ހަބަރު

މަޑުއްވަރީގެ ނަރުދަމާއާ ގޮނޑުދޮށް ހިމާޔަށް ކުރުން އިފްތިތާހު ކޮށްދެއްވައިފި

ރ. މަޑުއްވަރީގެ ނަރުދަމާގެ މަޝްރޫ އާއި އެެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އިފްތިތާހު ކޮށްފި އެވެ.

މަޑުއްވަރީގެ ނަރުދަމާގެ މަޝްރޫއު ފެށުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން އިފްތިތާހްކޮށްފައިވަނީ، ރައީސް ޔާމީން ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަޑުއްވަރީއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މަޑުއްވަރީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް 49.96 މިލިއަން ރުފިޔާ އަށް އެންވަޔަރަމަންޓް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ އަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ އެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 20 ޑިސެމްބަރު 2014 ގައެވެ. އަދި އެ މަސައްކަތް ނިމިފައިވަނީ 04 ޖޫން 2016 ގައެވެ.

މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން ދެ ޕަމްޕް ސްޓޭޝަނާއި 8.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށްފައިވާ ކަމަށާއި ނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 226 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅި އަޅާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން މަޑުއްވަރީގެ 351 ގެއަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދެވިގެންދާނެ ކަމަށާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މަޑުއްވަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 29.3 މިލިއަން ރުފިޔާ އަށް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 04 ސެޕްޓެމްބަރ 2014 ގައެވެ. އަދި އެ މަސައްކަތް ނިންމާފައިވަނީ 01 އޯގަސްޓް 2015 ގައެވެ.

މިނިސްޓްރީން ބުނީ، އެޝްރޫއުގެ ދަށުން މަޑުއްވަރީ ގިރާ ސަރަޙައްދުގައި 10187.50 ކޮޑިމީޓަރުގެ ވެލިއަޅައި 890 މީޓަރު ދިގުމިނަށް ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާ ސަރަޙައްދު ހިމާޔަތްކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ވޭތުވެދިޔަ ތިން އަހަރު 18 ރަށެއްގައި ނަރުދާމާ ނިޒާމް ގާއިމްކޮށް ނިންމައި 24 ރަށެއްގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި 16 ރަށެއްގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ. އަދި ބުނީ، ވޭތުވެދިޔަ ތިން އަހަރު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން 1،272.2 މިލިއަން ރުފިޔާ އަށް ހަރަދުކޯށްފައިވާ ކަމަށާއި 29 ރަށެއްގައި 28.2 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަށް ކޮށްފައިވާ ކަމަށެވެ.