ހަބަރު

ރ. އަތޮޅަށް ބައިނަލްއަގުވާމީ އެއާޕޯޓެއް ހައްގު: ރައީސް

ރ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ގާއިމުވެފައި އޮތުން ހައްގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅު މީދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ އެ ރަށުގައި ރައީސް ޔާމީން ވިދާޅުވީ ޓޫރިޒަމްގެ ސިނާއަތް އެންމެ ބޮޑަށް ފެތުރިފައިވާ އެއް އަތޮޅަކީ ރ. އަތޮޅު ކަމަށާއި އެ ސިނާއަތްތައް ފެތުރުމުގެ ސަަބަބުން ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ އަތޮޅުގައި މިހާރު ވެސް އެއާޕޯޓެއް އޮތް ނަމަވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށެވެ.

"ރ. އަތޮޅުގެ ރިސޯޓުތަކަށް މާލޭގެ ބައިނަލްއަގުވާމީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާކަށް ނުޖެހޭ، އަޅުގަނޑުމެން އުންމީދު ކުރަންވާނީ އަބަދުވެސް ކުރިޔަށް،" ރައީސް ޔާމީން ވިދާޅުވި އެވެ. "ޝައްކު ނުކުރައްވާތި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި އަތޮޅުގެ ތަރައްގީ އާއި އާބާދީއާ އަދި މި އަތޮޅުގައި ހުރި ވަސީލަތްތަކަށް ބާލާކަމަށް ވަންޏާ ރ. އަތޮޅަކީ ބައިނަލްއަގުވާމީ އެއާޕޯޓެއް ހައްގު އަތޮޅެއް، އެހެންވެ އެ އެއާޕޯޓަކީ އިރާދަ ކުރެއްވިއްޔާ ގާއިމްވާނެ އެއާޕޯޓެއް،"

ރ. އަތޮޅުގައި މިހާރު އޮންނަނީ އިފްރު އެއާޕޯޓެވެ.

އޭގެ އިތުރުން ނ. މާފަރުގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ ބޭރުގެ އެހީގައި ކުރާނެ މަސައްކަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ މަޝްރޫއު ފެށުމަށް ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި މަސައްކަތް ފަށާތާ ހަ މަސް ތެރޭގައި އެއާޕޯޓު އަޅާ ނިންމާލެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ފަޅު ގޮވާންކޮށްގެންނާއި ގަރުދިޔަ ފެކްޓްރީ ހުޅުވައިގެން އަދި ދެ ރަށާއި ލެޕްޓޮޕަކުން ގައުމު ހިންގަން މަސައްކަތް ކުރި ޒަމާން ގޮސްފައިވާ ކަމަށެވެ. އަދި ކުރިން ގާއިމް ކުރަން މަސައްކަތް ކުރެއްވި ދަތުރުފަތުރުގެ ނިޒާމްވެސް ފެއިލްވެފައިވާ ކަމަށެވެ.

ނަމަވެސް މިހާރު ރައްޔިތުންގެ އުންމީދުތައް ހުރީ އެއަށް ވުރެއް އުހުގައި ކަމަށާއި ރައްޔިތުން އެދެނީ ވެސް ކުރިން ބޭނުންވީ ވަރަށް ވުރެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަައް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ އުންމީދުތަކަށް ވާސިލުވެ އެއަށް ވުރެ ވެސް ބޮޑެތި މަޝްރޫއުުތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.