ކުޅިވަރު

މާޒިޔާގެ ހާލަތަށް ނުބަލައި ވިސްނަންޖެހޭނީ ގަދަ ހަތަރަކަށް

މާޒިޔާ މިވަގުތު އޮތް ހާލަތަށް ނުބަލައި ތިނަދޫއިން ވިސްނަނީ ގަދަ ހަތަރެއްގެ ތެރެއަށް ވަދެވޭނެ ގޮތަކަށް ކަމަށް، ތިނަދޫގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ހަވީރު، ތިނަދޫއާ ދެކޮޅަށް ނިކުންނައިރު، ސަސްޕެންޝަނާ އަނިޔާއާ ހެދި، މާޒިޔާ އޮތީ އެންމެ ރަނގަޅު ހަލަތުގައެއް ނޫނެވެ.

"މާޒިޔާ އޮތް ހާލަތަށް ވުރެ މެޗުގައި ތިނަދޫ އަށް އޮތް މުހިންމު ކަން ކަންނޭންގެ ތިނަދޫއިން ވިސްނަން ޖެހޭނީ،" މެޗުގެ ކުރިން ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ. "އެއީ މިހާރު އޮތް ހާލަތުގައި ގަދަ ހަތަރަކަށް އަރާކަށް ތިނަދޫ އަށް ހުރިހާ ދޮރެއް ބަންދުވީކީ ނޫން ކުޑަހުވަދޫ ޓީމާ އެއްވަރުވި ހިސާބުން، އެހެން ނަމަވެސް މިހާރު މިއޮތީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހިފައި."

މާޒިޔާއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ ސީޒަންގެ ނިޔަލަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމެވެ. ސުޒޭން ބުނީ، އަސަދުﷲ ނެތުމަކީ، ތިނަދޫ ޓީމަށް އޭގެއިން ފައިދާ ތަކެއް ނެގޭނެ ކަމެއް ކަމަށެވެ. ނަމަވެސް މާޒިޔާގެ ޓީމަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި ވަރަށް ބުރަ ކޮށް މަސައްކަތް ކޮށްފިނަމަ މެޗުން ތިނަދޫއަށް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމަށެވެ.


"އަސަދުﷲ ގެ ވާހަކަ ދައްކާއިރު މި ދައްކަނީ މި ފަހަކަށް އައިސް އެންމެ ނުރައްކާ އެންމެ ވޯކް ރޭޓް ހައި އެއް ސްޓައިކަރުގެ ވާހަކަ އެހެންވީމަ އޭނަ ނުލާ ކުޅުމަކީ އެއްވެސް ޓީމަކަށް އެ ޓީމެއްގައި އޭނާ ހިމެނޭ ކަމަށްވަންޏާ އެ ޓީމަކަށް ފަސޭހަ ކަމަކަށް ނުވާނެ،" ކުރިން އަސަދުﷲ އަށް މާޒިޔާގައި އިރުޝާދު ދިން ސުޒޭން ބުންޏެވެ. "އަސަދުﷲ ހުރި އިރު އަޅުގަނޑުމެން ބަލާލަމާ އޭނާގެ މަސައްކަތުގެ ރޭޓް ސްކޯރިން އެވަރުގެ ކުޅުންތެރިޔަކު ނުލާ ކުޅުމަކީ ފަސޭހަ ކަމެއް ނޫން."

ސުޒޭން ބުނީ ކުރިން ތިނަދޫ ޓީމުގެ ކުޅުންތެރިންގެ ކިބައިން ނުފެންނަ މޯރަލް އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ފެނިގެން ދިޔަކަމަށާއި ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށެވެ. އޭނާގެ އަމާޒަކީ މާޒިޔާ މެޗަކީ އެކަހަލަ އަނެއް މެޗުން ހެދުން ކަމަށް ސުޒޭން ބުންޏެވެ.

މާޒިޔާގެ މެޗަށް ފަހު، ދެން ތިނަދޫ އަށް އޮންނާނީ ނިއު ރޭޑިއަންޓް މެޗެވެ. ސުޒޭން ބުނީ އެ ވަރުގަދަ އެ ދެ މެޗު ޖެހިޖެގެން އޮތުމަކީ ބައެއް މީހުން ދެކޭގޮތުގައި ތިނަދޫ އަށް އޮތް ޑިސްއެޑްވާންޓޭޖެއް ކަމަށެވެ. ނަމަވެސް އޭނާ ގަބޫލު ކުރަނީ އެޑްވާން ޓޭޖެއް ކަމަށް މި އަހަރު ވިކްޓަރީ އަށވެސް އިރުޝާދު ދިން ކޯޗް ބުންޏެވެ.

މާޒިޔާގައި، ސުޒޭން ކުރިން މަސައްކަތް ކޮށްފައި ވުމުން، މާޒިޔާގެ ކުޅުންތެރިން ސުޒޭން އަށް ވަރަށް ރަނގަޅަށް އެނގިގެން ދާނެ އެވެ. އެކަމުގެ ފައިދާ ކިހާވަރަކަށް ނެގިދާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ ކޮންމެ މަޗަކީވެސް ތަފާތު މެޗެއް ކަމަށާއި އެކަން އެޑްވާންޓޭޖަކަށް ވަނީ ތިނަދޫއަށް މެޗުގައި ލިބޭ މަދު ފުރުސަތުވެސް ބޭނުން ކުރެވިއްޖެނަމަ ކަމަށެވެ.

"ކޮންމެ ފުޓްބޯޅަ މެޗަކީ ތަފާތު މެޗެއް ކޮންމެ މެޗަކީ ތަފާތު މެޗަކަށް ވާއިރު އެއް ކުޅުންތެރިޔަކު އެއް މެޗެއްގައި ކުޅޭ ވަރަށް ވުރެ އަނެއް މެޗުގައި މުޅިން ތަފާތު ވެގެން ހިނގައިދާނެ ޕާފޯމަންސް މައްޗަށް ވެސް ހިނގައިދާނެ ދަށް ވެސް ވެދާނެ،" ސުޒޭން ބުންޏެވެ.

"ދެން ކޮންމެ ގޮތެއްވިޔަސް މާޒިޔާ އެނގުން އެއީ އަޅުގަނޑުމެންނަށް އެޑްވާންޓޭޖެއް، ނަމަވެސް އެކަން އެޑްވާންޓޭޖަކަށް ވާނީ ލިބޭފުރުސަތުތައް ބޭނުން ކޮށްގެން، ތިނަދޫ މާޒިޔާ އާ މިހާރު ކުޅޭ ކަމަށް ވަންޏާ މާޒިޔާއަށް ވުރެ ތިނަދޫ އަށް ލިބޭ ޗާންސް މަދު ވާނެ އެކަމަކު އެ ލިބޭ އެއްޗެއް ޖަހައިގެން ވާނީ، އެންމެ ފަހު މެޗު [ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗު] ގައިވެސް ތިނަދޫ އަށް ހުސް ގޯލަށް ޖަހާލަން ތިން ހަތަރު ފުރުސަތެއް ލިބިގެން ދިޔައިރުވެސް އެ ނުޖެހުނީމަ އެ މެޗުން ޕޮއިންޓްތަކެއް ގެއްލުނީ."