ވަރަށް ގިނަ ފިރިހެން ކުދިން ބުނެ އެވެ؛ އަންހެން ކުއްޖަކު ސެޓް ކުރަން ނުވަތަ ބިޓެއް ހޯދައިލަން ކުރަން އެންމެ ފަސޭހައީ އެ ކުއްޖާގެ ޝަކުވާތަކާއި ވާހަކަތައް އަޑުއަހާ އަދި އޭނައަށް ގިނަ ވަގުތު ދީ، ދެ ތިން ކޮފީ މޭޒަކުން ބައްދަލުކޮށްލާ، މާލެ ވަށާ ބުރެއް ޖަހާލައިގެންނެވެ. އޭނާ ބޭނުންވާ ތަންތަނަށް ސައިކަލުގައި ގެންގޮސްދީ ގެންނެވެ. އެއީ ބައެއް ފަހަރަށް ތެދަކަށް ވެސް ވެދާނެ އެވެ. އެކަމަކު އެއީ ވަރަށް ރިސްކީ ކަމެއް ކަމަށްވެސް ބައެއް ކުދިން ބުނެ އެވެ. ބައެއް އަންހެން ކުދިން ހަމައެކަނި ކޮފީތަކަށް ދިއުމަށާއި ތަންތަނަށް ދާން ފަސޭހަ އަކަށް ފިރިހެން ކުދިން ބޭނުންކޮށްލާފައި ބާކީ ކޮށްލާތީ އެވެ.
އެހެންވީމާ އެހެން ގޮތެއް ހޯދަން ޖެހެ އެވެ؛ ދެން އޮތް އެންމެ ފަސޭހަ ގޮތަކީ ރީތި ހަށިގަނޑެއް ދައްކާލުމެވެ. ހާއްސަކޮށް ބަނޑުގެ މަސްތައް ބައިބަޔަށް ބަހާލައި ގޮޅިގޮޅި އަރުވާލުމަށް ފަހު ދައްކާލައިގެންނެވެ. މިދިޔަ މަހު އެޅުވި ފިލްމު "ހައްދު" ލީޑިން ތަރި އަހްމަދު ޝިބާން އަށް އަންހެން ކުދިންގެ ހިތްތައްވެސް ބަންޑުންކޮށްލީ އޭނާގެ އެކަހަލަ ހަށިގަނޑެއް ހުންނާތީ އެވެ.
ސިކްސް ޕެކް ނުވަތަ ބަނޑަށް ހަ ގޮޅި އެރުވުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. އެއް މަސް ނުވަތަ ދެ މަސް ވާންދެން ޖިމަށް ގޮސްގެން ވެސް އަދި އެކަމެއް ވާކަށް ނޯވެ އެވެ. އެއީ އެއަށްވުރެ އުނދަގޫ ކަމެކެވެ.
ފުރަތަމަ ކަމަކަށް ގަވާއިދުން ޖިމަށް ދާށެވެ. "މިއަދު ބިޒީ އޭ މިއަދު ނުދެވޭނޭ" ކިޔާފައި ހުރެގެން ނުވާނެ އެވެ. ޖިމަށް ދާ ގަޑިއަށް އެހެން އެއްވެސް ކަމެއް ޝެޑިއުލް ކޮށްގެން ނުވާނެ އެވެ. އެންމެ ދުވަހެއް ދޫކޮށްލުމަކީ ވެސް މޯޓިވޭޝަންވެސް ގެއްލޭނެ ކަމެކެވެ.
ސިކްސް ޕެކެއް އަރުވަން ތިން މަސް ދުވަހާއި އަހަރު ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. އެހެންވީމަ އެންމެ މަހެއް ނުވަތަ ދެމަހު ގޮސްގެން ސިކްސްޕެކް އެރުވޭނެ ކަމަށް ޖިމަށް ދާން ނުފަށާށެވެ.
ދެވަނަ ކަމަކީ ކެއުމަށް ސަމާލުކަން ދިނުމެވެ. ކާބޯހައިޑްރޭޓްސް މަދުކޮށްލާފައ ފެހި ކާނާ ނުވަތަ ފަތް ކެއުން ގިނަ ކުރާށެވެ. އެއީ އޭގައި ކެލޮރީސް ހުންނަ މިންވަރު މަދުވެފައި އަދި ފައިބާ ހުންނާތީ އެވެ. އޭގެ ސަބަބުން އަވަހަށް ބަނޑުފުރޭ ކަމުގެ އިހުސާސް ކުރެވޭތީ އެވެ. ހަމަ އެގޮތަށް އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާއި ވެސް ދުރުވާން ޖެހޭނެ އެވެ. ކެއުން ވީހަވެސް ބޮޑަށް ދުޅަހެޔޮކޮށްލާށެވެ.
ސިކްސް ޕެކަކީ ޖެނެޓިކްގެ ސަބަބުން ބައެއް މީހުންނަށް ހޯދުން އުނދަގޫ އެއްޗަކަށްވެސްވެ އެވެ. ބައެއް މީހުންނަށް ސިކްސްޕެކް އަރުވަން ފަސޭހަވެފައި އަނެއްބައި މީހުންނަށް ސިކްސްޕެކް އަރުވަން އުނދަގޫވަނީވެސް އެހެންވެ އެވެ.