އޭއެފްސީ ކަޕްގައި މާދަމާ ހަވީރު އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާދަމާ ހަވީރު އަމިއްލަ ދަނޑުގައި ނުކުންނައިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މާޒިޔާގެ މުހިންމު ޑިފެންޑަރު ބަލްގޭރިއާގެ ޒިވްކޯ ޑިނޭފް ނެތްތަން މާޒިޔާ އަށް ފޫބެއްދޭނެ ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން މިއަދު ބުނެފި އެވެ.
މާޒިޔާ އަށް އޭއެފްސީ ކަޕްގެ ދެވަނަ ބުރުގެ އުންމީދު ދެމެހެއްޓޭނީ މާދަމާ ބެންގަލޫރު އަތުން މޮޅުވެގެންނެވެ. ގުރޫޕް އީގެ ދެވަނައިގައި ބެންގަލޫރު އޮތީ ނުވަ ޕޮއިންޓާއެކު އެވެ. މާޒިޔާ އޮތީ ހަތަރު ޕޮއިންޓާއެކު އޮތީ ތިން ވަނައިގަ އެވެ. މާޒިޔާއާ ދެކޮޅަށް މާދަމާ ކުޅޭ މެޗު އެއްވަރުވިޔަސް، ބެންގަލޫރަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވާނެ އެވެ.
ފާއިތުވި ދެ ސީޒަންގައި ވެސް މާޒިޔާގެ ޑިފެންސް ބެލެހެއްޓި ތަޖުރިބާކާރު ޑިފެންޑަރު ޒިވްކޯ އަށް އަނިޔާވީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ކްލަބް އީގަލްސްއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގަ އެވެ. މި މެޗުގައި ޒިވްކޯ އަށް ލިބުނު އަނިޔާ އަށް އިތުރު ފަރުވާ ހޯދުމަށް އޭނާ މިއަދު ސްރީލަންކާ އަށް އެ ކްލަބުން ފޮނުވާނެ އެވެ.
ސުޒޭން ބުނީ ޒިވްކޯ އަކީ މާޒިޔާ އަށް މުހިންމު ކުޅުންތެރިއަކަށްވިޔަސް، މާޒިޔާގައި މިހާރު އޮތް ސްކޮޑަކީ ޒިވްކޯ ނެތްތަން ފޫބެއްދޭ ފެންވަރުގެ ސްކޮޑެއް ކަމަށެވެ.
"މިހާރު މާޒިޔާގައި މި އޮތް ސްކޮޑުން ޒިވްކޯ ނެތްތަން ފޫބެއްދޭނެ. ޒިވްކޯ އަކީ މުހިންމު ކުޅުންތެރިއެއް. އެކަމަކު މިދިޔަ އަހަރު ވެސް ޒިވްކޯ ނުކުޅޭ ބައެއް މުހިންމު މެޗުތަކުގައި މާޒިޔާ އިން ވާނީ ރަނގަޅު ނަތީޖާތަކެއް ނެރިފައި. އެހެންވީމަ ޒިވްކޯ ނެތްތަން ދެ ތިން މެޗަށް ފޫބެއްދުމަކީ މައްސަލައަކަށް ނުވާނެ،" ސުޒޭން ބުންޏެވެ.
މާޒިޔާ އާއި ބެންގަލޫރު އިންޑިއާގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ ބެންގަލޫރެވެ.
ސުޒޭން ބުނީ ބެންގަލޫރަކީ ގަލޮޅު ދަނޑުގައި މާޒިޔާ އަށް ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް ނޫން ކަމަށެވެ.
"އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ވާދަވެރި ގައުމެއް. އިންޑިއާގެ ޓީމަކާއި ދިވެހި ޓީމެއް ކުޅޭއިރު، އިންޑިއާގެ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިން ކުރިމަތިލާއިރު މޮޅުވާން ގޮތްތަކެއް ހޯދަން އެބަޖެހޭ. ގައުމީ ޓީމަށް ވެސް ފައިދާކުރާނެ ގޮތަކަށް ނަތީޖާ ނެރެން އަޅުގަނޑުމެން މަސައްކަތްކުރާނީ،" ސުޒޭން ބުންޏެވެ.