ވިޔަފާރި

އަންނަ އަހަރަށް 28 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

  • ޑެފިސިޓް ވާނީ 2.5 ބިލިއަން ރުފިޔާއިން
  • އާމްދަނީ އަކީ 22.4 ބިލިއަން ރުފިޔާ
  • އިގްތިސާދު ކުރިއަރާނީ ހަ ޕަސެންޓްގައި

އަންނަ އަހަރަށް ލަފާކޮށް 28 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ. އެ ބަޖެޓްގެ ދަރަނިވެސް 2.5 ބިލިއަން ރުފިޔާ އަށް (ޖީޑީޕީގެ ނިސްބަތުން 3.8 ޕަސެންޓް) އަރަ އެވެ. މިއަހަރު ބަޖެޓްގެ ދަރަނި ވެސް 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އިދިކޮޅު މެންބަރުންގެ އިހުތިޖާޖާ އެކު "2018 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް" މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ، 24.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 2.5 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކަށް އަހަމިއްޔަތުކަން ދީގެން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.

"އަންނަ އަހަރު [2018] ގެ ބަޖެޓަކީ އުމްރާނީ ތަރައްގީއަށް ކުރާ މަސައްކަތްތައް ހުއްޓާ ނުލައި، މިހާރު ހިންގަމުން ގެންދާ ގިނަ މަޝްރޫއުތައް ނިންމުން. މިގޮތުން ދައުލަށް ވަރުގަދަ ކުރުމާއި އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ ކަންކަން ފެށު. އާއްމު ހާލަތު ރަނގަޅުކޮށް، ކޮންމެ ގެއަކަށް، ކޮންމެ ކުއްޖަކަށް، ކޮންމެ އިސް ރަށްވެއްސަކަށް އިގްތިސޯދީ މަންފާ ލިބޭނެ މަގު އިތުރު ކުރުން،" މުނައްވަރު ވިދާޅުވި އެވެ.

2018 ގެ ހަރަދުތައް

* ރިކަރަންޓް ހަރަދަށް 56 ޕަސެންޓް، (16.1 ބިލިއަން ރުފިޔާ)
* ސަބްސިޑީއަށް 12 ޕަސެންޓް
* 43 ޕަސެންޓް ކެޕިޓަލް ހަރަދު
* ޕީއެސްއައިޕީއަށް 59 ޕަސެންޓް

އަންނަ އަހަރުގެ 56 ޕަސެންޓް ހާއްސަކޮށްފައިވަނީ، ރިޔަރަންޓް ހަރަދަށެވެ. ރިކަރެންޓް ހަރަދަކީ 16.1 ބިލިއަން ރުފިޔާ އެވެ. އެއީ މުސާރަ އާއި ޕެންޝަނަށެވެ. އަދި 23 ޕަސެންޓް ހޭދަ ކުރާނީ އާއްމު ހިދުމަތް ފޯރު ކޮށްދޭނެވެ. އަދި ރިކަރަންޓް ހަރަދުގެ ނުވަ ޕަސެންޓް ހޭދަކުރާނީ ލޯނު ދައްކާށެވެ. ސަބްސިޑީ އަށް ހަރަދު ކުރާނީ 12 ޕަސެންޓެވެ. ބަޖެޓުގެ 43 ޕަސެންޓް ހޭދަކުރާނީ ކެޕިޓަލް ހަރަދު ތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 59 ޕަސެންޓް ހަރަދު ހިމެނެނީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ނިމޭއިރު ޖީޑީޕީ ނޫނީ ގައުނީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭވަރު 10،000 ޑޮލަރަށް އަރާމެ ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކަށްވުރެވެސް ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވި ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މި އަހަރު ނިމޭއިރު އިގްތިސާދީ ދުވެލި. 6.8 ޕަސެންޓަށް އަރާނެ. އަންނަ އަހަރުގެ އިގްތިސާދީ ދުވެލި ހަ ޕަސެންޓުގައި ހުންނާނެ ކަމަށް ބެލެވޭ. އަންނަ އަހަރުގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ހިފެހެއްޓޭނެކަމަށް ބެލެވޭ،" މުނައްވަރު ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް] އިން ތަފާކުރާ ގޮތުގައި މި ހިނގާ 2018 ވަނަ އަހަރު ހުންނާނީ 3.6 އިންސައްތާގައި. އައިއެމްއެފުން ލަފާކުރަނީ ދުނިޔޭގެ އިގްތިސާދު 6.8 ޕަސެންޓަށް ހަލުވިވާނެ ކަމަށް. މިއީ ލިބޭ އުފާވެރި ހަބަރެއް."

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ރާއްޖޭގެ އިންފްލޭޝަން (ލާދަ) ހުރި 3.4 ޕަސެންޓުގައި ކަމަށެވެ. އަދި އަންނަ އަހަރު އެވްރެޖުކޮށް ހުންނާނީ 3.1 ޕަސެންޓުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ނިމޭއިރު، ރަސްމީ ރިޒާވްގައި ހުންނާނީ 600 މިލިއަން ޑޮލަރު ކަމަށެވެ.

މި އަހަރު ހުރީ 500 މިލިއަން ޑޮލަރެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ދަރަނި އަދާކުރަން ހޭދަނުކުރާ މިންވަރަށް އެކަމަށް ހޭދަ ކުރެވުނު ކަމަށެވެ.

"މިދިޔަ އަހަރު ދަރަނި އަދާކުރުމަށް 4.3 ބިލިއަން ރުފިޔާ ހޭދަ ކުރެވިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރަށް ސަރުކާރުން ހުށަހެޅީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ދައުލަތަށް ލިބުނީ 18.6 ބިލިއަން ރުފިޔާ ކަމަށާއި 25.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަމަށެވެ. އަދި މިހެންކަމުން މި އަހަރުގެ ބަޖެޓުވަނީ 6.7 ބިލިއަން ރުފިޔާ އިން ދަރަނިވެރިވެފައި ކަމަށެވެ.

"މި އަހަރު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓާއެކު 22.2 ބިލިއަން ރުފިޔާ ހަރަދު ކުރެވޭކަމަށް ލަފާކުރެވޭ،" މުނައްވަރު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގެ ދަރަނި ހުންނާނެ ކަމަށް އަންދާޒާކުރީ 303.7 މިލިއަން ރުފިޔާގަ އެވެ. މި އަދަދަކީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ ފަސް ޕަސެންޓެވެ.