ކުޅިވަރު

ދަގަނޑޭ ނިއު އެއް ވަނައަށް އަރުވައި ދީފި

Oct 27, 2017

އއ. މާޅޮސްއާ ދެކޮޅަށް އަލީ އަޝްފާގް (ދަގަނޑޭ) ހެޓްރިކް ހަދައި ތާވަލުގެ އެއް ވަނަ އަށް އަލުން ނިއު ރޭޑިއަންޓް ލައިދީފި އެވެ. މެޗު ނިއު ކާމިޔާބު ކުރީ 7-1 ގެ ނަތީޖާ އަކުން ނެވެ.

އަޝްފާގް ވަނީ ވަނީ، މެޗު ފެށިގެން ހަ ވަނަ މިނެޓްގައި، ނިއު އަށް މާޅޮސްގެ ގޯލް ހުޅުވައި ދީފަ އެވެ. ނަމަވެސް މާޅޮސް އިން ވަނީ މެޗުގެ 17 ވަނަ މިނެޓްގައި ނަތީޖާ ހަމަ ހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، މުހައްމަދު އާރިފެވެ.

އެ ނަތީޖާއާއެކު ފުރަތަމަ ހާފު ނިމިގެން ދިޔަ ނަމަވެސް، ނިއު އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށެވެ. މާޅޮސްގެ އޭރިއާ ބޭރުން ނިއު އަށް ލިބުނު ހިލޭ ޖެހުން ސެންޓޭ ފޮނުވާލުމުން، އެ ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ފަހުން އެ ބޯޅަ ޖަހަން ނިއުގެ ކުޅުންތެރިޔަކު މަސައްކަތް ކުރި ނަމަވެސް އޭނާ ހުރީ އޮފް ސައިޑްގަ އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައިވެސް ސެންޓޭ އަށް ވަނީ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އޭނާ ޖެހި ބޯޅަ މާޅޮސްގެ ކީޕަރު ޒަމީރު ދީފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ނިއުގެ އެޑްރިއަން ގަލާޑޯ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ނިއުގެ ހަމަލާތައް ހުއްޓުވުމަގައި މާޅޮސްއަށް ކުރި އެރުމެއް ލިބުނު ނަމަވެސް، ދެ ވަނަ ހާފުގައި އެކަން ފެނިގެން ނުދިޔަ އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓް ތެރޭގައި، އަޝްފާގް މާޅޮސްގެ ގޯލް ފޫއަޅުވާލައި ދެ ވަނަ ފަހަރަށް ނިއު އަށް ލީޑް ނަގައިދިނެވެ. ސެންޓޭ އޭރިއާ ބޭރުން، އަޝްފާގަށް ދިން ބޯޅާ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ފުރާޅެއްހެން އޮތް ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށް އަޝްފާގް ބޯޅަ ފޮނުވާލި އެވެ. އޭނާ ބޯޅަ ފޮނުވާލީ މާޅޮސްގެ ކީޕަރު ޒަމީރު ބޯ މަތިން ނެވެ.

ނިއުގެ ދެ ވަނަ ލަނޑު 50 ވަނަ މިނެޓްގައި ކާމިޔާބު ކުރުމުގައިވެސް އަޝްފާގް އެހީވި އެވެ. ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ގޯލް ކާމިޔާބު ކުރީ އަޝްފާގް ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މެޗުގެ 59 ވަނަ މިނެޓްގައި ސެންޓޭ އަށް ދަގަނޑޭ ވަނީ ރަނގަޅު ބޯޅައެއް ތަނަވަސް ކޮށްދީފަ އެވެ. ޕެނަލްޓީ އޭރިއާ ގެ ތެރެއަށް ވަދެ، އޭރިއާ ގެ އަރިމަތިން ގޯލްގެ ދުރު ކަނަށް އަމާޒުކޮށް ސެންޓޭ ފޮނުވާލަން އުޅުނު ބޯޅަ ދިޔައީ ގޯލް ހުރަސް ކޮށް ބޭރަށެވެ.

މެޗުގެ 66 ވަނަ މިނެޓްގައި، ނިއުގެ އޭރިއާގެ ބޭރުން، މާޅޮސް އަށް ލިބުނު ހިލޭ ޖެހުމެއްގައި މުނޯޒް، ނުރައްކާ ކޮށް ފޮނުވާލި ބޯޅަ، ނިއުގެ ކެޕްޓަން ގޯލްކީޕަރު އިމްރާން މުހައްމަދު ދިފާއު ކުރީ، ގޯލްތެރެއަށް ވަދެވަދެ އޮއްވައެވެ.

ނިއުގެ ހަތަރު ވަނަ ލަނޑު އިބްރާހިމް ފަޒީލް (އޮއްޕޮ) ކާމިޔާބު ކުރީ، ވެސް އަޝްފާގް ދިން ފުރުސަތަކުން ނެވެ. އޭރިއާ ބޭރުން އަޝްފާގް ދިން ފުރުސަތު އޮއްޕޮ ގޯލް ތެރެއަށް ފޮނުވާލީ މާޅޮސްގެ ޑިފެންޑަރުންގެ ކައިރިން ނެއްޓިގަތުމަށްފަހު އެވެ. ހަމަޖެހިލާފައި އޭނާ ބޯލަ ފޮނުވާލީ ގޯލްގެ ދަނޑިއާ ކައިރިން، ކީޕަރު ޒަމީރު އަށް އެ ބޯޅަ ސަލާމަތް ކުރުމަށް އެއްވެސް ފުރުސަތެއް ނުލިބޭނެ ގޮތަށެވެ.

ނިއުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ސެންޓޭ އެވެ. އޭނާ ލަނޑު ޖެހީ، މެޗުގެ 77 ވަނަ މިނެޓްގައެވެ. އަޝްފާގް ހެޓްރިކް ހެދީ އޭގެ ދެ މިނެޓް ފަހުން ނެވެ. ސެންޓޭ ލަނޑު ޖެހުމުން، އެޓޭކިންގައި ކުޅެމުން ދިޔަ ކުޅުންތެރިންގެ ތެރެއަިން ގަލާޑޯ ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ލަނޑު ލިސްޓަށް އެރީ އެބެ. ގަލޯޑާ އަށް ފުރުސަތު ތަނަވަސް ކޮށްދީ އޭނާ އަށް ލަނޑު ޖަހަން ދަގަނޑޭ އާއި ސެންޓޭ ބޯޅަ ތަނަވަސް ކޮށްދިނެވެ. ނަމަވެސް ގޯލް ތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ. މެޗުގެ 90 ވަނަ މިނެޓްގައި ސެންޓޭ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ގަލާޑޯ ދިން ފުރުސަތެއްގަ އެވެ.

މި މޮޅާއެކު، ނިއު އެއް ވަނައިގައި އޮތީ، ދެ ވަނައިގައި އޮތް ޓީސީ އަށްވުރެ ދެ ޕޮއިންޓްގެ ކުރި އެރުމެއް ހޯދައިގެން ނެވެ. ނިއު އަށް 27 ޕޮއިންޓެވެ. ޓީސީ އަށް 25 ޕޮއިންޓެވެ.