ކުޅިވަރު

ރެފްރީ ނިއުޝާދުގެ ސަސްޕެންޝަން އުވާލައިފި

މިދިޔަ މަހުގެ 11 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި، މާޒިޔާ އާއި ގްރީން ސްޓްރީޓް މެޗުގެ ދެ ވަނަ ހާފުގެ ރެފްރީ އާ މެދު ގްރީން އިން ހިތްހަމަ ނުޖެހި މައްސަލަ ބޮޑުވުމުން، ސަސްޕެންޑް ކުރި ރެފްރީ މުހައްމަދު ނިއުޝާދު ގެ ސަސްޕެންޝަން އެފްއޭއެމުން އުވާލައިފި އެވެ.

އެފްއޭއެމުން މިއަދު ނެރެފައިވާ ކުރު ބާޔާނެއްގައި ބުނެފައި ވަނީ، އެފްއޭއެމުން ރާވާ ހިންގާ މުބާރާތްތަކުގައި، ރެފްރީކަން ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ހުރި، ނިއުޝާދުގެ މައްސަލަ، އެފްއޭއެމްގެ ރެފްރީސް ކޮމިޓީން ބެލުމަށް ސަސްޕެންޝަންގެ އަދަބު އުވާލުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ނިއުޝާދު ސަސްޕެންޑް ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު އެފްއޭއެމުން ބުނީ މައްސަލަ ބަލައި ނިމެންދެން ވަގުތީ ގޮތުން ނިއުޝާދު ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމުން ވަނީ ނިއުޝާދު ސަސްޕެންޑް ކުރުމުގެ އިތުރަށް އޭރު ރެފްރީސް ޑިޕާޓްމެންޓްގެ ހިންގަން ހުރި، ރެފްރީ އަހްމަދު އަމީޒު ވެސް ވަޒީފާއިން ވަކި ކޮށްފަ އެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްގެ މެޗުގެ ރެފްރީއަކަށް ހަމަޖައްސާފައި ވަނީ އާދަމް ފަޒީލެވެ. ނަމަވެސް ދެ ވަނަ ހަފުގައި، ރެފްރީއަކަށް ނިކުތީ ދެ ވަނަ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހުރި، ނިއުޝާދެވެ.

ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި، ގްރީންގެ ސޮބެލް އިލިއާއަށް ދެ ވަނަ ރީނދޫ ކަޑާއެކު ރަތް ކާޑު ދައްކަން އުޅުމުން، ގްރީންގެ ކެޕްޓަން ޝައްފާޒު (ސައްޕޭ) ވަނީ ރެފްރީއާ ދިމާލަށް ގޮސްފަ އެވެ. ރެފްރީއާ ދިމާލަށް ސައްޕެ އައުމުން، ރެފްރީ ވަނި ފަހަތައް ފަހަތަށް ޖެހެމުން އައިސް ދަނޑުން ފައިބައިގެން ގޮސްފަ އެވެ.

އެހިސާބުން މެޗުގެ ކުޅުން މެދު ކެނޑާލިއެވެ. ރެފްރީ ނިއުޝާދު އަރުވައިގެން ފެންމަތިވި މައްސަލަތަކާއެކު މެޗު ކުރިއަށް ގެންދަން ގްރީން ސްޓްރީޓުން ބޭނުމެއް ނުވި އެވެ.

ގްރީންގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، ރެފްރީކަން ކުރީ ނިއުޝާދު ކަމަށާއި އެ ދުވަހު މެޗުގައިވެސް ރެފްރީގެ ފަރާތުން ފެންމަތިވި މައްސަލަތަކާއެކު، ރެފްރީގެ ޝަކުވާތައް ލިޔުމުން ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޝަކުވާތައް ހުށަހެޅުމުންވެސް ހަމަ އަނެއްކާވެސް އެ ރެފްރީ އެރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭރު ސޮބާ ބުންޏެވެ.

ޝަކުވާ ބޮޑުވުމުން ރެފްރީ ނިއުޝާދު ސަސްޕެންޑް ކޮށްފި

އެ މެޗުގެ ރެފްރީ އަކަށް ހަމައްޖައްސާފައިވާ އާދަމް ފަޒީލްގެ ބަދަލުގައި ދެ ވަނަ ހަފުގައި ދެ ވަނަ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހުރި ނިއުޝާދަށް ބަދަލުގައި ކަށިގަނޑު ހިފައިގެން ދަނޑަށް އެރިދަނެތޯވެސް ސޮބާ ސުވަލު އުފެއްދި އެވެ.

"މެޗުގެ ރެފްރީއަށް މެޗު ކުރިއަށް ނުގެންދެވޭ ހާލަތެއް އަތުވެއްޖެ ނަމަވެސް، ބަދަލުގައި ދެ ވަނަ އެސިސްޓެންޓް ރެފްރީ އެރިދާނެ ބާއޭ އަޅުގަނޑަށް ސުވާލު އުފެދޭ، ރެފްރީގެ ބަދަލުގައި އަރަން ޖެހުނަސް އަރަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ، ފޯތު އޮފިޝަލު ނުވަތަ ސީނިއާ އެސިސްޓެންޓް ރެފްރީ." ސޮބާ ބުނެފައި އެވެ.

ރެފްރީންގެ ކަންކަން ހަރުދަނާ ކުރުމަށް އޭއެފްސީގެ ޓީމަކުން އައިސް ވަނީ ރާއްޖޭގެ ރެފްރީންގެ ހާލަތު ބަލައި ދިރާސާ ކޮށްފަ އެވެ. އެފްއޭއެމުން މިގެ ކުރިން ބުނެފައި ވަނީ އޭއެފްސީ ޓީމުން ކުރި ދިރާސާގެ ރިޕޯޓް ލިބުމުން އެ ރިޕޯޓްގައި ގެންނަން ރެކޮމެންޑް ކޮށްފައިވާ ބަދަލުތައް ގެންނާނެ ކަމަށެވެ.

އެފްއޭއެމުން ވަނީ ކުރީގެ ފީފާ ރެފްރީން ކަމަށްވާ، މައްލާ ޅަތުއްތު އާއި އަހްމަދު އަބީރު ހިމަނައިގެން ރެފްރީސް ކޮމިޓީ އެކުލަވާ ލާފަ އެވެ. އެ ޑިޕާޓެމެންޓް ހިންގާނީ، އެފްއޭއެމްގެ އެކްސްކޯ މެންބަރު އަދި ކުރީގެ އެއް ވަނަ ފޯވަޑް އަލީ އުމަރު އެވެ. ރެފްރީސް ކޮމިޓީގެ ވައިސް ޗެއާމަން އަކީ މައްލާ އެވެ.