ވިޔަފާރި

މި އަހަރަށް ލަފާކުރި ވަރަށް އާމްދަނީއެއް ނުލިބޭނެ: މިނިސްޓަރު

މި އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރަން ސަރުކާރުން ހުށަހެޅި ދާއިރާތަކުން އާމްދަނީ ނުލިބޭނެ ކަމަށް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގަން އިތުރު ފައިސާ ހޯދަން 493 މިލިއަން ރުފިޔާގެ "ސަޕްލިމެންޓްރީ ބަޖެޓެއް" މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އާމްދަނީ ހޯދުމަށް ހުށަހެޅި ކަންކަމުގެ ބޮޑުބައެއް މި އަހަރު ނުލިބޭނެ ކަމަށެވެ.

"އާމްދަނީ އިތުރު ކުރުމަށް ހުށަހެޅި ކަންކަމުގެ ބޮޑުބައެއް ނުލިބޭނެތީ. އާމްދަނީ އިތުުރު ކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށް ހުށަހެޅިފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ސަރުކާރުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި މި އަހަރު ދައުލަތައް އާމްދަނީ ހޯދުމަށް ހަތް ކަމެއް ބަޖެޓުގައި ފާހަގަ ކުރި އެވެ. މީގެ ތެރޭގައި ހިމެނެނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގެ ދަށުން އަންނަ އިންވެސްޓްމަންޓްތަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބޭނެ ކަމަށް ބުނި 500 މިލިއަން ރުފިޔާ އާއި ބިންވެރިކޮށް ދީގެން ލިބޭނެ ކަމަށް އަންދާޒާ ކުރި 500 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުން ކޮންސެޝަން ޗާޖެއް ނަގައިގެން 261 މިލިއަން ރުފިޔާ ހޯދުމެވެ.

2017 ބަޖެޓުގެ ލަފާކުރި އާމްދަނީ

* އެސްއީޒެޑުން 500 މިލިއަން ރުފިޔާ
* ބިންވެރިކޮށްގެން 500 މިލިއަން ރުފިޔާ
* ކޮންސެޝަން ޗާޖުގެ ގޮތުގައި 261 މިލިއަން ރުފިޔާ

އާމްދަނީ އިތުރު ކުރަން ސަޕްލިމެންޓްރީ ބަޖެޓުގައި އަލަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި، ރެވެނިއު ސްޓޭމްޕްގެ ގާނޫނު އިސްލާހު ކުރުމާއި ޓެކުހުގެ ގާނޫނު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ހިމެނެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް އާމްދަނީ ހޯދުން

* ރެވެނިއު ސްޓޭޕުގެ ގާނޫނު އިސްލާހު ކުރުން
* ޓެކުހާ ބެހޭ ގާނޫނޫގެ "ބާގަނޑުތައް" ބެއްދުން

"މި އިސްލާހުތައް ގާނޫނުތަކަށް ގެނެވިއްޖެނަމަ ޓެކްސްގެ ނިޒާމުގެ އެފިޝެންސީ އިތުރުވެ، ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެ. އެހެންކަމުން މިދެނެވި ގާނޫނީ އިސްލާހުތައް ފާސްކޮށްދެއްވުމަށް އެދެން،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ އާމްދަނީއަށް ބަލައި، މި އަހަރު އިތުރަށް ލިބޭނެ ކަމަށް ބެލެވެނީ 20.8 މިލިއަން ރުފިޔާ އެވެ. އަދި ހަރަދުވާނެ ކަމަށް ބެލެވެނީ 22.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވުމާއެކު މި އަހަރުގެ ޖުމްލަ އަދަދު ދަރަނި އަދާކުރުމާއެކު، ސޮވެރިން ޑިވްލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ ހިމަނައިގެން 27 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ބަޖެޓު ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓް 10.3 އިންސައްތާގައި ހުރި ކަމުގައި ވީނަމަވެސް މި އަހަރުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 2.3 އިންސައްތާގައި ހިފަހެއްޓޭނެ ކަމަށް ލަފާކުރެވޭ،
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

މިނިސްޓަރު ވިދާޅުވީ އެހެންކަމުން 1.5 މިލިއަން ރުފިޔާ ޑެފިސިޓްވާނެ ކަމަށެވެ.

"ދެހާސް ސޯޅަ ވަނަ އަހަރުގެ ބަޖެޓު ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓް 10.3 އިންސައްތާގައި ހުރި ކަމުގައި ވީނަމަވެސް މި އަހަރުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 2.3 އިންސައްތާގައި ހިފަހެއްޓޭނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ހުށަހަޅާފައިވާ ކަންތައްތައް:

* ސިއްހީ ދާއިރާއަށް 330 މިލިއަން ރުފިޔާ
* ބައި- އިލެކްޝަންއަށް 26 މިލިއަން ރުފިޔާ
* ކާޑެއްދޫ އެއާޕޯޓު ހިންގަން 40 މިލިއަން ރުފިޔާ
* ސްކޫލްތައް ޖިޑިޓަލް ކުރަން ފަށަން 70 މިލިއަން ރުފިޔާ
* އެހެނިހެން ހަރަދުތަކަށް 27 މިލިއަން ރުފިޔާ

ސަރުކާރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމާއެކު، މި އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 27.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.