ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް މިހާރު ކުޅެމުން އަންނަ ފިލްމު "ކެދާރްނާތް" ގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ މުޅިން އަލަށް ބޮލީވުޑަށް ނިކުންނަ ސާރާ އަލީ ޚާން އެވެ.
މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން އުއްތަރްކަންދް ސްޓޭޓުގައި ކުރިއަށް ގެންގޮސް ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި އެނބުރި މުމްބައި އަށް އައިސްފަ އެވެ.
ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިންގެ ތެރޭގައި ސުޝާންތާއި ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރާ ދެމެދު މައްސަލަތަކެއް ޖެހުނު ކަމަށް ވަނީ އަޑުތައް އަރާފަ އެވެ. ނަމަވެސް އެ ވާހަކަތައް އަބީޝެކް އާއި ސުޝާންތް އޭރު ވަނީ ދޮގުކޮށްފަ އެވެ.
ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްވެފައިވާއިރު ދެވަނަ ޝެޑިއުލްގެ ޝޫޓިން ނުފެށިގެން އުޅެނީ ސުޝާންތް ބޮޑާހާކާތީ އެވެ. ހަބަރުތައް ބުނާގޮތުން ދެވަނަ ޝެޑިއުލްގެ މަންޒަރުތައް ނަގަން ސުޝާންތް އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި ފިލްމު އުފައްދާ ފަރާތަށް ޝޫޓިން އަށް ދުވަހެއް ދޭން ވެސް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.
ޑައިރެކްޓަރު އަބީޝެކް ދެވަނަ ޝެޑިއުލްގެ ޝޫޓިން ފަށަން ތައްޔާރަށް ހުއްޓަސް ސުޝާންތް ބޮޑާހާކައި، ޝޫޓިން ފަސްކުރަން މަސައްކަތް ކުރަމުން އަންނާތީ އަބީޝެކް އޭނާ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން އުޅޭ ކަމަށްވެ އެވެ.
ފިލްމުގައި މަސައްކަތްކުރާ ގާތްފަރާތަކުން ބުނެފައިވަނީ ޝޫޓިން ފަސްކުރަން ސުޝާންތް ބާރުއަޅަމުން އަންނަތީ އެކަމާ ފިލްމުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެކަމާ އޭނާ ދެކެ ހިތްހަމަނުޖެހިގެން އުޅޭ ކަމަށެވެ.
ސުޝާންތްގެ އިތުރުން ސާރާ ވެސް ވަނީ ފިލްމުގެ ޝޫޓިން އުއްތަރްކަންދްގައި ކުރިއަށް ދަނިކޮށް ބޮޑާހާކައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.
ސާރާ ބޮޑާހޭކި ވާހަކަތައް ދޮގުކުރަން ޑައިރެކްޓަރު އަބީޝެކް ވަނީ އޭނާ އަކީ މުޅިން އާ ތަރިއެއް ނަމަވެސް ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ކުއްޖެއް ކަމަށެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރިލީޒްކުރާ "ކެދާރްނާތް" އަކީ މުސްލިމް ފިރިހެން ކުއްޖަކާއި ހިންދޫ އަންހެން ކުއްޖެއްގެ މެދުގައި އުފެދޭ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.