ކުޅިވަރު

ދިހަ ކުޅުންތެރިންނާއެކު ގްރީންއަށް މުހިންމު މޮޅެއް

Oct 30, 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ދ. ކުދަހުވަދޫ ބައްދަލުކުރި މެޗު --- ނަތީޖާއަކުން --- ކާމިޔާބުކޮށްފިއެވެ. މެޗަށް ނިކުތްއިރު ގްރީން އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގައި 13 ޕޮއިންޓާއެކުއެވެ. ދ. ކުޑަހުވަދޫ އޮތީ ތާވަލުގެ އެންމެ ފުލުގައި މެޗަކުން މޮޅު ނުވެ ދެޕޮއިންޓާއެކުއެވެ.

ގްރީން އާއި ގދ. ތިނަދޫ އާއި ދެމެދު ހަތަރުވަނަ މަގާމުގެ ވާދަވެރިކަން އިތުރުވެފައިވާ ދަނޑިވަޅުގައި ގްރީންއިން މިވަނީ މިއަދު ހޯދި މޮޅާއެކު އެޓީމާއި ތިނަދޫ އާއި ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ފުޅާކޮށްފައެވެ. ނަމަވެސް ތިނަދޫއަށް މިރޭގެ މެޗުން ނިއު ރޭޑިއަންޓު ބަލިކޮށްގެން ފަރަގު އަނެއްކާވެސް ޕޮއިންޓަކަށް ކުޑަ ކުރެވޭނެއެވެ. ގްރީންއަށް މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން ވަނީ 16 ޕޮއިންޓު ހަމަކޮށްފައެވެ.

މިއަދުގެ މެޗަށް ނިކުތްއިރު ދެޓީމުގެ ފުރަތަމަ 11 އިންވެސް ބަދަލުތަކެއް ފެނިގެންދިޔައެވެ. ދ. ކުޑަހުވަދޫ ޓީމުން ކާޑު ހަމަވެގެން އެޓީމާއި ޓީސީ ކުޅުނު މެޗު ގެއްލުނު ފޯވާޑް ޖިބޯލާ އަދި ޑިފެންޑަރު ހަސަން އިބްރާހިމް ވަނީ މިއަދުގެ މެޗު ސްޓާޓުކޮށްފައެވެ. މީގެ އިތުރުން ކްރިސްތިއަން ޑޮޑްޒީ ވެސް ވަނީ ފުރަތަމަ 11 އިން ޖާގަ ހޯދާފައެވެ.

ގްރީން ސްޓްރީޓްސް މެޗަށް ނިކުތްއިރު އަނިޔާގައި ހުރި ޖަޕާނު ކީޕަރު ޖުން ކުޗީގެ ބަދަލުގައި އަހުމަދު ފައިރޫޒް ގޯލުން ކުޅުނެވެ. ވާތުފަޅިން ފަހަތަށް މޫސާ ހަސަންގެ ބަދަލުގައި އަހުމަދު އަޝްފާން ކުޅުނެވެ. ނިއު އާއި ދެކޮޅަށް ގްރީން ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި އަލީ ޝާމިސްވެސް ވަނީ އޭނާގެ ސަސްޕެންޝަން ހަމަވެފައިވުމުން ބެންޗުން ޖާގަހޯދާފައެވެ.

މެޗުގެ ފުރަތަމަ ފުރުސަތު ލިބުނީ އެއްވަނަ މިނިޓުގައި ކުޑަހުވަދޫގެ ޖިބޯލާއަށެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގްރީންގެ ގޯލް ދަނޑިއަށެވެ. އެއަށްފަހު ގްރީންއަށްވެސް ފުރުސަތުތަކެއް ލިބުނެވެ.

ގްރީންގެ އަހުމަދު ހަސަން ޓީމު އެހެން ކުޅުންތެރިޔަކާ ޕާސްބަދަލުކޮށްލުމަށްފަހު އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުން ވިލިއަމް ވާތުފަޅިން އެތެރެއަށް ވަދެ ބާރު ބޯޅައެއް އޭރިޔާ ބޭރުން ފޮނުވާލިއެވެ. ނަމަވެސް ކުޑަހުވަދޫ ކީޕަރު ޔަޒީދު ވަނީ ވިލިއަމްގެ ސޮޓު ޕަންޗުކޮށްލާފައެވެ.

