ކުޅިވަރު

މާޒިޔާއިން ކޯޗްގެ އެއްބަސްވުން އިތުރެއް ނުކުރި

Oct 28, 2017
1

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މެސެޑޯނިއާ ކޯޗު މަރްޔާން ސެކުލޮސްކީގެ ކޮންޓްރެކްޓު އިތުރު ނުކޮށް އޭނާ ދޫކޮށްލުމަށް މާޒިޔާއިން ނިންމައިފި އެވެ.

މާޒިޔާގެ ފުރަތަމަ ބިދޭސީ ކޯޗު އެޓީމުން ދޫކޮށްލިއިރު ދިވެހި ލީގުގައި އެންމެ ފަހުން އެޓީމު ކުޅުނު ދެމެޗުންވެސް ނެރެފައިވަނީ ވަރަށް ދަށް ނަތީޖާތަކެކެވެ. ޓީސީ އަތުން ބަލިވިއުރ ގދ. ތިނަދޫ އަތުން މާޒިޔާ ވަނީ އެއްވަރު ވެފައެވެ. މިނަތީޖާތަކާއެކު މާޒިޔާ މިވަނީ ލީގުގެ ތިންވަނަ މަގާމަށް ވެއްޓިފައެވެ. ތާވަލުގެ އެއްވަނަ މަގާމުގައި އޮތް ނިއު ރޭޑިއަންޓާއި މާޒިޔާއާއި ދެމެދު ހަތް ޕޮއިންޓްގެ ތަފާތު އެބައޮތެވެ. ދެވަނަ މަގާމުގައި އޮތް ޓީސީއާއި މާޒިޔާއާއި ދެމެދުވެސް ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

އެންގިފައިވާ ގޮތުގައި މާޒިޔާއިން ސެކުލޮސްކީއާ ދެމެދުވެފައިވާ އެއްބަސްވުން މިމަހުގެ 31 ވަނަ ދުވަހު ހަމަވާނެއެވެ. މަޝްވަރާތަކަށްފަހު މާޒިޔާއިންވަނީ ސެކުލޮސްކީގެ އެއްބަސްވުން އިތުރުނުކޮށް އޭނާ ދޫކޮށްލުމަށް ނިންމާފައެވެ.

ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ މިއަހަރުގެ ޗެރިޓީ ޝިލްޑާއި އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށްފައެވެ. މޮޅު ކުޅުމަކާއެކު ސީޒަން ފެށި މާޒިޔާއަށް މައްސަލަތަށް ދިމާވާން ފެށީ މާލޭ ލީގު ދެވަނަ ބުރާހަމައިންނެވެ. އޭއެފްސީގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދާން ރަނުގެ ފުރުސަތެއް ލިބުނު މާޒިޔާއިން ވަނީ އެފުރުސަތުވެސް ނަގާލާފައެވެ.

ދިވެހި ޕްރިމިއާ ލީގު ފަށައިގެން އެޓީމަށް އިތުރު ހުރަސްތަކަކާ ކުރިމަތީ ޓީމުގެ ކެޕްޓަން އަދި އެއްނަންބަރު ފޯވާޑް އަސަދުﷲ އަބްދުﷲ މިލަންދޫއާއި ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަށް ފަހުއެވެ. އަސަދުﷲ އަނިޔާވެ ސީޒަންގެ ބާކީބައި ނުކުޅެވޭނެކަން ކަށަވަރުވެފައިވާއިރު އޭނާ ނެތި މާޒިޔާގެ ޓީމު ފެނިގެންދަނީ އެންމެ ތަފާތު ކުޅުމެއް ނޫނެވެ.

މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާއި ޔަންގޮން ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާއިން ކުޅުނު 31 މެޗުގެ ތެރެއިން 19 މެޗުން ވަނީ މޮޅުވެފައެވެ. ހަތް މެޗުން ބަލިވިއިރު ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މާޒިޔާއިން އެންމެ އަވަހަށް ލީގުގައި ކުޅޭ މެޗުގައި ނިކުންނާނީ އއ. މާޅޮސްއާއި ދެކޮޅަށް އަންގާރަ ދުވަހު ހަވީރު އެވެ.