ވިޔަފާރި

ދަރުމަވަންތަ ހޮސްޕިޓަލަށް ތަކެތި ގަންނަން 818 މިލިއަން ރުފިޔާ

ފަންސަވީސް ބުރީގެ، ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހޯދަން 818 މިލިއަން ރުފިޔާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ 25 ބުރީގެ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހޯދަން 818 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތްތައް ދިނުމަށް ބިނާކޮށްފައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބަޖެޓުން ބޮޑު އެހީއެއް ލިބޭނެ ކަމަށެވެ.

އައިޖީއެމްއެޗް 25 ބުރީގެ އިމާރާތުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އެވެ. ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ޝެންހުއާ ކޮންސްޓްރަކްޝަނާ" ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ. މި އިމާރާތުގެ މަސައްކަތް އަންނަ އަހަރު ނިމޭނެއެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތް ފަރުމާކޮށްފައިވަނީ ހަ ބުރި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރަކަށެވެ. އަދި މީގެ އިތުރުން ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރާ ގޮތަށް މިތަން ވަނީ ފަރުމާކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ރޭޑިއޭޝަން ނުފެތުރޭ ގޮތަށް "ޝީލްޑް" ކުރުމާއި ސިއްހީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމެއް މިތަނުގައި ހުންނާނެ އެވެ. މީގެ އިތުރުން މި އިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓަކާއި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ އިތުރުން ސްވިމިން ޕޫލެއް ވެސް ހުންނާނެ އެވެ.