ޔޫރީ އެޓޭކަށްފަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހުނު ސިޔާސީ މައްސަލައި ގައި ބޮލީވުޑްގައި ހަރަކާތްތެރިވަމުން އައި އެ ގައުމުގެ ތަރިން ބޮލީވުޑްގެ ފިލްމުތައް ކުޅުން ވަނީ މަނާކޮށް ވަނީ އިންޑިއާއިން ބޭރުކޮށްފަ އެވެ.
"ހޫބްސޫރަތް" އިން ބޮލީވުޑަށް ތައާރަފުވި ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން އަކީ ޕާކިސްތާނުގެ ތަރިންގެ ތެރެއިން ބޮލީވުޑްގައި އެންމެ ވިދާލި ތަރި އެވެ.
ފަވަދް އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި "އޭ ދިލްހޭ މުޝްކިލް" އިންނެވެ.
ފަވަދްގެ ކިތަންމެ ބައިވަރު ފޭނުންނެއް އޭނާ ހިންދީ ފިލްމުތަކުން ފެނޭތޯ އެދިއެދި ތިބި ނަމަވެސް ބޮލީވުޑްގެ ފިލްމެއް ދެން ކުޅެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެކަމާ ގުޅިގެން ފަވަދް ހޮލީވުޑް ފިލްމު ކުޅެން މިސްރާބް ޖަހާފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.
ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދެ ފިލްމަކުން ފެނިގެން ގޮސްފައިވާ ފަވަދް އަށް ދެން ހިންދީ ފިލްމު ކުޅެވެން ނެތްއިރު، ކަރަން ވަނީ ފަވަދް އަށް ހޮލީވުޑްގައި ކުރިއަށް ދާން އިރުޝާދު ދީފަ އެވެ.
ފަވަދްގެ ގާތްފަރާތަކުން ނޫސްތަކަށް ބުނެފައިވަނީ، ކަރަންގެ އެދުމަކަށް ހޮލީވުޑް ފިލްމުތައް ކުޅެން ފުރުސަތު ލިބުނު ނަމަވެސް މިހާތަނަށް އޭނާ އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފާފައި ނުވަނީ ހުޅަނގުގައި އޭޝިއާގެ ތަރިންނާ މެދު ގެންގުޅޭ ތަފާތުކުރުން ތަކުގެ ބޮޑު ކަމުންނެވެ. ނަމަވެސް ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ހޮލީވުޑަށް ގޮސް އޭނާ އަށް ލިބެމުން އަންނަ ތަރުހީބާއި ފުރުސަތުތަކުގެ ސަބަބުން ހޮލީވުޑް ފިލްމު ކުޅެން އަލުން ފަވަދްގެ ހިތުގައި ބޮޑު ޝައުގެއް ވަނީ އުފެދިފަ އެވެ. އަދި އޭނާ މިހާރު އަންނަނީ ހޮލީވުޑް ފިލްމުތަކުން ފުރުސަތު ލިބޭތޯ ބަލަމުންނެވެ.
"ހޮލީވުޑް ފިލްމު ކުޅެން ފަވަދް ކުޑަކޮށް ޖެހިލުންވޭ. އެކަމަކު ޕާކިސްތާނުގެ ފިލްމުތަކުންނާއި ބޮލީވުޑްގެ ކެރިއަރަށް ވެސް ވާނެ ގޮތެއް ނޭނގޭތީ ހޮލީވުޑްގައި ހުރި ފުރުސަތުތައް އަންނަނީ ބަލަމުން،" ފަވަދްގެ ގާތްފަރާތަކުން ބުނެފައިވެ އެވެ.
ފަވަދް ޕާކިސްތާނަށް ބަދަލުވި ފަހުން ކުޅުނު ފުރަތަމަ ފިލްމު "މައުލާ ޖަޓް 2" ވަރަށް އަވަހަށް ރިލީޒްކުރާނެ އެވެ. އެ ފިލްމުގައި ފަވަދާ އެކު މާހިރާ ޚާން ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.
ފަވަދް މިހާރު އަންނަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމާ އެކު މިއުޒިކް ޝޯއެއްގެ ޖަޖުކަން ވެސް ކުރަމުންނެވެ.