ދުނިޔެ

އިރާންގެ ސައިންސިސްޓުން މަރަން އެހީވި މީހުނަށް މަރުގެ އަދަބު

Oct 25, 2017

އިރާންގެ ނިއުކްލިޔަ ސައިންޓިސްޓުން މެރުމަށް އެހީތެރިވުމުގެ ގޮތުން އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑަށް މައުލޫމާތު ފޯރުކޮށްދިން މީހަކަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

އިރާނުން ތުހުމަތު ކުރާ ގޮތުގައި މި އަމަލަކީ އިރާންގެ ނިއުކްލިޔަ ޕްރޮގްރާމް ހުއްޓުވުމަކަށް ގެނައުމަށް މޮސާޑުން ހިންގާ އަނިޔާވެރި ޖަރީމާއެކެވެ. ދެހާސް ދިހަވަނަ އަހަރުން 2012 ގެ ނިޔަލަށް އިރާންގެ ނަން މަޝްހޫރު ހަތަރު ނިއުކްލިޔަ ސައިންޓިސްޓުން ވަނީ މަރާލާފަ އެވެ. އަދި މި މައްސަލަ އާއި ގުޅުން ހުރި މީހަކު ވަނީ 2012 ވަނަ އަހަރު ދަން ޖައްސާ މަރާލާފަ އެވެ.

އިރާންގެ ޕްރޮސެކިއުޓާ އައްބާސް ޖަފަރީ ވިދާޅުވި ގޮތުގައި މިފަހުން މަރުގެ ހުކުމް އިއްވުނު މީހަކީ ތަފާތު އެކި ފަހަރު މަތިން މޮސާޑްގެ ޖާސޫސުންނާއި ބައްދަލުކޮށް އިރާނުގެ ނިއުކްލިޔަ މަޝްރޫއު އަދި އަސްކަރިއްޔާގެ ވަރަށް ސިއްރު މައުލޫމާތު އެފަރާތްތަކަށް ފޯރުކޮށް ދީފައިވާ ކަމަށް ސާބިތުވެފައިވާ މީހެއް ކަމަށެވެ. އަދި މި މައުލޫމާތުގެ ބަދަލެއްގެ ގޮތުން އެފަރާތަށް ފައިސާގެ އިނާމާއި އަދި ސްވިޑްން ގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނޭ ކަމަށް ޖަފަރީ ވިދާޅުވެ އެވެ. ނަމަވެސް އެމީހާގެ ތަފްސީލެއް މީޑިއާ އާއި ހިއްސާކޮށްފަ އެއް ނުވެ އެވެ.

އިރާނުން އެއީ ކާކުކަން މީޑިޔާއަށް ހާމަކޮށްފައި ނުވި ނަމަވެސް އެމީހަކީ އަހްމަދުރެޒާ ދަލާލީ ނަމަކަށް ކިޔާ ޑޮކްޓަރެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެ އެވެ. އަދި ދަލާލީ ތައުލީމް ހާސިލުކޮށްފައި ވަނީ ސްވިޑްން އިން ކަމަށް ވެސް އެފަރާތުން ހާމަކުރެ އެވެ. އެމްނެސްޓީން ބުނާ ގޮތުން ކޯޓު ހުކުމުގައި ވަނީ ދަލާލީ މަސައްކަތް ކުރަމުން ދަނީ އިޒްރޭލު ސަރުކާރާއި ގުޅިގެން ކަމާއި އަދި މީގެ ހެއްކެއްގެ ގޮތުން، ދާދިފަހުން ދަލާލީ ވަނީ ސްވިޑްންގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމަށް އިޒްރޭލުގެ މަދަދު ހޯދާފަ އެވެ.

ދަލާލީގެ މައްޗަށް މަރުގެ ހުކުމް އިއްވީ ކޮން ދުވަހަކު ކަމެއް އެމްނެސްޓީން ވެސް އަދި އިރާނުން ވެސް ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް މި މައުލޫމާތު އިރާންގެ ޕްރޮސެކިއުޓަ ޖާފަރީ ހާމަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެމްނެސްޓީން ބުނާގޮތުން ދަލާލީ މައްޗަށް ޖާސޫސްކުރި ކަމުގެ ތުހުމަތާއެކު ހައްޔަރު ކުރެވެނީ 2016 ވަނަ އަހަރު އެޕްރީލް މަހުގަ އެވެ. އަދި ގާނޫނީ ވަކީލެއްގެ ހައްގުން މަހްރޫމްވެ ހަތް މަސްދުވަންދެން ބަންދުގައި ހޭދަކުރަން ޖެހުނެވެ. އޭގެތެރެއިން ތިން މަސް ދުވަހު ހޭދަކުރީ އެކަހެރި ބަންދުގަ އެވެ.

އިރާނުން ބުނާގޮތުގައި މަރުގެ ހުކުމް އިއްވުނު ދަލާލީ ވަނީ އިރާނުގެ 30 ނިއުކްލިޔަ އަދި މިލިޓަރީ ސައިންޓިސްޓުންގެ މައުލޫމާތު މޮސާޑަށް ފޯރުކޮށްދީފަ އެވެ. މީގެތެރޭ އިރާނުގެ މަޝްހޫރު ނިއުކްލިޔަ ސައިންޓިސްޓެއް ކަމަށްވާ މަސްއޫދު އަލީ މުހައްމަދީ ހިމެނެ އެވެ. އޭނާ ވަނީ ތެހެރާންގަ ހުންނަ އޭނާގެ ގޭ ކައިރީ ބަހައްޓާފައި ސައިކަލެއްގައި ރިމޯޓް ކޮންޓްރޯލު ބޮމެއް ހަރުކޮށް ގޮއްވާ މަރާލާފަ އެވެ.

ދަލާލީގެ ދެ ދަރިންނާއެކު ސްވިޑްންގައި ދިރިއުޅެމުންދާ އޭނާގެ އަންހެނުން އެމްނެސްޓީ އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާގެ ފިރިމީހާ ހައްޔަރު ކުރި ހިސާބުން އޭނާ އަށް ވަނީ ޖިސްމާނީ އަދި ނަފްސާނީ ގިނަގުނަ މައްސަލަތަކާ ކުރިމަތިލާންޖެހިފަ އެވެ.