ކުޅިވަރު

ތިން އަހަރުން ޒުވާން ޓީމުން ނަތީޖާ ދައްކާނަން: ސާންތީ

ޕްލޭނާ އެއްގޮތަށް މަސައްކަތް ގެންދެވިއްޖެނަމަ، 19 އަހަރުން ދަށުގެ ޓީމުން، ތިން އަހަރު ތެރޭ ނަތީޖާ ފެންނާނެ ކަމަށް ޓީމުގެ ހެޑް ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމު މިހާރު ތިބީ، ކަޒަކިސްތާންގައެވެ. އެއީ މިހާރު ކުރިއަށްދާ އޭޝިއާގެ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަ ކުރުމަށެވެ. އެ މުބާރާތުގައި ރާއްޖެ ހިމެނެނީ، ކަޒަކިސްތާނާއި އުޒުބްކިސްތާން އަދި ލަންކާ އާއި ބަންގުލަދޭޝް އާއެކު ގުރޫޕް 'ބީ' ގަ އެވެ.

މުބާރާތަށް ފުރުމުގެ ކުރިން، ސާންތީ ބުނީ، އެ މުބާރާތަކީ އޯގަސްޓް މަހުން ފެށިގެން، ގައުމީ ޓީމުން ކުރަމުން އަންނަ މަސައްކަތް ވަޒަން ކޮށްލަން ލިބޭ މުބާރާތެއް ކަމަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް، ވިދާޅުވެފައި ވަނީ، 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ސާންތީއަށް ދީފައި ވަނީ، ފަސް އަހަރުގެ ޓާގެޓެއް ކަމަށެވެ.

"ފުަރަތަމަ އަޅުގަނޑުމެން މި ކުރަނީ ކަރުދާހުގެ މަސައްކަތް [ކަރުދާހުގައި ޕްލޭންތައް ލިޔެ އެކުލަވާލުން] މިހެން ތިބެފައި އަޅުގަނޑުމެންނަކަށް (އެއްވެސް ކަމެއް ހާސިލު ކުރާނަމެކޭ) ނުބުނެވޭ، އެހެންވެ އަޅުގަނޑުމެން ފުރަތަމަ ކުރަނީ ޕްލޭން،" އަވަސް އާ ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ. "ގައިމުވެސް އެ ހުރިހާ ކަމެއް ބަރާބަރަށް ގޮސްފިއްޔާ ފަސް އަހަރަށް ވުރެ ކުރިން އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ނަތީޖާ ދައްކާނަން، ތިން އަހަރު ތެރޭ އިރާދުކުރެއވިއްޔާ މީގެ ތެރެއިން ނަތީޖާ ފެންނާނެ."

ސާންތީ ބުނީ ކުއްލިއަކަށް އެއްވެސް ޓީމަކުން ބަދަލެއް ނުފެންނާނެ ކަމަށާއި އެފްއޭއެމް އާއި ފުޓްބޯޅަ ސަޕޯޓަރުންވެސް މިކަމަށް ކެތްތެރިވާން ޖެހޭ ކަމަށެވެ.

"ކުއްލިއަކަށް މިކަންތައްތަކަކީ ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކުޅުންތެރިން މުސްކުޅިވެ ރިޕްލޭސްމެންޓް އަންނާނެ ކެއްތެރި ވެލަން ޖެހޭނެ، ފުޓްބޯޅަ އެސޯސިއޭޝަން މިހާރު އެއޮތީ ރަނގަޅު ޕްލޭނެއްގައި، އެމީހުން ކެތް ކޮށްލައިފިއްޔާ އޭގެ ނަތީޖާ ފެންނާނެ،" ސާންތީ ބުންޏެވެ. "ކޮންމެ ގައުމެއްގެ ގައުމީ ޓީމަށްވެސް މި މައްސަލަ އަންނާނެ، ރާއްޖެ އަށް މި ވަގުތު މިއޮތީ އެކަން ދިމާވެފައި އިރާދަ ކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް ފޫބެދިގެން ދާނެ."

ނަވާރަ އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. ސާންތީ ބުނީ ލަންކާއާ ދެކޮޅަށް ނަތީޖާއެއް ނެރުމަށް ވަރަށް ބޮޑަށް އަމާޒު ހިފާނެ ކަމަށެވެ.

ޒުވާން ޓީމު ކަޒަކިސްތާނަށް ދިޔައީ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ނުލައެވެ. ޓީމުގެ މުހިންމު ކުޅުންތެރިޔެއްގެ ކަކުލަށް ލިބުނު އަނިޔާއަކާއި، ކީޕަރުގެ ސައިނަސް މައްސަލަ އުޅޭތީ ފިނި ވުމުން އެކަމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރަތީ އެވެ.