މެޗުގެ 26 ވަނަ މިނިޓުގައި ގްރީންއިން ގޯލެއް ކާމިޔާބުކުރަން މަސައްކަތް ކުރަމުން ދަނިކޮށް އެޓީމަށް ހުރަސްތަކަކާއި ކުރިމަތިވީ އެޓީމުގެ އަހުމަދު ހަސަންއަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. ބޯޅަ ނެތީސް ކުޑަހުވަދޫގެ އިރުފާންއަށް ހަމަލާދިންކަމަށް ބުނެ ރެފްރީ ވަނީ އަހުމަދު ހަސަންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ކާޑު ދެއްކުމާއެކު ގްރީންއިން ކުރިއަށް ކުޅުނު އަހުމަދު ނިޒާންގެ ބަދަލުގައި އަރިމަތިން ކުޅޭ ޒުވާން ކުޅުންތެރިޔާ ޝާމިސް ކުޅެން އެރުވިއެވެ.

މެޗުގެ 34 ވަނަ މިނިޓުގައި ކުޑަހުވަދޫއަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޖިބޯލާ ގްރީންގެ އޭރިޔާ ތެރެއިން ފަހަތަށް ޖައްސާލި ބޯޅަ ހުސްކޮށް ލިބުނީ ޝަހީމްއަށެވެ. އޭނާ އެއްފަހަރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. މިީއީ ކުޑަހުވަދޫއިން ފުރަތަމަ ހާފްގައި ގްރީންގެ ދަނޑިއަށް އަމާޒުވި ދެވަނަ ހަމަލާއެވެ.

ދެވަނަ ހާފް ފަށައިގެން ކުޑަހުވަދޫއިން ކުރިއަށް ޖެހިގެން ކުޅެން ފެށިއެވެ. އެގޮތުން 51 ވަނަ މިނިޓުގައި ޝަހީމް އަރިމަތިން ފޮނުވާލި ބާރު ހަމަލާ ކީޕަރު ފައިރޫޒް ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މެޗުގެ 54 ވަނަ މިނިޓުގައި ގްރީންއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ރިޒްކޯ ގޯލް ކުރިމަތިން ފޮނުވާލި ބޯޅަ ކުޑަހުވަދޫ ޑިފެނޑަރެއް ގައިގައި ޖެހިފައި ބްލޮކްވިއެވެ.

މެޗުގެ 58 ވަނަ މިނިޓުގައި ކުޑަހުވަދޫގެ އިރުފާން އެރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ފައިރޫޒް ޕަންޗުކޮށްލިއެވެ. ނަމަވެސް އެބޯޅަ އަލުން ލިބުނީ ޖިބޯލާއަށެވެ. އޭނާވެސް އެއްފަހަރުން ފޮނުވާލި ބޯޅަ ކީޕަރި ފައިރޫޒް ވަނީ ދެވަނަ ފަހަރަށްވެސް މަތަކޮށްފައެވެ.

ކުޑަހުވަދޫއިން ލީބުނު ފުރުސަތު ތަކުގެ ނަތީކާއަކަށްވީ ގްރީންއިން މެޗުގެ ލީޑު ނެގުމެވެ. ނުރައްކާތެރި ހިސާބަކުން ލިބުނު ހިލޭ ޖެހުން ވިލިއަން ވަނީ ގޯލްގެ މަތީ ކަނަށް ފޮނުވާލާފައެވެ.

ގްރީންއިން ދިހަ ކުޅުންތެރިންނާއެކު ލީޑެއް ނަގާފައިވަނިކޮށް މެޗުގެ 79 ވަނަ މިނިޓުގައި ކުޑަހުވަދޫއަށް ޕެނެލްޓިއެއް ލިބުނެވެ. ނަމަވެސް ޝަހީމް ކުރިއަށް ފޮނުވާލި ޕެނެލްޓި އަރިމަތީ ދަނޑީގައި ޖެހިފައި ބޭރުވިއެވެ.

މެޗު ނިމެން ގާތްވެފައިވަނިކޮށް 86 ވަނަ މިނިޓުގައި ގްރީންގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ އަމާޒުވީ ކުޑަހުވަދޫގެ ގޯލް ދަނޑިއަށެވެ.

ކުޑަހުވަދޫއިން މެޗުގެ ފަހު ވަގުތުކުޅު ގޯލެއް ކާމިޔާބުކުރަން މަސައްކަތް ކުރި ނަމަވެސް ގްރީންއިން ވަނީ ކުޑަހުވަދޫ ހިފަހައްޓައި ތިން ޕޮއިންޓު ހޯދާފައެވެ.