ވިޔަފާރި

ސިއްހީ ދާއިރާއަށް އިތުރު 300 މިލިއަން ރުފިޔާ ކަނޑައަޅައިފި

ރާއްޖޭގެ ސިއްހީ ހިދުމަތްތައް ފުޅާ ކުރަން އިތުރު 330 މިލިއަން ރުފިޔާއާއެކު، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަަޅައިފި އެވެ.

މިއަދު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުން ޖަލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ވިދާޅުވީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުމުގެ ބޭނުމަކީ މި އަހަރުގެ އިތުރު ހަރަދުތައް ދާނެކަމަށް ފެންނާނެތީ ކަމަށެވެ.

"ބަޖެޓު ހުށަޅަނީ މިހާރުގެ ބަޖެޓަށްވުރެ އިތުރަށް ހަރަދުވާނެ ކަމަށް ބެލެވޭތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ފެންނަނީ ރާއްޖޭގެ އިގްތިސާދަށް ފަހި އަހަރެއްގެ ގޮތުގައި ކަމަށެވެ. އަދި ޓޫރިސްޓުން ޒިޔާރަތް ކުރި އަދަދު 5.9 ޕަސެންޓް އިތުރުވެ، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު ވެސް 8.8 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިމާރާތް ކުރުމުގެ ސިނާއަތުގެ ދުވެލިވެސް އިތުރުވެގެން ދިއުމާއެކު، ރާއްޖޭގެ އިގްތިސާދީ ދުވެލި 6.9 ޕަސެންޓް އިތުރުވާނެ ކަމަށެވެ.

"މި އަހަރު [2017] ގެ ބަޖެޓުގައި ހަރަދު ކުޑަ ކުރަން ހުށަހަޅާފައިވާ ކަންތައްތަކަކީ ސީދާ ރައްޔިތުންނާ ގުޅުންހުރި ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ބުރޫއަރާފާނެ ފަދަ ކަންކަން. ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަންކަމަށްވާތީ ބައެއް ހަރަދުތައް ފާސްކޮށްފައިވާ މިންވަރަށްވުރެ އަހަރު ނިމޭއިރު އިތުރުވާނެ ކަމަށް ބެލެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ ބަޖެޓަށް އިތުރު 330 މިލިއަން ރުފިޔާ ސަރުކާރުން ހުށަހެޅިއިރު، މި އަހަރުގެ މިހާތަނަށް 300 މިލިއަން ރުފިޔާއަށްވުރެ މަތިން އާސަންދައަށް ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ސިއްހީ ދާއިރާ ފުޅާ ކުރުމަށް ހޮސްޕިޓަލްތައް އެޅުމާއި، ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އުސް އިމާރާތް ކަމަށްވާ 25 ބުރީގެ "ދަރުމަވަންތަ ހޮސްޕިޓަލް" ގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.