ކުޅިވަރު

މިލަންދޫއިން ގްރީން ހިފަހައްޓައިފި

Oct 27, 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ށ.މިލަންދޫ ބައްދަލުކުރި މެޗު 1-1 އެއްވަރުވެގެން ނިމިއްޖެއެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު ގްރީން ސްޓްރީޓްސްއިން ވަނީ އަލުން ހަތަރުވަނަ މަގާމަށް ޖެހިލާފަ އެވެ.

ގްރީން ސްޓްރީޓްސް ހަތަރު ވަނައިގައި 10 މެޗުން 13 ޕޮއިންޓާއެކު އޮތްއިރު ތިނަދޫ ފަސް ވަނައިގައި އޮތީ 10 މެޗުން 12 ޕޮއިންޓާ އެކުއެވެ. މިލަންދޫ އޮތީ 10 މެޗުން ހޯދި ހަ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް ވަނީ ނިއު ރޭޑިއަންޓު މެޗުގައި ދެއްކި ރަތްކާޑާއެކު ސަސްޕެންޑްވެފައެވެ. އެ ޓީމުގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ޓީމާ ވަކިވެފައިވާއިރު އަނިޔާގެ ސަބަބުން ކީޕަރު ޖުން ކޮޗީގެ ބަދަލުގައި މިއަދުގެ މެޗުގައި އެޓީމުގެ ގޯލް ބެލެހެއްޓީ އަހުމަދު ފައިރޫޒް އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު ބާސެލޯނާގައި ހުރުމުން މި މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދުއެވެ. ސޮބާހު ބާސެލޯނާގައި އަންނަނީ ކޯޗިން ކޯހެއް ފުރިހަމަ ކުރަމުންނެވެ.

ދެވަނަ ބުރުގެ ދެމެޗުންވެސް ބަލިވެފައިވާ މިދެ ޓީމުންވެސް މެޗަށް ނިކުތްއިރު މޮޅެއް މުހިންމެވެ. މެޗު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ފުނުނީ ހަމަހަމަ ކުޅުމެކެވެ.

ދެޓީމަށްވެސް ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ގޯލެއް ފެނިގެން ނުދެއެވެ. ފުރަތަމަ ހާފްއާއި ހިލާފަށް ދެވަނަ ހާފްގެ ކުރީކޮޅު ލަނޑެއް ފެނިގެންދިޔައެވެ. އިބްރާހިމް ރިޒްހާން ވަނީ އަރިމަތިން ގްރީންގެ ކުޅުންތެރިޔަކު ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ކަނަށް ފޮނުވާލާފަ އެވެ.

ލީޑު ނެގުމަށްފަހުވެސް ގްރީންއަށް ވަނީ އިތުރު ލަނޑުތަކެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރުސަތުތައްނަގާލުމުގެ ނަތީޖާއަކަށްވީ މެޗުގެ 87 ވަނަ މިނިޓުގައި މިލަނދޫއިން މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ.

އިޝާން އިބްރާހިމް ގްރީންގެ ހާފްގެ މެދެއްހާ ހިސާބުން އެޓީމުގެ ޑިފެނޑަރަކު ކަޓުވާލުމަށްފަހު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށްވަދެ ވަނީ ބޯޅަ ތިރިން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

މެޗަށްފަހު މިލަންދޫގެ ކޯޗު ނާސިރު ބުނީ ދެވަނަ ބުރުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ވުރެން ރަނގަޅަށް މިމެޗުގައި އެޓީމު ކުޅުނުކަމަށެވެ. ގްރީން ސްޓްރީޓްސްގެ އެސިސްޓަންޓް ކޯޗު ބުނީ ލިބުނު ފުރުސަތުތަކަށް ބަލާއިރު މިމެޗުން މޮޅުވެވޭނެ ކަމަށެވެ. އަދި ލީގުގައި އައި ބްރޭކް ތަކުގެ ސަބަބުން ގިނަ ހުރަސްތަކެއް ގްރީންއަށް ދިމާވެފައިވާކަމަށެވެ.