ލައިފްސްޓައިލް

ލޯބިވެރިޔާގެ ފަރާތުން ގިނަ ކަންކަމަށް އުންމީދު ނުކުރާތި!

Oct 25, 2017
1

ލޯބިން ދެހިތެއް ގުޅި ކައިވެނީގެ ގޮށް ޖަހާލައި ހަޔާތުގެ ދަތުރަށް ދެ މީހުން ނުކުމެ މާކަނޑުގެ މެދާ ހިސާބުން ކަނޑަށް ބެހިގެންދަނީ ދެ މީހުންގެ ދެމެދު ޖެހޭ ގިނަ މައްސަލަތަކެއްގެ ސަބަބުންނެވެ. އިތުބާރުގެ މައްސަލަ އާއި ފައިސާގެ މައްސަލަ އަދި ދެ މީހުން އުންމީދާ ހަމައަށް އަނެކާއަށް ވާސިލް ނުވެވޭތީ އެވެ.

އެކަހަލަ ކިތަންމެ މައްސަލައެއް ކުރިމަތިވެ ހައްލު ނުވަނީ އެވެ. ނުވަތަ ކޮންމެވެސް އެކަކު އެ މައްސަލަތައް ހައްލުކުރަން ބޭނުން ނުވަނީ އެވެ. ވަރި އާ ހިސާބަށް މާ އަވަހަށް ދަނީ އެހެންވެ އެވެ. މާބޮޑަށް އެކަކު އަނެކަކު ފަރާތުން ކަންކަމަށް އުންމީދު ކުރެވޭތީ އެވެ.

"ހަމައެކަނި ކައިވެންޏަކު ނޫން، ލޯބިވެގެން ކައިވެންޏާ ހިސާބަށް ދަތުރުކުރާ މަގުމަތީވެސް ގިނަ ފަހަރަށް ދެ މީހުން ވަކިވާން ޖެހެނީ މާ ބޮޑަށް ދެމީހުން އެކަކު އަނެކަކުގެ ފަރާތުން ކަންކަމަށް އުންމީދު ކުރެވޭތީ، އެއީ ހައްލު ކުރަން އުނދަގޫ މައްސަލައެއް،" ލިޔުންތެރިޔާ ޑެރެކާ ހާވޭ މީގެ ހަ އަހަރު ކުރިން ލިޔެފައިވެ އެވެ.

ކައިވެންޏަށްފަހު އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރާތުން ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ދެ މީހުންވެސް އުންމީދު ކުރެ އެވެ. ރައްޓެހިވެގެން އުޅުނު ދުވަސްވަރު ހުރި ގޯސް ސިފަތައް ބަދަލުކުރާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެ އެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް ފެންނަނީ އޭގެ ދިމާ އިދިކޮޅެވެ. ރައްޓެހިވެގެން އުޅުނު ދުވަސްވަރު ކެނޑިހާ ފޮންޏަކީ ހަމަ ހުސް ބޭކާރު ދޮގު ތަކެވެ.

ރިލޭޝަންޝިޕް އެކްސްޕާޓުން ނުވަތަ ލޯބީގެ ތަޖުރިބާކާރުން ބުނަނީ ދެމަފިރިން އެކަކު އަނެކަކު ފަރާތުން އުންމީދު ކުރާ ކަންކަން ގިނަވެ ދެ މީހުން ވަރި އާ ދިމާއަށް މިސްރާބު ޖަހަން ނުޖެހި އެ މައްސަލަ ހައްލު ކުރެވޭނެ ފަސޭހަ ގޮތެއް އެބައޮތް ކަމަށެވެ. އެއީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ހަގީގަތުގައި ދެމީހަކު ދެމަފިރިންނަށްވާ ހިސާބުން އެއީ ޓީމެކެވެ. ކާމިޔާބާ ހަމައަށް ވާސިލްވާނީ ދެ މީހުންގެ ފަރާތުން ފެންނަ އުނި ސިފަތައް ބަލައިގަނެ އުންމީދުތައް ކުޑަކޮށް މައްސަލަތައް ހައްލުކުރަން ވާހަކަ ދައްކައިގެންނެވެ. ޓީމް ވޯކަކީ އެއީ ނޫން ހެއްޔެވެ؟

ދެ މީހުން ކަނޑައަޅައިގެން އުޅޭ ގޯލްސްތައް ކާމިޔާބު ވާނީވެސް އޭރުންނެވެ.