ވިޔަފާރި

މޯލްޑިވިއަން އައިޑޮލް 3، ގެ ޓައިޓަލް ސްޕޮންސާއަކަށް ދިރާގު

Oct 25, 2017
3

މޯލްޑިވިއަން އައިޑޮލް 3، ގެ ޓައިޓަލް ސްޕޮންސާއަކަށް މި އަހަރުވެސް ދިރާގު ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު، ބޭއްވި ރަސްމިއްޔާތުގައި "މޯލްޑިވިއަން އައިޑޮލް 3" ގެ ޓައިޓަލް ސްޕޮންސަރުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. އަދި މޯލްޑިވިއަން އައިޑޮލް ބާއްވާ، ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު އެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ ވިދާޅުވީ އެ ކުންފުނިން މޯލްޑިވިއަން އައިޑޮލް 3، ގެ ބައިވެރިއަކަށްވީ، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ޒުވާނުންނަށް ހާއްސަކޮށް ހިންގާ ކަންކަމުގައި ބައިވެރިވުމަކީ ދިރާގުން އިސްކަންދޭ ކަމެއް. އެހެންވެ މި އަހަރުވެސް ދިރާގުން ބައިވެރިވީ،" އިސްމާއިލް ވިދާޅުވި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވީ ދިރާގަކީ ޓީވީއެމާއި އަޑުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިއެއް ކަމަށެވެ. އަދި ދިރާގުގެ ބައިވެރިވުން ނެތި، އެއްވެސް ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޯލްޑިވިއަން އައިޑޮލް 3، ބޭއްވެނީ ދިރާގުން ބައިވެރިވީތީ. އެހެން ނޫންނަމަ ނުބޭއްވޭނެ،" ހަލީލް ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއް އަދި ދެ އެއްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު އެވެ. އަދި ދެ ސީޒަނުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަނީ އަވަސް އޮންލައިން އެވެ. އައިޑޮލްގެ ދެވަނަ ސީޒަންގެ މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައިވަނީ ލައިޝާ ޖުނައިދު އެވެ.