ކުޅިވަރު

ތިނަދުއާ އެއްވަރުވެ މާޒިޔާއަށް ބޮޑު ހުރަހެއް

Oct 25, 2017

ގދ. ތިނަދޫ އަތުން 1-1 ން އެއްވަރުވެ، އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ލީގްގައި ކުރިއަށް ދިއުމަށް ބޮޑު ހުރަހެއް ކުރިމަތި ވެއްޖެ އެވެ.

މިއަދު ލިބުނު ޕޮއިންޓާއެކު މާޒިޔާ އަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓް މާދަމާ ރޭ، އއ. މާޅޮސް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ނިއު އަށް މާޒިޔާ ހަތް ޕޮއިންޓް ފެއަށް ޖެހިލެވޭނެ އެވެ. އަދި ދެ ވަނައިގައި އޮތް ޓީސީ މިރޭ ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗުން، މޮޅުވެ މާޒިޔާ އާ ފަސް ޕޮއިންޓަށް ފެއަށް ޖެހިލެވޭނެ އެވެ.

މެޗުގެ ފުރަތަމަ ހާފު ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކޮށެވެ. ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ތިނަދޫގެ އިބްރާހިމް މުބީން (މުއްކި) އަށެވެ. މެޗުގެ 40 ވަނަ މިނެޓްގައި ތިނަދޫގެ ބިދޭސީ ކުޅުންތެރިޔާ ހޯޒޭ އެލެކްޒެންޑާ ހެނާޑޭސް އަވީލާ (ޗިޗާ) ނަގައިދިން ބޯޅަ މުއްކި ފޮނުވާލުމުން، މާޒިޔާގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ބީޓްވެ، ދަނޑި ކައިރިން ގޯލް ތެރެއަށް ބޯޅަ ވަންނާން ދަނިކޮށް އެބޯޅަ، ގޯލް ރޮނގުމަތިން ދިފާއު ކުރީ މާޒިޔާގެ ބޮސްނިއާގެ ޑިފެންޑަރު މިހަޖޮލޮވިކް ބޮޖާން އެވެ.

އޭގެ ކުރިން، މާޒިޔާގެ މުހައްމަދު އުމޭރަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އެވެ. ތިނަދޫގެ އޭރިއާ ބޭރުގައި ހުރެފައި، ބޯޅަ ވައިގެ ތެރޭގައި އޮއްވައި އުމޭރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.

ދެ ވަނަ ހާފުގައި، ގިނަ ފުރުސަތު ތަނަވަސް ކުރީ، ތިނަދޫ ޓީމުން ނެވެ. މެޗުގެ 51 ވަނަ މިނެޓްގައި ތިނަދޫއިން ނެގި ކޯނަރެއްގައި، އަހްމަދު ރިޒްވާން އިސްމާއީލް (ރިޒޭ) ފޮނުވާލި ބޯޅައަށް މާޒިޔާގެ ކީޕަރު މަހްމޫދު ހުރަސް އެޅީ ކުރިއަށް ނިކުމެ ވެއްޓިގެން ފައި ކަހަލަ ގޮތަށެވެ.

މެޗުގެ ފުރަތަމަ ލީޑް ނެގީ، މާޒިޔާއިން ނެވެ. މެޗުގެ 63 ވަނަ މިނެޓްގައި، އެ ޓީމުން ލީޑް ނެގީ، ޔަޝްފާދު ހަބީބު (މުލަކޭ) އޭރިއާ ތެރެއިން ނަގައިދިން ބޯޅަ ބޮލުން ފަސޭހަ ކަމާއެކު ގޯލް ތެރެއަށް ފޮނުވާލައިގެން އުމޭރެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ތިނަދޫ އަށް ބޭނުންވީ އެންމެ ދެ މިނެޓެވެ. އެ ޓީމުން ނެގި ކޯނަރެއްގައި، ކީޕަރު މަހްމޫދު ބޯޅަ، ދިފާއު ކުރުމުން، ރީބައުންސަށް ނިކުތް ބޯޅަ އަހްމަދު ނޫމާން (ހެލްމެޓް) ފޮނުވާލީ ގޯލްގެ ތެރެއަށެވެ.

ނަތީޖާ ހަމަހަމަ ވުމުން، ގޯލް ޖެހުމަށް މާޒިޔާއިން އިތުރަށް މަސައްކަތް ކުރި ވަގުތު، ތިނަދޫ އަށް ވަނީ ލަނޑު ޖަހާނެ ބައެއް ފުރުސަތު ތައް ލިބިގެން ގޮސްފަ އެވެ. އެގޮތުން މުހައްމަދު ރިޝްވާން (ފުކޭ) އާއި އަހްމަދު ރިޒްވާން އިސްމާއީލް (ރިޒޭ) އަށް ފުރުސަތުތައް ލިބިގެން ދިޔަ އެވެ. ފުރަތަމަ ހާފުގައިވެސް ރިޒޭ އަށް ފުރުސަތެއް ލިބުނެވެ.

ތިނަދޫގެ ކޯޗް އަލީ ސުޒޭން ބުނީ، މާޒިޔާ ކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި ނަމަވެސް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން އެކަމުގެ މާޔޫސްކަން އެބަހުރި ކަމަށެވެ.

މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮސްކީ، ބުނީ މިއަދު ވެސް މެޗަށް ނިކުތީ ފުރަތަމަ 11 ގައި ކުޅޭ ހަތަރު ކުޅުންތެރިން ނުލައި ކަމަށެވެ. އޭނާ ބުނީ ލީގާ މެދު ކުޑަ އުންމިދެއް އޮތަސް، އޭނާ އުންމީދު ނަގާ ނުލާ ކަމަށެވެ.