ކުޅިވަރު

ވަކި ކުޅުންތެރިޔަކަށް ބަރޯސާ ވެވޭކަށް ނެތް

މާޒިޔާއަށް މިވަގުތު ވަކި ކުޅުންތެރިޔަކަށް ބަރޯސާ ވެވެން ނެތް ކަމަށާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން ނޫން އުކުޅެއް މިހާރު ނެތް ކަމަށް އެ ޓީމުގެ ކޯޗް މަރުޔާން ސެކްލޮސްކީ ބުނެފި އެވެ.

މިވަގުތު މާޒިޔާ އޮތީ އުނދަގޫ ހާލަތެއްގަ އެވެ. ޓީސީ އަތުން ބަލިވެ މާޒިޔާ މިހާރު އޮތީ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ފަސް ޕޮއިންޓަށް ފަހަތަށް ގޮސް ތިން ވަނަ އަށް ވެއްޓިފަ އެވެ.

"ވަކި ވަކި ކުޅުންތެރިޔަކަށް ބަރޯސާ ވެވޭކަށް އަހަރެމެންނަށް މިހާރު ނެތް، މި ވަގުތު އަހަރެމެންނަށް އެންމެ މުހިންމު އެއްޗަކީ ޓީމު ވޯކް، ސަބަބަކީ ޓީމު ވޯކާއެކު އަހަރެމެންނަށް ބައެއް ހާލަތްތަކުގައި ސަލާމަތް ވެވޭނެ،" މިއަދު ތިނަދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސެކްލޮސްކީ ބުންޏެވެ. "ޓީމު ވޯކް ބޭނުން ކޮށްގެން އަހަރެމެންނަށް ދޭއް ނުވަތަ ތިން ގޯލްވެސް ޖެހިދާނެ އަހަންނަށް ހިވާނީ ތިނަދޫއާ ދެކޮޅަށް ކުޅޭ މެޗުގައި އަހަރެމެން ކުޅެޖެހޭނީ ވަރަށް ވަރުގަދަ އަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ހެން މި މެ މެޗުގެ ޑިސައިންޑިން ޕޮއިންޓަކީވެސް އެއީހެން އަހަންނަށް ހީވަނީ."

އޭނާ ބުނީ އެއީ ތިނަދޫގެ މެދުތެރެ އާއި ފޯވަޑް ލައިންވެސް އަދި އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފެންވަރުވެސް ރަނގަޅު ވުމުން ކަމަށެވެ. އަދި އެ ޓީމުގައި ތިބި ވަކި ވަކި ކުޅުންތެރިންނަކީ މެޗުގެ ހާލަތު ބަދަލު ކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށާއި އެކަން ހުއްޓުވަން މާޒިޔާ އަށް އޮތީ ވަރުގަދަ އަށް މަސައްކަތް ކުރުމުގެ ރޫހާއެކު މުޅި ޓީމު އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

މާޒިޔާގެ ކޯޗް ސެކްލޮސްކީގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ކަންބޮޑު ވުމަކީ އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެ ވުމެވެ. އެންމެ ފަހުން ޓީސީ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެ ޓީމުން އެންމެ ބޮޑަށް އުނިވި ކަމަކީ އެޓޭކިން ލައިންގައި ހަރަކާތްތެރިވާ މުހިންމު ދެ ކުޅުންތެރިންނަށް ނެތުމެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކުޅުންތެރިޔަކީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

މާޒިޔާގެ މިހާރުގެ ހާލަތުގެ ތެރެއިން، ޓީމެއްގެ މުހިންމު ކުޅުންތެރިޔަކަށް ނުކުޅެވުމުން ކޯޗަކު އުފުލަން ޖެހޭ ތަކްލީފް ސެކްލޮސްކީ، ވަރަށް ރަނގަޅަށް ހިއްސާ ކުރި އެވެ.

"މިއީ އެއްވެސް ކޯޗަކަށް ފަސޭހަ ކަމެއް ނޫން، ހަމައެކަނި މާޒިޔާގައި އަހަންނަށް އެކަންޏެއް ނޫން، ދުނިޔޭގެ ކޮންމެ ކޯޗަކުވެސް އެ ޓީމެއްގެ ހުރި އެންމެ މުހިންމު ކުޅުންތެރިޔާއަށް ނުކުޅެވެންޏާ ކޮންމެ ކޯޗަކަށްވެސް އުނދަގޫ ވާނެ،" ސެކްލޮސްކީ ބުންޏެވެ. "އެންމެންނަށް ވެސް އެެނގޭނެ އަސައްކޮ އަކީ މާޒިޔާގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާ ކަން، ޢޭގެ ފަހުން އަހަރެމެންނަށް ބޮޑެތި އެހެން މައްސަލައް ވެސް ކުރިމަތިވި ސަސްޕެންޝަނާ އަނިޔާއާ ހެދި ކޮންމެ މެޗަކަށް ވެސް ނިކުންނަން ޖެހޭނީ މުހިންމު ކުޅުންތެރިޔަކު ނެތި."

