ވިޔަފާރި

ރާއްޖޭގެ ދަރަނި 43 ބިިލިއަން ރުފިޔާ އަށް އަރައިފި

  • ޖީޑީޕީގެ ނިސްބަތުން ދަރަނި 61 ޕަސެންޓަށް
  • ދަރަންޏަށް 15 ބިލިއަން ރުފިޔާ އިތުރުވި
  • މިއަހަރުގެ ބަޖެޓްގައި ވެސް 2.5 ބިލިއަން ޑެފިސިޓް

މި އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފި އެވެ.

"2018 ވަނަ އަހަރުގެ ބަޖެޓު" ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރު ދައުލަތުގެ ޖުމްލަ ދަރަންޏަށް 15 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ. އެހާ ބޮޑު އަދަދެއް ދައުލަތުގެ ދަރަންޏަށް އިތުރުވީ ސަރުކާރުން ކުރިއަށް ގެންދާ ބިޔަ ތަރައްގީގެ މަޝްރުއުތަކަށް ކުރާ ހޭދަ އިތުރުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތަކަށް 18 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި ހުންނާނީ 43 ބިލިއަން ރުފިޔާގައި. ދައުލަތުގެ ދަރަނި ދަރަނި އިތުރުވެފައިވަނީ ހިންގާ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. "މިގޮތުން ހޭދަކޮށްފައިވާ (ލޯނު ނަގައިގެން ހިންގާ) މަޝްރޫއުތަކަކީ އުފެއްދުންތެރިކަން މައްޗަށް ޖައްސައި، ދައުލަތުގެ އާމްދަނީ އިތުރުކޮށް، އާމްދަނީ އިތުރަށް މައްޗަށް ޖައްސާނެ މަޝްރޫއުތަކެއްކަން ފާހަގަ ކޮށްލެވޭ،"

ގައުމީ އުފެއްދުންތެރިކަން، ނޫނީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި މި ވަނީ 61 ޕަސެންޓަށް އަރާފައިކަން ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ހުށަހެޅި 28 ބިލިއަން ރުފިޔާގެ ބަޖެޓުން ވެސް 2.5 ބިލިއަން ރުފިޔާ އަކީ ޑެފިސިޓް ނޫނީ ދަރަންޏެވެ. އަދި މި އަހަރު ހުށަހެޅި 26 ބިލިއަން ރުފިޔާގެ ބަޖެޓުން ވެސް 1.4 ބިލިއަން ރުފިޔާ އަކީ ޑެފިސިޓެވެ.

ދައުލަތުގެ ދަރަނި އިތުރުވާނެ ކަމަށް ސަރުކާރުން ބުނިއިރު، މަޝްރޫއުތައް ހިންގުމަށް މާލީ އިދާރާތަކުން ދަނީ ގިނަ އަދަދެއްގެ ލޯނު ނަގަމުންނެވެ. މިގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ޗައިނާގެ ބޭންކްތަކުން ލޯނު ނަގާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއަށް ވެސް ވަނީ ގިނަ އަދަދެއްގެ ލޯނު ނަގާފަ އެވެ.

ދަރަނި ބޮޑުވަމުންދާތީ ދުނިޔޭގެ މާލީ އިދާރާތަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަ ގޮތެއްގައި ދައުލަތުގެ ދަރަނީގެ ދެބައިކުޅައެއް ބަޔަށް ވުރެ ބޮޑު ބައެއް ނަުފޫޒުގަދަ ޗައިނާއަށް ބަރޯސާވެފައި ވާތީ އެކަމާ މެދު އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.