ކުޅިވަރު

ޓީސީ އެއްވަރުވެ ނިއު ލީގު ކާމިޔާބުކުރުމާ ގާތަށް

Nov 1, 2017

މިރޭ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ށ.މިލަންދޫ ބައްދަލުކުރި މެޗު އެއްވަރުވެ ޓީސީ އާއި ނިއުގެ ދެމެދުގައި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ފުޅާވެއްޖެ އެވެ.

މިނަތީޖާ އާއެކު ޓީސީ އޮތީ 11 މެޗުން ލިބުނު 26 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެޓީމާއި ނިއު އާއި ދެމެދު އޮތް ފަރަގު މިހާރު މިވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފައެވެ. މިލަންދޫއަށް ބަލާއިރު އެޓީމު ތާވަލުގެ ހަތް ވަނަ މަގާމުގައި އޮތީ 11 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ.

މެޗަށް ނިކުތްއިރު ޓީސީއިން ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ އެޓީމުން އާމުކޮށްވެސް ނެރޭ އެގާރައެވެ. މިލަންދޫއިން އިބްރާހިމް ސައީދު ކާޑު ހަމަވެގެން ނުކުޅޭއިރު ދެން މިލަންދޫ ޓީމުގައިވެސް ތިބި ގިނަ ކުޅުންތެރިންނަކީ ގްރީން އާއި ކުޅުނު މެޗުގައިވެސް ކުޅުނެ ކުޅުންތެރިންނެވެ.

މެޗުގައި ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަވެސް އެޓީމުން ވަނީ އެފުރުސަތުތަށް ނަގާލާފައެވެ. ކޮޕް ސްކޯރާ ސްޓްވާޓް ކޮނަލިއަސްގެ އިތުރުން އިބްރާހިމް މަހުދީ އަދި ނާއިޒް ހަސަން އާއެކު ތިން ޕޮއިންޓް ހޯދަން ނިކުތް ޓީސީއަށް މެޗުގެ ތެރެގޭގައި ގިނަ މައްސަލަތަކަކާއި ދިމާވިއެވެ.

ދެވަނަ ހާފްގެ 62 ވަނަ މިނިޓުގައި ސާމިރުގެ ބަދަލުގައި މިސްރު މިޑްފިލްޑަރު ހަލީލް އަރުވައިގެން ޓީސީއިން ވަރުގަދައަށް އެޓޭކު ކުރަން ފެށި ނަމަވެސް މިލަންދޫގެ ކުޅުންތެރިންވަނީ ޓީސީގެ އެޓޭކުތަކަށް ހުރަސް އެޅުމުގެ ގޮތުން މެޗު ވަރަށް ބޮޑަށް ލަސްކޮށްފައެވެ. އެޓީމަށް ޕްރެޝަރު ބޮޑުވާ ވަގުތު ތަކުގައި މިލަންދޫގެ ދެކުޅުންތެރިންވެސް ބައެއް ފަހަރު ފަރުވާއަށް އެދެއެވެ. މިހެންވުމުން ޓީސީގެ އެޓޭކުތަށް ފުލުފުލުގައި ކުރިއަށް ނުގެންދެވެއެވެ. ނަމަވެސް ޓީސީއިން ވަނީ އިތުރު ވަގުތަށް ދެއްކި އައް މިނިޓުގެ ތެރޭގައި ލިބު ގިނަ ފުރުސަތުތަކެއްވެސް ނަގާލާފައެވެ.

މެޗުގައި މިލަންދޫގެ ކީޕަރު އިމްރާންގެ ފަރާތުންވެސް ވަނީ މޮޅު ސޭވްތަކެއް ފެނިގެންގޮސްފައެވެ. ދެވަނަ ހާފްގައި މުޅި ޓީމު ފަހަތަށް ޖެހިގެން ކުޅުނު މިލަންދޫއިން ވަނީ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފްގައި ޓީސީ މިޑްފިލްޑަރު އިބްރާހިމް ވަހީދު ހަސަން ފޮނުވާލި ހަމަލާ ދިޔާއި އިމްރާން އަތުގައި ޖެހިފައި ގޯލްގެ ދަނޑި ކާރިން ބޭރަށެވެ.

އޭގެ ފަހުން ކަނާތުފަޅިން ސްޓްވާޓް ކޮނަލިއަސް ދެކުޅުންތެރިން ކާރިން ކަޓުވާލާފައި ހަނި އޭންގަލަކުން ފޮނުވާލި ހަމަލާ ކީޕަރުން އިމްރާން ވަނީ މެއިން ދިފާއުކޮށްފައެވެ.

މިލަންދޫ ގޯލްގެ ވާތު ފަޅިން ލިބުނު ހިލޭ ޖެހުމަކުން ހަލީލް ނަގައިދިން ހުރަސް ޖަހަން އެރި ހާނީފް ބޮލުގައި ނުޖެހި ގޯލްގެ ދުރު ދަނޑި ކާރިއަށް ވެއްޓުނު ނަމަވެސް އެބޯޅައަށް ފާޕޯސްޓަށް ވަދެހުރި ޑިފެންޑަރު އީސާ އަލްމަގްރަބީއަށް ލިބޭވަރަށްވުރެ ބާރަށްގޮސް ބޯޅަ އަރިމަތިން ބޭރުވި އެވެ.

ޓީސީ ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ ނޮވެންބަރު ހަތަރު ވަނަ ދުވަހުގެރޭ އއ.މާޅޮސް އާއި ދެކޮޅަށެވެ. މިލަންދޫ ނިކުންނަނީ އެދުވަހު ހަވީރު މާޒިޔާ އާއި ދެކޮޅަށެވެ. ޖެހިގެން އަންނަ ދުވަހު ނިއު ނިކުންނާނީ ލީގުގެ ފުލުގައި އޮތް ދ.ކުޑަހުވަދޫ އާއި ދެކޮޅަށެވެ.