"މުހިންމު ކުޅުންތެރިޔަކު ނެތި މެޗާ ކުރިމަތި ލާން ޖެހުމަކީ ކޯޗުންނަށް ފަސޭހަ ކަމެއް ނޫން، ސަބަބަކީ ކޮންމެ މެޗަކަށްވެސް ސެލެކްޝަން ހަދާއިރު އޮންނަން ޖެހޭ ޕްލޭނެއް ކިހިނެއަކަން އެ މެޗެއްގައި ކުޅެނީ މި ގޮތަށް މުހިންމު ކުޅުންތެރިޔަކު ނެތި ކުޅެން ޖެހޭނަމަ އަލުން ޕްލޭން އެކުލަވާލަން ޖެހޭ އެ ކުޅުންތެރިޔާ ނެތި ދެން ކިހިނެއްތޯ ކުޅެން ޖެހޭނީ، އަނެއްކާ އަނެއް މެޗަށް އެހެން ކުޅުންތެރިޔަކަށް ނުކުޅެވުނީމަ ދެން އަނެއްކާވެސް އެހެން ގޮތަކަށް ޕްލޭން އެކުލަވާލަން ޖެހޭ ވޭތުވެދިޔަ ދެ މަހު އަހަރެމެން ކުޅުނީ އަބަދުވެސް މުހިންމު ކުޅުންތެރިޔަކު ނުލައި."

ނަމަވެސް މާޒިޔާގައި އެކަށީގެންވާވަރު ސްކޮޑެއް އެބައޮތް ކަމަށާއި ކުޅުންތެރިން ކުރަން ޖެހޭ ކަމަކީ މެޗުގެ ފެށުން ތަކަށާއި ނިންމުތަކުގައި ސަމާލު ވުން ކަމަށެވެ. ފެށުންތަކާއި ނިމުންތައް ކަމަށް ސެކްލޮސްކީ އެ ބުނީ މެޗުގެ ފުރަތަމަ ހާފުގެ ފެށުމާއި ފުރަތަމަ ހާފުގެ ނިމު މާއި ދެ ވަނަ ހާފުގެ ފެށުމާއި ދެ ވަނަ ހާފުގެ ނިމުމަށެވެ.

ޓީސީ އަތުން ޕްރިމިއާ ލީގްގައި ބަލިވި ދެ މެޗުގައިވެސް މާޒިޔާ އަށް ލަނޑު ލިބިފައި ހުރީ ފެށުމުގަޔާއި ނިމުމުގަ އެވެ. ފުރަތަމަ ބުރު ޓީސީ އަތުން ބަލިވީ މެޗުގެ ކުރީ ކޮޅު އެ ޓީމުން ކާމިޔާބު ކުރި ލަނޑުން ނެވެ. ދެ ވަނަ ބުރުގައި ޓީސީން ލީޑް ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު އެވެ.

"މެޗުގެ ފެށޭ ވަގުތާއި ފުރަތަމަ ހާފުގެ ނިމޭ ކޮޅުގަޔާއި ދެ ވަނަ ހާފު ފެށޭ ކޮޅުގަޔާއި މެޗު ނިމޭ ކޮޅުގައި އަހަރެމެން ޖެހޭނެ ވަރަށް ރަނގަޅަށް ސަމާލު ވާން،" ސެކްލޮސްކީ ބުންޏެވެ. "ސަބަބަކީ މި ވަގުތު ތަކަކީ އަހަރެމެންގެ ބައެއް ކުޅުންތެރިން ސަމާލު ކަން ގެއްލޭ ވަގުތުތައް ހުރިހާ މެޗެއްގައިވެސް އަހަރެމެންނަށް ދެރަ ލިބިފައި ހުރީ މެޗުގެ އެ ވަގުތު ތަކުގައި."

މާލޭ ލީގްގެ ކުރި ކޮޅު މާޒިޔާ އޮތީ ރަނގަޅު ފޯމެއްގަ އެވެ. ސެކޮލޮސްކީ ބުނީ މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގާ އަޅާ ނުކިޔޭނެ ކަމަށާ ދިވެހި ޕްރިމިއާ ލީގަށް ވުރެ މާލޭ ލީގް މުޅިން ތަފާތު ކަމަށެވެ.

"މާލޭ ލީގްގައި ފެނުނީ އެ ކުލަބުތަކެއްގައި ފުޓްބޯޅައިގެ ތާރިހާއި ސަގާފަތެއް އޮތް ކުލަބުތަކެއް، އަހަރެން ހުރިހާ ޓީމުތަކަށްވެސް އިހްތިރާމް ކުރަން ނަމަވެސް މިހާރު [ދިވެހި ޕްރިމިއާ ލީގް] ގެ ބައެއް ޓީމުތައް އެބަހުރި ޕްރެޝަރު ނެތް ޓީމުތައް، ޕްރިމިއާ ލީގް ބައެއް ޓީމުތައް ވެލެންސިއާ، ވިކްޓަރީ، އީގަލްސް އާ އަޅާ ނުކިޔޭނެ އެކުލަބު ތަކަކީ ތާރިހަކާއި ސަގާފަތެއް އޮތް ކުލަބު ތައް،" ސެކްލޮސްކީ ބުންޏެވެ.

"އެ ކުލަބުތަކާ ދެކޮޅަށް އަހަރެމެން ކުޅޭއިރު، އެކުލަބުތަކަށް ވެސް އެނގޭ މިއީ ކިހާ މުހިންމު މެޗެއް ކަން، މިހާރު ބައެއް ޓީމުތަކަށް އެނގޭ އެމީހުން އެންމެ ފަހަތަށް ދިޔަސް ރެލިގޭޝަނެއް ނެތް ކަން، އެހެންވެ އެ ޓީމުތަކަށް ކުޅެން ފަސޭހަ އެމީހުންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް."

ސެކްލޮސްކީ ބުނީ ޓީސީ މެޗުން ބަލިވެފައި ވުމުން، ތިނަދޫ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން މަޖުބޫރު ކަމަށެވެ.