ކުޅިވަރު

ދަގަނޑޭ އާއި ގައުމީ ކޯޗްގެ ވޯޓްވެސް ރޮނާލްޑޯ އަށް

Oct 24, 2017

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި، ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން ދޭން ޖެހޭ ވޯޓްގައި، ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ކޯޗް ޑަރެން ސްޓްވާޓްގެ ވެސް އެއް ވަނަ ވޯޓް ދީފައި ވަނީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.

ކޯޗުންނާއި ކެޕްޓަނުން އަދި އިންޓަނޭޝަނަލް ފުޓްބޯލް ޖާނަލިސްޓުން ދޭ ވޯޓްގައި، ކޮންމެ މީހެއްގެ ވޯޓްގެ ވެސް އެއް ވަނަ ދޭ ނަމަކަށް ފަސް މާކްސް ލިބިގެން ދާނެ އެވެ. ދެ ވަނަ އަށް ވޯޓް ދޭ ކުޅުންތެރިޔާއަށް ތިން ޕޮއިންޓެވެ. ތިން ވަނަ އަށް ވޯޓް ދޭ ކުޅުންތެރިޔާއަށް އެއް މާކްސް އެވެ. ވޯޓްގައި ބައިވެރިވާ އެއްވެސް ކުޅުންތެރިޔަކަށް އޭނާގެ އަމިއްލަ ނަމަށް ވޯޓް ނުދެވޭނެ އެވެ.

އަޝްފާގްގެ ދެ ވަނަ އަށް ވޯޓް ދީފައި ވަނީ، އެ ވޯޑްގައި ދެ ވަނަ އަށް ދިޔަ އާޖެންޓީނާގެ ލިއޮނަލް މެސީ އަށެވެ. އަދި ތިން ވަނަ ދީފައި ވަނީ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން އަށެވެ.

ގައުމީ ކޯޗްވެސް ދެ ވަނަ އަށް ވޯޓް ދީފައި ވަނީ، މެސީ އަށެވެ. ތިން ވަނަ ނަމަކަށް ކޯޗް ވޯޓް ދީފައި ވަނީ ކޮރޭޝިއާގެ ލުކާ މޮޑްރިޗަށެވެ.

އެންމެ މޮޅު ކޯޗަކަށް އަޝްފާގް ވޯޓް ދީފައި ވަނީ، ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން އަށެވެ. ދެ ވަނަ އަށް ވޯޓް ދީފައި ވަނީ ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އަށެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ، މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ އަށެވެ. ސްޓްވާޓްވެސް އެއްވަނަ ކޯޗަކަށް ވޯޓް ދީފައި ވަނީ، ޒިދާން އަށެވެ. ދެ ވަނަ ވޯޓް އޭނާ ދީފައި ވަނީ، ޖަރުމަންގެ ކޯޗް ޖޯކިމް ލޯ އަށެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ، ކޮންޓޭ އަށެވެ.

އަންހެން ކުޅުންތެރިންގެ ވޯޓްގައި، ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރުގެ އެއް ވަނަ ވޯޓް ދީފައި ވަނީ، ބާސެލޯނާ އަށް ކުޅެމުންދާ ހޮލެންޑްގެ ލީކް މާޓިން އަށެވެ. އޭނާ އަކީ މިއަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އެވެ. ފަދުވާ ދެ ވަނަ އަށް ވޯޓް ދީފައި ވަނީ، ޖަރުމަންގެ ވުލްފްސްބާގަށް ކުޅެމުންދާ ޑެންމާކްގެ ޕާނިލެ ހާޑާ އަށެވެ. އޭނާ ތިން ވަނަ އަށް ވޯޓް ދީފައި ވަނީ، ފްރާންސްގެ އޮލިމްޕިކް ލިޔޯން އަށް ކުޅެމުންދާ، ޖަރުމަންގެ ޑެޒެނިފާ މެރޯޒޯން އަށެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗް، މުހައްމަދު އާތިފް (އާތީ) ވެސް އެއްވަނަ ވޯޓް ދީފައި ވަނީ ލީކް މާޓިން އަޑެވެ. ދެ ވަނަ އަށް އާތީ ވޯޓް ދީފައި ވަނީ، ޑެޒެނިފާ މެރޯޒޯން އަށެވެ. ތިން ވަނަ އަށް އޭނާ ވޯޓް ދީފައި ވަނީ އާސެނަލްއަށް ކުޅެމުންދާ، އިނގިރޭސި ފޯވަޑް ޖޯޑީ ޓޭލާ އަށެވެ.

އެންމެ މޮޅު އަންހެން ޓީމުގެ ކޯޗަކަށް ފަދުވާ، އެއް ވަނަ އަށް ވޯޓް ދީފައި ވަނީ، ހޮލެންޑްގެ ގައުމީ ކޯޗް ސަރީނާ ވީގްމަން އަށެވެ. ހޮލެންޑަށް ޔޫރަޕްގެ އަންހެންނުގެ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދީ މިއަހަރުގެ އެންމެ މޮޅު އަންހެން ކޯޗްގެ އެވޯޑް ހޯދާފައި ވަނީ އޭނާ އެވެ. ދެ ވަނަ އަށް ފަދުވާ ވޯޓް ދީފައި ވަނީ، ބާސެލޯނާގެ އަންހެން ޓީމަށް ކޯޗް ކޮށްދިން ޒަވީ ލޮރެންސް އަށެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ، ޗެލްސީގެ އަންހެން ޓީމުގެ ކޯޗް އީމާ ހޭސް އަށެވެ.

އާތީ ވެސް އެންމެ މޮޅު ކޯޗްގެ އެވޯޑްގައި އެއް ވަނަ އަށް ވޯޓް ދީފައި ވަނީ، ސަރީނާ ވީގްމަން އަށެވެ. ދެ ވަނަ އަށް އޭނާ ވޯޓް ދީފައި ވަނީ، ވުލްފްސްބާގްގެ ކޯޗް ރަލްފް ކެލާމަން އަށެވެ. ތިން ވަނަ އަށް ވޯޓް ދީފައި ވަނީ، އީމާ ހޭސް އަށެވެ.