ހިމެނެ އެވެ.